އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ލުޓޮން ޓައުންގެ މައްޗަށް ކުރި ހޯދައި ޗެލްސީން ފަސްވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ލުޓޮންގެ މައްޗަށް ޗެލްސީން ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އިނގިރޭސި ފޯވަޑް ޓެމީ އަބްރަހަމް ޗެލްސީއަށް ހެޓްރިކް ހަދައިދީފައިވާ އިރު، މޮޅާއެކު ކޯޗު ފްރޭންކް ލެމްޕާޑަށް ވަނީ ޕްރެޝަރު ކުޑަވެފައެވެ.
ޗެލްސީން މެޗަށް ނުކުތީ ލީގުގައި ދަށް ފޯމެއްގައި އޮވެގެންނެވެ. މިދިޔަ މަހުގެ ކުރީކޮޅު ޗެލްސީން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، ގިނަ މެޗުތަކަކުން ބަލިވެ، ޗެލްސީން މިހާރު ވަނީ ލީގު ތާވަލުގެ ނުވަވަނައަށް ވެއްޓިފައެވެ. އެ ނަތީޖާތަކާއެކު ލެމްޕާޑްގެ ކޯޗު ކަމުގެ ވަޒީފާއަށް ޕްރެޝަރު ބޮޑުވެފައި އޮތް އިރު، މިރޭގެ މޮޅާއެކު ލީގު މެޗުތަކަށް ޗެލްސީއަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިފައެވެ.
މެޗުގެ ކުރީކޮޅުގައި ޓީމޯ ވާނާގެ ހުރަހަކުން ޓެމީ އަބްރަހަމް ލީޑު ނަގައިދީފައިވާ އިރު، ދެވަނަ ގޯލަކީ ރީސް ޖޭމްސްގެ ހުރަހަކުން އަބްރަހަމް ބޮލުން ޖެހި ގޯލެކެވެ. މިރޭގެ މެޗުގައި ޗެލްސީގެ ކެޕްޓަންކަން މޭސަން މައުންޓް ކޮށްފައިވާ އިރު، ޗެލްސީން ދެ ގޯލު ޖަހާފައި ވަނިކޮށް ޖޯޑަން ކްލާކް ވަނީ ލުޓޮންއަށް ގޯލެއް ޖަހައިދީފައެވެ. އެ ގޯލަކީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ އަތުން ހެދުނު ގޯހަކުން ޖެހި ގޯލެކެވެ.
މެޗުގެ ފަހު ހާފުގައި އަބްރަހަމްގެ އިތުރު ގޯލެއް ފެނުނު އިރު، ވާނާގެ ފަރާތުން ޕެނެލްޓީއެއް ނާކާމިޔާބުވި ތަން ފެނިފައިވެއެވެ. މިދިޔަ ސީޒަނުގައި ލެއިޕްޒިގަށް މޮޅު ކުޅުމެއް ދެއްކުމަށްފަހު މި ސީޒަނަށް ޗެލްސީއަށް ބަދަލުވި ވާނާގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް އަދި ފެނިފައެއް ނުވެއެވެ. އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ތިންވަނަ ޑިވިޝަންގެ މޯކަމްބޭ ކޮޅަށް ވާނާ ޖެހި ގޯލަކީ އޭނާ 13 މެޗަށްފަހު ޗެލްސީއަށް ޖަހައިދިން ގޯލެކެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް