ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވެގެންދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށާއި މިއީ ފަރުވާ ކުޑަވެގެން ދިމާވެފައިވާ ކަމެއް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިދިޔަ 24 ގަޑިއިރު ކޮވިޑަށް ޕޮޒިޓިވް ވި މީހުން 100 އިން މައްޗަށް އަރާފައިވާއިރު އެންމެ ފަހުން 100 އަށްވުރެ ގިނަ މީހުން ޕޮޒިޓުވް ވެފައިވަނީ ނޮވެމްބަރު މަހުގަ އެވެ. ދެ މަހަށްފަހު އަނެއްކާވެސް ކޭސްތައް 100 އަށްވުރެ މައްޗަށް ގޮސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ބަލި ފެތުރުން އިތުރުވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެން ނަމަވެސް މި ލުއިތަކާއެކު ގިނަ މީހުން ފަރުވާ ކުޑަކުރަމުންދާ ކަން ފާހަގަވެފައިވާ ކަމަށާއި ފަރުވާކުޑަ ކުރާނަމަ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑް-19 ދެމިއޮތަސް ސްކޫލްތަކާއި ވިޔަފާރިތައް އަބަދު ބަންދުކޮށްފައި ނުބެހެއްޓޭނެ. ޓޫރިޒަމް ވެސް ހުޅުވާލައިގެން ނޫނީ ގައުމަށް ފައިދާއެއް ނުވާނެ. އުޅެންވީ ގޮތް ގައިޑްލަިއންތަކުގައި އެވަނީ ތަފްސީލުކޮށް ކިޔައިދީފަ. އެޗްޕީއޭއިން މީގެ ކުރިން މިހާ ގިނަ ގައިޑްލައިންތަކެއް ނުހަދާ. އެހެންވީމަ އެގައިޑްލައިންތަކުގަ ބުނެފައިވާ ގޮތަށް ނޫޅެންޏާ ކޭސްތައްވެސް އިތުރުވާނެ. ދެން ޖެހޭނީ އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރަން." އޭނާ ވިދާޅުވި އެވެ.

ފިހާރަތަކުގައި ބޮނޑިވެގެން ގިނަ މީހުން ތިބުމާއި، މަގުމަތީގައްޔާއި ސައިހޮޓާ ރެސްޓޯރަންޓްތަކުގައި ކާ ގަޑި ފިޔަވައި އެހެނިހެން ގަޑިތަކުގައި ވާހަކަ ދައްކަން މާސްކު ނަގައިގެން ތިބޭކަން ފާހަގަ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ މިފަދަ ކުދި ކުދި ކަންކަމުގެ ސަބަބުން ކޭސްތައް މިއަށްވުރެވެސް އިތުރުވުން އެކަށިގެންވާ ކަމަށެވެ. އެހެން ކަމުން މިފަދަ ކަންކަމަށް ފަރުވާތެރިވުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖުމުލަ 108 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެއީ މާލެ ސަރަހައްދުން 79 މީހަކާއި އަތޮޅުތެރެއިން ފަސް މީހަކާއި ރިސޯޓުތަކުން 23 މީހަކާއި ސަފާރީތަކާއި ޔޮޓްތަކުން މީހެކެވެ.

އެންމެ ފަހުން ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު 150 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ މަހު ދަށުގައި އުޅުނު ނަމަވެސް، މިމަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެ އެވެ.