ޚަބަރު

އެންޑީއޭ އަށް އިސްލާހު ގެނައުން ލަސްވުމަކީ ރާއްޖެއަށް ލިބޭނެ ގެއްލުމެއް: ނަޝީދު

ރިފާ ހަލީލު

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އިސްލާހު ގެނައުން ލަސްވެ، ފަސްވެގެންދިޔުމަކީ މުޅި ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެންޑީއޭގެ މަސައްކަތް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ އެތައް ބަޔަކު ތިބިއިރު އެމީހުންނަށް ފަރުވާ ދިނުން ލަސްވެ އެތަކެއް މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

މަޖިލިސް ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޑީއޭ އަށް އިސްލާހެއް ގެންނަން ޖެހިފައިވާކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށާއި މަސައްކަތް ފަސް ވެ، ލަސްވަމުންދިޔުމަކީ މުޅި ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވި އިރު ނޭޝަނަލް ޑްރަގް އެޖެންސީ ހިންގުމުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް އާންމު ފަރާތްތަކަކުންވަނީ މަޖިލިހަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގައި ޖަމިއްޔާތަކުން ވަނީ އެންޑީއޭ ހިންގާ ގޮތާމެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ.

ދާދިފަހުން އެންޑީއޭގެ ސީއީއޯގެ މަގާމަށް ވަނީ ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޝަހީލު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވިތާ ފަސް މަސް ފަހުން އެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު ހަބީބެވެ.

އެންޑީއޭގެ މެނޭޖްމަންޓް ބަދަލުކޮށް އިސްލާހު ގެނައުމަށް ގޮވާލައި ބަޔަކު މުޒާހަރާވެސް ކުރި އެވެ. ފަރުވާ ނުލިބި ތިބި އެތައް ބަޔަކަށް ފަރުވާދިނުން ސަބަބަކާ ނުލައި ލަސްކުރާ ކަމަށްބުނެ އެމީހުން ވަނީ އަޑު އުފުލައިފަ އެވެ. ގާނޫނުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ޑިޓޮކްސް ސެންޓަރާއި ރިމާންޑު ސެންޓަރެއް ހުންނަން ޖެހޭ ކަމަށް ބަޔާންކޮށްފައި ވާއިރު، ނުވަ އަހަރު ވެގެންދިޔައިރު ވެސް އެ ސެންޓަރު ގާއިމު ނުކުރެވި ދިގުލައިގެން ގޮސްފައިވާ ކަމަށްބުނެވެސް ވަނީ އަޑު އުފުލައިފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑަލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދިނުމަށް ހާއްސަ މަރުކަޒެކެވެ.

ޖެންޑާ މިނިސްޓްރީގެ އިސް އޮފިޝަލަކު މީގެ ކުރިން "ވަން"އަށް ވިދާޅުވީ، އެ މަރުކަޒުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާރު ނުނިމި ހުރީ ރިނޮވޭޝަންގެ ބައެއް މަސައްކަތްތަކާއި ވަށައިގެން ފެންސު ޖަހުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ޖެނުއަރީ މަހުގެ ތެރޭގައި އެ މަރުކަޒަށް މީހުން ގެންގޮސް ފަރުވާދޭން ފެށުމަށް ކަމަށެވެ.

އެކޮމޮޑޭޝަން ބްލޮކެއްވެސް ހިމެނޭ އެ ރިމާންޑް ސެންޓަރަކީ، 200 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ސެންޓަރެކެވެ. އެނގިފައިވާގޮތުގައި ހުކުމްކޮށް ފަރުވާ ނުފެށި 800 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒަކަށް ގެންގޮސް (ރެސިޑެންޝަލް) ފަރުވާ ދޭން ޖެހޭ 602 މީހަކާއި، ކޮމިޓީ ފަރުވާއަށް ހުކުމް ކޮށްފައިވާ 223 މީހެއްގެ އިތުރުން، އިންޑިވިޖުއަލް ފަރުވާއަށް ހުކުމްކޮށްފައިވާ 64 މީހެއް ހިމެނެ އެވެ.