ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 2018 ވަނަ އަހަރު ހައްޔަރުކުރި މަޝްހޫރު ބޮޑީ ބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) އަށް ލިބިފައިވާ ގައުމީ އިނާމު އަތުލުމާމެދު ގޮތެއް ނިންމާނީ ޝަރުއީ މަރުހަލާ ނިމުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އިފީހުން ބުނެފި އެވެ.
ޝާންޓޭ ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށް، ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަަމާނު މަބްރޫކް އަޒީޒް މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޝާންޓޭއަށް ދީފައިވާ ގައުމީ އިނާމު އަތުލުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
މަބުރޫކް ވިދާޅުވީ ޝާންޓޭއަށް ދީފައިވާ ގައުމީ އިނާމު އަތުލާނީ އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިންމާ ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުން ކަމަށެވެ.
"މިސާލަކަށް ކުރިމިނަލް ކޯތުގެ ނިންމުމުގެ މައްޗަށް އަޅުގަނޑުމެން އެ އިނާމު އަތުލީ. ދެން ޝާންޓޭގެ ފަރާތުން މިމައްސަލަ އިސްތިއުނާފަށް ހުށަހަޅައި، އިސްތިއުނާފު މަރުހަލާ ނިމިގެން ގޮސްދާނެ ކުރިމިނަލް ކޯޓުގެ ނިންމުމާ މުޅިން އިދިކޮޅަށްވެސް. އެހެންވެ ގައުމީ އިނާމާބެހޭ ކޮމިޓީއިން މަޝްވަރާ ކުރުމަށްފަހު މި ނިންމީ ޝަރުއީ މަރުހަލާ ނިމުމުން ޝާންޓޭގެ އެވޯޑު އަތުލުމާމެދު ގޮތެއް ކަނޑައަޅަން." އޭނާ ވިދާޅުވި އެވެ.
ގައުމީ އިނާމާބެހޭ އުސޫލުގައިވާ ގޮތުން، ގައުމީ އިނާމެއް ލިބިފައިވާ މީހެއްގެ އަތުން، ގައުމީ އިނާމެއް ނިގުޅައިގަންނަން ޖެހޭ ފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ނުވަތަ ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެ ފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ ކަމެއް ބަލާނެ އެވެ. އަދި އެކަމަކީ އެ އިނާމެއް ނިގުޅައިގަންނަންޖެހޭ ފަދަ ކަމެއް ކަމުގައި ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފެނިއްޖެ ނަމަ، ތަފުސީލު ސަބަބާއެކު، އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ލިބިގެންވެ އެވެ.
ދައުލަތުން ޝާންޓޭގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް އެ ހުކުމްގައި އޭނާއަށް ވަނީ އަންގައިފަ އެވެ.
ޝާންޓޭ ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހުގެ ރޭ 10:30 ހާއިރު ހ. ސާމަރާގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ކުރިމިނަލް ކޯޓުގެ ހުކުމްގައި ބުނީ ހ. ސާމަރާގޭގައި ޝާންޓޭ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެ ކޮޓަރީގެ ސްޓޮކް ރޫމް ތެރޭގައި ޓޭޕްއަޅައި ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ޑަސްބިން ކޮތަޅެއްގެ ތެރެއިން ހަތް ޕެކެޓުގައި 6924.800 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.
ޝާންޓޭގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް ހުކުމްގައި ބުނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ޝާންޓޭގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ޝާންޓޭ ވަނީ ސަރުކާރުން ދޭ އެންމެ މަތީ އިނާމު ކަމަށްވާ ގައުމީ އިނާމު ވެސް ހާސިލުކޮށްފަ އެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފައެވެ. އޭގެ އިތުރުން އޭނާއަކީ މިސްޓަ މޯލްޑިވްސް ބޮޑީބިލްޑިން މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ބޮޑީބިލްޑަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު