(21 ޖެނުއަރީގެ އަދަދާ ގުޅޭ)

قـاضى أبـو جـعـفـر ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. "ލޮބުވެތި ޢިއްޒަތްތެރީން! އަޅުގަނޑުގެ ޚިޔާލު ތިޔަ ހުރިހައި ޢިއްޒަތްތެރީންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. سعـد بـن عبــدالمـنعــم އެފާޅުކުރެއްވީ ގާތްގަނޑަކަށް އަޅުގަނޑުގެ ޚިޔާލު. އަޅުގަނޑުގެ ލިޔުންތަކާއި ވާހަކަތަކުގައި އެ ޚިޔާލު ވާނީ އެތައްފަހަރަކު ތަކުރާރުކޮށްފައި. އެހެންކަމާއެކުވެސް އަޅުގަނޑު ތިޔަބޭކަލުންގެ ރައުޔާ ޚިލާފެއް ނުވާނަން. މުލޫކުއްޠަވާއިފުންނަށް އިޞްލާޙުވެވަޑައިގެން ތެދުމަގަށް ވަޑައިގެންނެވުމުގެ އެންމެފަހު ފުރުސަތު ދެއްވާ. އަޅުގަނޑު އެބޭފުޅުންނަށް ކުރާ ނަފުރަތާއި އަޅުގަނޑުގެ ހިތުގައިވާ ފޫހިކެރުވުމާއެކުވެސް އަޅުގަނޑު ދުޢާކުރަން. މާތް اللّـه އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ ރަސޫލާގެ ބާޣީންނަށް ތެދުމަގު ޚިޔާރު ކުރުމުގެ ފުރުސަތު ދެއްވާށި. މިއްލަތު ވިއްކަވާ ބޭފުޅުންގެ ގޮތުގައި ތާއަބަދު ނުތިއްބަވައި މުސްލިމުންގެ ޣާޒީން ކަމުގައި ވެވަޑައިގެންނެވުމުގެ ތައުފީޤު ދެއްވާށި!

قـاضى أبــوالــوليـــد އަކީ ޢިލްމުވެރީންގެ ވަފުދުގެ ޤާއިދަކަށް ވެވަޑައިގެންނެވުމަށް ވަރަށް ލާއިޤު ބޭކަލެއް. ރަނގަޅުވާނީ ޚުދު އެކަލޭގެފާނު ވަފުދުގެ މެމްބަރުން ޚިޔާރު ކުރެއްވުން. އެކަމަކު އަޅުގަނޑެކޭ އެއްފަދައިން މި ވަފުދުގެ މަސައްކަތުގެ ނަތީޖާއާމެދު ރަނގަޅު އުންމީދުތަކެއް ނުކުރައްވާ ބޭކަލުންވެސް އަތްޕުޅު އުރައިލައްވައިގެން ތިއްބަވަންވީކީ ނޫން. މި ވަފުދުގެ މަސައްކަތް ނާކާމިޔާބު ވެއްޖެނަމަ ކުރިމަތިލާންޖެހޭނެ ޙާލަތާ ކުރިމަތިލުމަށްޓަކައި މިހާރުއްސުރެ ޤައުމު ތައްޔާރުކުރުވާންޖެހޭ. މުލޫކުއްޠަވާއިފުން އިޞްލާޙުވެވަޑައިނުގެންފިނަމަ އަޅުގަނޑުމެން އެބޭފުޅުންނާ ކުރިމަތިލާންޖެހޭނެ. އެތެރެޔާއި ބޭރުގެ ނުރައްކަލާ އެއްފަހަރާ ކުރިމަތިލުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ އުރައްޕަކާއި ބާރެއް ބޭނުންވާނެ. އެފަދަ ބާރެއް ތައްޔާރުކުރުމަށްޓަކައި އަޅުގަނޑުމެން ހަމަ މިހާރުން ފެށިގެން މަސައްކަތް ފަށާންޖެހޭނެ. އަޅުގަނޑު އިޢުތިރާފުވިޔަ ދެއްވާ. މިހައިތަނަށް އަޅުގަނޑުމެންނަށް ކުރެވިފައިވަނީ ހަމައެކަނި ދައްކައިލުމުގެ މަސައްކަތްތަކެއް. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ޢިއްޒަތާއި މިނިވަންކަމުގެ ދުޝްމިނުން މިހާރު އެތިބީ ވަރަށްބޮޑަށް ހޭލައި. މި މަޖްލިސުގައި ވަރަށްގިނަ ޒުވާނުން އެބަތިބި. އަޅުގަނޑު ޒުވާނުންނަށް މަޝްވަރާ ދެން. ޤައުމު ޣާފިލުކަމުގެ ނިދީން ހޭލައްވާން ތިޔަ ޒުވާނުންގެ ދުވާލާއި ރޭގަނޑު އެއްކޮށްލާ. ވަގުތުގެ ނަޤީބުން ޙަޔާތުގެ ޢަމަލީ މައިދާނުގައި ތިބެ ޒުވާނުންނަށް އެބަ ދަޢުވަތުދޭ. ތިޔަ ޒުވާނުންގެ ދުނިދަނޑިތައް މަރާމާތުކުރޭ. ތުރުކަސްތައް ތީރުތަކުން ފުރައިލާ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް މީހަކަށް ތިޔަ ޒުވާނުންގެ އަމާޒުފަތްގަނޑު ބުނެލައިދެވޭނީ އޭރުން."

قـاضى أبــوالــوليـــد ތެދުވެވަޑައިގެން ވަފުދުގެ ހަތް މެމްބަރުންގެ ނަންފުޅުތައް އިޢުލާން ކުރެއްވުމާއެކު އެހައިތަނުން މަޖްލިސް ނިމުނީއެވެ. ޖަލްސާ ނިމުމާއެކު ވަރަށްގިނަ މީހުން سعد ގެ އަރިހަށް ޖަމާވިއެވެ. سعد ހުންނަވަނީ ދަތުރުވެރިގެއެއްގައިކަން އެނގުމުން އެތައްބަޔަކު އެމީސްމީހުންގެ ގޭގައި ހުންނަވަން سعد ގެ އަރިހުންއެދި އެކަމަށް ބާރުއެޅިއެވެ. سعد އެބައިމީހުންގެ ގާތުގައި ވިދާޅުވިއެވެ. "އަޅުގަނޑު މިއުޅެނީ ހަމަ މިއަދު މިރަށުން ފުރާންވެގެން." قـاضى أبـو جـعـفـر ގެ އަރިހަށްވެސް އެތައްބަޔަކު ދިޔައެވެ. ނަމަވެސް އެކަލޭގެފާނު މީހުންތައް އެއްފަރާތް ކުރައްވަމުން ވަޑައިގެންނެވީ سعد ގެ އަރިހަށެވެ. އެކަލޭގެފާނު سعد ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައި سعد އެކަލޭގެފާނާ ދިމާޔަށް ސަމާލުކުރުއްވައިފައި ވިދާޅުވިއެވެ. "سعد! ދަރިފުޅު ގެޔަށް ވަޑައިގެންނެވުމުގެ ކުރީން އަޅުގަނޑާ ބައްދަލުކުރައްވާތި! ދަރިފުޅާ ވަރަށް މުހިންމު ވާހަކައެއް ދައްކާންވެފައި އެބައޮތް. މެންދުރު ނަމާދަށްފަހު އަޅުގަނޑާ ހަމަޔަށް ވަޑައިގަންނަވާތި!"

قـاضى أبـو جـعـفـر ހުންނެވީ قـاضى أبــوالــوليـــد ގެ ގޭގައެވެ. އޭނާގެ މެހުމާނަކަށެވެ. سعد މެންދުރު ނަމާދުން ނިމިވަޑައިގެން އެގެޔަށް ވަޑައިގެންނެވުމުން قـاضى أبـو جـعـفـر ތެދުވެވަޑައިގެން سعد އާ މުސާފަޙާ ކުރެއްވުމަށްފަހު އެކަލޭގެފާނުގެ އަރިހުގައި ގޮނޑިޔެއްގައި ބައިންދަވައިފިއެވެ. أبـو جـعـفـر ވިދާޅުވިއެވެ. "އަޅުގަނޑު ބިރުގަންނަނީ އަނެއްކާވެސް ތިންހަތަރު މަހެއްހައިދުވަސް ފަހުން މި ޢިލްމުވެރީން ކޮންމެވެސް ތަނަކަށް އެއްވެވަޑައިގެން އެބޭކަލުންނަށް ކުރެއްވުނުކަމަކީ ވަގުތު ނަގައިލެއްވުންކަމުގައި އިޢުލާން ކުރައްވާނެތީ. އަޅުގަނޑުގެ ހެޔޮ ދުޢާތަކާއެކުވެސް މިމުހިންމު ކާމިޔާބުވެދާނެ ކަމަކަށް އަޅުގަނޑު އުންމީދެއް ނުކުރަން. މުލޫކުއްޠަވާއިފުންނަށް ވަނީ އިސްލާމްދީނާ ވަރަށްދުރަށް ވަޑައިގެންނެވިފައި. އެބޭފުޅުންނާމެދު ހެޔޮކަމަކަށް އުންމީދުކުރުމަކީ ބޭކާރު ކަމެއް.

އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރުއޮތީ އެންމެ މަގެއް. އެއީ އާއްމު މުސްލިމުން އިސްލާމްދީނުގެ ނަމުގައި ހޭލުންތެރިކުރުވުން. އަންދަލުސުގެ ކޮންމެ ރަށެއްގައިވެސް ކޮންމެ އަވަށެއްގައިވެސް ސިއްރު ޖަމާޢަތްތަކެއް އުފައްދަންވީ. އެމީހުންގެ މަޤުޞަދަކަށް ހަދަންވީ އާއްމު މުސްލިމުންގެ ކިބައިގައި ހޭލުންތެރިކަން އުފެއްދުން. ޖިހާދުގެ ރޫޙު އުފެއްދުން. ދަރިފުޅަށް އެނގިވަޑައިގަންނަވާނެ. މިއީ ވަރަށްގިނަ ދުވަސް ބޭނުންވާނެކަމެއް. އިސްލާމީ ރޫޙު ދިރުވުމުގެ ޙަރަކާތާމެދު މުލޫކުއްޠަވާއިފުން ބައްލަވާނީ އެބޭފުޅުންގެ އަމިއްލަފުޅު ވެރިކަމަށް ކުރިމަތިވާ ނުރައްކަލެއް ކަމުގައި. އެހެންކަމުން އެބޭފުޅުން އަޅުގަނޑުމެންނާ ދެކޮޅަށް އެއްބައިވެވަޑައިގެންފާނެ. އެބޭފުޅުން ދެނެވަޑައިގަންނަވާނެ. އިސްލާމްދީނުގެ ދިދަ ހިފައިގެން ތެދުވާ މީހުން ކޮންމެވެސް ދުވަހަކުން މިއްލަތު ވިއްކާ މީހުންގެ ޤުބާތައް ވީދާންވެސް ފަސްނުޖެހޭނެކަން. ކަންމިހެން ހުރިކަމުގައިވިޔަސް އަޅުގަނޑުމެންނަށް ކެތްތެރިކަމާއި ސާބިތުކަމާއެކު ދެތިން އަހަރަކު މަސައްކަތް ކުރެވިއްޖެނަމަ ކާމިޔާބު ނުލިބޭންވީ އެއްވެސް ސަބަބެއްނެތް. އެކަމަކުވެސް އުތުރުފަރާތުން ކްރިސްޓިޔަނުންގެ ސައިލު ދެމިގެންއަންނަ ބާރުމިނަށް ބަލާއިރު އަޅުގަނޑުމެންނަށް މާކަގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުމުގެ މުހުލަތު ނުލިބި ހިނގައިދާނެ. އެފަދަ ޙާލަތެއްގައި އަޅުގަނޑުމެންގެ އެންމެފަހުގެ އުންމީދަކަށްވާނީ އެފްރިކާގެ މުސްލިމުން.

މިވަގުތު އާއްމުކޮށް މުޅި އިސްލާމީ އުންމަތަށްވެސް ކުރިމަތިވެފައިވަނީ ވަރަށްބޮޑު ޖުމޫދެއް. މަޑުޖެހިލުމެއް. އެކަމަކު އެފްރިކާގައި މުސްލިމުންގެ ވަރުގަދަ ބާރެއް އަލުން އުފެދެމުން އެބަދޭ. އަޅުގަނޑުވަނީ އުތުރު އެފްރިކާގެ އަލްމުރާބިޠީނުގެ أميـر يـوسف بـن تـاشـفـيـن އާ ބެހޭގޮތުން ވަރަށްގިނަ ވާހަކަތައް އަޑުއަހައިފައި. އޭނާވަނީ އަލްޖަޒާއިރުން ފެށިގެން ޠަންޖާއާ ހަމަޔަށް ހުރިހައި ބަރުބަރީ ޤަބީލާތައް އެއްބައިކުރެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިފައި. އޭނާގެ ހެޔޮލަފާކަމާއި ތަޤުވާވެރިކަމާހުރެ އެފްރިކާގެ ދިގާއި ހުރަހުން ޞާލިޙުންގެ ޖަމާޢަތްތައް އޭނާގެ ވަށައިގެން ޖަމާވަމުން އެބަގެންދޭ. މިހައިތަނަށް އޭނާވަނީ ހަރުކަށި ބާޣީންގެ އެތައް ޤަބީލާތަކެއްގެ ސަރުދާރުން އޭނާގެ އާރާއި ބާރަށް އިޢުތިރާފު ކުރުއްވައިފައި. އޭނާގެ ސީރަތާއި ޝަޚުޞިއްޔަތުގެ ދަގަތްފާނީ ބާރުގެ ސަބަބުން އެތަކެއްހާސް ޣައިރު މުސްލިމުންވަނީ އިސްލާމްދީން ގަބޫލުކޮށްފައި. އެހިތްވަރުފުޅުގަދަ ޢަޒުމުފުޅު ވަރުގަދަ މުޖާހިދަކީ މިޒަމާނުގެ އިސްލާމީ އުންމަތުގެ އުންމީދީ ބަޠަލުކަމުގައި ހިމެނިވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް. މީގެ ދެއަހަރުކުރީން އަޅުގަނޑު ޙައްޖަށްކުރި ދަތުރުގައި އެފްރިކާގެ ވަރަށްގިނަ ޝައިޚުންނާއި ފަޤީހުންނާ ދިމާވި. އެބޭކަލުން އޭނާއަށް ވަރަށްބޮޑަށް ތަޢުރީފުކުރައްވައި ހެޔޮބަސްފުޅުތައް ވިދާޅުވި.

އަޅުގަނޑު ޙައްޖުން އެނބުރިއައިސްފައި أميـر يـوسف އާބެހޭ މަޢުލޫމާތު ހޯދަން ތިން ޢިލްމުވެރިޔަކު ފޮނުވިން. އޭރު أميـر يـوسف بـن تـاشـفـيـن ވަޑައިގެން ހުންނެވީ ސަބުތާއާ އެތައްސަތޭކަ މޭލެއްގެ ދުރުގައި. އޭނާ ވަޑައިގެންނެވީ ހަރުކަށި ޤަބީލާތަކެއްގެ ބަޣާވަތް ހަމަޖައްސަވަން. އެތިން ބޭކަލުން އެންމެފުރަތަމަ أميـر يـوسف އެނބުރިވަޑައިގެންނެވުމުގެ އިންތިޒާރުގައި ސަބުތާގައި މަޑުކުރައްވައިގެން ތިއްބެވީ. ހަފުތާތަކެއްގެ ފަހުން އެއްބޭކަލަކު އާލާސްކަންފުޅާހުރެ އެނބުރިވަޑައިގެންފި. އަނެއް ދެބޭކަލުން އިންތިޒާރުގައި ތިއްބަވަން އުނދަގޫފުޅުވެގެން ސަހަރާގެ ތެރެޔަށް أميـر يـوسف އާ ހަމަޔަށް ވަޑައިގެންނެވި. أميـر يـوسف އެ ދެބޭކަލުންނަށް ވަރަށް ކަމޭހިއްތެވި. އެކަމަކު އޭގެތެރެއިން އެއްބޭކަލެއް ހޫނުގަދަކަމާއި އަންދަލުސުގެ ހަނދުމަފުޅުތައް އުނދަގޫކުރާތީ ވަރަށް އަވަހަށް އެނބުރިވަޑައިގެންފި. أميـر يـوسف އެބޭކަލުންގެ އަރިހުން އެދިވަޑައިގެންނެވީ އެފްރިކާގައި އިސްލާމްދީނަށް ގޮވައިލައްވައިދެއްވަން. ދެން ހުންނެވި ޢިލްމުވެރިޔާ ތިންމަހެއްހައިދުވަހު أميـر يـوسف ގެ އަރިހުގައި އުޅުއްވި. އެއަށްފަހު އެނބުރިވަޑައިގެންފި. އެކަލޭގެފާނު އަޅުގަނޑުގެ ގާތުގައި ވިދާޅުވީ އެތަނަށް ބޭނުންވަނީ ބަރުބަރީ ބަސް ދަންނަ މީހުންކަމުގައި. އެކަމަކު ޙަޤީޤަތަކީ އެބޭކަލުންގެ ކަންފަސޭހަފުޅުކަމުގެ ސަބަބުން ހިފަހައްޓައިނުލެއްވުނީ. އެފްރިކާގައި އެބާވަތުގެ ޚިދުމަތެއްގައި އުޅެވޭނީ ވަރަށް ހީވާގި ކެރޭ މީހުންނަށް. އަޅުގަނޑުގެ އުމުރާއި ޞިއްޙަތު ތަންދޭނަމަ ޣަރުނާޠާގައި ހުރުމަށްވުރެ ބޮޑަށް އަޅުގަނޑު އިސްކަންދިނީހީ

أميـر يـوسف ގެ އަރިހުގައި ޖަންގަލިތަކާއި ސަހަރާތަކުގައި ދިރިއުޅެން.

سعد ވިދާޅުވިއެވެ. "އަޅުގަނޑު މިހިރީ އެފްރިކާއަށްދާން ތައްޔާރަށް. ކަލޭގެފާނަށް ޔަގީންފުޅުކޮށް އަރުވަން. ކަލޭގެފާނު ހަވާލުކުރެއްވި މުހިންމަތެއް ފުރިހަމަނުކޮށެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެނބުރިއެއް ނާންނާނަން. އަޅުގަނޑު ބަރުބަރީ ބަސްވެސް ދަންނަން."

قـاضى أبـو جـعـفـر ސިހިވަޑައިގެންދިޔުމާއެކު ވިދާޅުވިއެވެ. "ދަރިފުޅު ބަރުބަރީ ބަސް ދެނެވަޑައިގަންނަވަމުތޯ؟" އަޅުގަނޑަށް ތިޔަކަން އެނގިފައި އޮތްނަމަ މިދިޔަ އަހަރު ދަރިފުޅާ މި މުހިންމަތު ހަވާލުކޮށްފީމުސް..... އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޤުދުރަތުން އަޅުގަނޑުގެ ގާތަށް ދަރިފުޅު ފޮނުއްވީ މަތިވެރި މަޤުޞަދެއްގައި. މުރާކިޝަށް ވަޑައިގަންނަވަން އަވަހަށް ތައްޔާރުވެވަޑައިގަންނަވާ. އެތާނގައި ދަރިފުޅުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށް ހައްދަވާންވާނީ أميـر يـوسف بـن تـاشـفـيـن އާ އަރިސްވެވަޑައިގެންނެވުން. އެއަށްފަހު ބަރުބަރީ ފައުޖުގެ ހުރިހާ ޝައިޚުންނާއި ފަޤީހުންނާ ގުޅުން އުފައްދަވާ. އެހައިތަނުން ދަރިފުޅުގެ އަޑުފުޅަކީ އެބޭފުޅުންގެ އަރިހުގައި ނުފޫޒުހުރި އަޑުފުޅަކަށްވުމުން އަލްފާންސޫގެ ޝަޚުޞިއްޔަތުގައި އިސްލާމީ އުންމަތާމެދު ފޮރުވިފައިވާ ބޮޑު ނުރައްކާ އެބޭކަލުންނަށް ވިސްނައިދެއްވާ. يـوسف بـن تـاشـفـيـن ގެ ކަނޑިކޮޅު އުރަކޮޅުން ދެންމެވީ އިސްލާމްދީނަށްޓަކައި ކަމުގައިވާނަމަ އަންދަލުސުގެ މުސްލިމުން ހަލާކުވެ ސުންނާފަތިވާއިރު އޭނާ ކުޅިބައްލަވާން ހުންނެވުމަކީ އެކަށީގެންވާ ކަމެއްނޫން. އަންދަލުސުގެ އާއްމުންނާއި ޚާއްޞުންވެސް ބަރުބަރީންނާމެދު ބަލަނީ ޖާހިލުން ކަމުގައި. ލޭއޮހޮރުވާ ބައެއް ކަމުގައި. މިހާރު ކުރިމަތިވެފައިމިވާ މުސީބާތާއެކުވެސް އަންދަލުސުގެ ދާޚިލިއްޔަތާ ބަރުބަރީންނާ ބައްސަން އެމީހުން ގަބޫލު ނުވުމަކީ އެކަށީގެންނުވާ ކަމެއްނޫން. އެކަމަކު އަލްފާންސޫގެ ފާޖުތައް ޤުރުޠުބާއާއި އިޝްބީލިއްޔާއާ ހަމަޔަށް އައުމުން އަންދަލުސުގެ ކޮންމެ މުސްލިމަކަށްވެސް ބަރުބަރީންނަކީ ތިމަންމެންގެ ސަލާމަތްކަމުގައި ވިސްނާން މަޖުބޫރުވެދާނެ. ފަހަރެއްގައި މުލޫކުއްޠަވާއިފުންވެސް يـوسف بـن تـاشـفـيـن އަކީ އެބޭފުޅުންގެ އެންމެފަހުގެ ވާގިވެރިޔާ ކަމުގައި ދެކެވަޑައިގެންފާނެ.

ދަރިފުޅާ سعد! މިއީ ވަރަށްބުރަ މުހިންމަތެއް. އަންދަލުސުގެ ޒުވާނުންގެ ތެރޭގައި އެކުދީންގެ ގެދޮރު ދޫކޮށްލައިފައި އެފްރިކާގެ ޖަންގަލިތަކާއި ސަހަރާތަކުގައި އުޅޭން ގަބޫލުވާނެ ކުއްޖަކު ދާދި މަދުވާނެ. އެކަމަކު ހަނދާންކުރައްވާތި. ޤައުމުތަކުގެ ޢިއްޒަތާއި މިނިވަންކަމުގެ ތާރީޚު ލިޔެވެނީ ނަން ނޭނގޭ މުޖާހިދުންގެ ލެޔާއި ދަލުން. ދަރިފުޅަށް އެފްރިކާއިން ކާމިޔާބީގެ އެއްވެސް އުންމީދެއް ލިބިވަޑައިނުގެންފިނަމަ އެނބުރި ވަޑައިގަންނަވާ. އެކަމަކު އެތާނގައި މައްސަރުތަކަކު ނުވަތަ އަހަރުތަކަކު ހުންނަވައިގެންވެސް أميـر يـوسف بـن تـاشـفـيـن އަންދަލުސުގެ މުސްލިމުންނަށް އެހީވެވަޑައިގަންނަވާން ތައްޔާރުކުރެއްވިދާނެ ކަމުގައި ހީފުޅުވާނަމަ އެތާނގައި ހުންނަވާ. އަޅުގަނޑަށް ކަށަވަރު، ކޮންމެވެސް ދުވަހަކުން ނަޞާރާއިންގެ ކިބައިން އަންދަލުސު ސަލާމަތްކުރައްވާ މަދަދުޤާރެއްގެ ގޮތުގައި ދަރިފުޅަށް އެނބުރިވަޑައިގެންނެވޭނެ. يـوسف بـن تـاشـفـيـن އާމެދު އަޅުގަނޑު ކުރާ އުންމީދުތައް ޙަޤީޤަތަކަށް ނުވިކަމުގައިވިޔަސް، އަޅުގަނޑަށް ޔަގީން މިހާރު އަންދަލުސުގައި ފިނިވެފައިވާ ޙަޔާތުގެ ހޫނުކަން އެފްރިކާގައި އަދި ފިންޏެއް ނުވޭ. ދަރިފުޅަށް އެތަނުން ކޮންމެވެސް ވަރުގަދަ މުޖާހިދަކު ފެނިވަޑައިގަންނަވާނެ."

قـاضى أبـو جـعـفـر ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު سعد ގެ ވިސްނުންފުޅު ދަތުރުކުރަމުންދިޔައީ މާދުރުން އެފްރިކާގެ ސަހަރާތަކާއި، ޖަންގަލިތަކާއި ފަރުބަދަތަކުގެ ތެރޭގައެވެ. އޭނާގެ ހިތްޕުޅަށް އަރައި ފައިބަމުންދިޔައީ އެފްރިކާގެ ވަރުގަދަ މުޖާހިދުގެ ތަފާތު ތަސްވީރުތަކެކެވެ.

* * * * * * * * * * *

شيـخ أبــو صـالـح ވަނީ إدريـس އޭނާގެ ވިޔަފާރީގެ ބައިވެރިޔަކަށް ހައްދަވައިފައެވެ. إدريـس އާއްމުކޮށް ދުވާލު އުޅުއްވަނީ ގެއިން ބޭރުގައެވެ. شيـخ أبــو صـالـح ގެ ގެއާއި سعد މެންގެ ގެޔާ ދެމެދު ހުންނަނީ ތިންސަތޭކަ ވަރަކަށް ގަޒުގެ ދުރުމިނެވެ. ميـمــونـة ކޮންމެ ދުވަހަކުވެސް އެގެޔަށް ވަޑައިގަންނަވައެވެ. ބައެއްފަހަރު أبــو صـالـح ގެ އަނބިކަނބަލުންގެ އަރިހުގައެވެ. އަނެއްބައިފަހަރު އޭނާގެ ޚާދިމާ ގޮވައިގެންނެވެ. ميـمــونـة ވަޑައިނުގެން ކުޑައިރުކޮޅެއް ލަސްވެލިޔަސް سعد ގެ މަންމަ ميـمــونـة ގެ އަރިހަށް އަމިއްލަފުޅަށް ވަޑައިގަންނަވައެވެ.

ميـمــونـة އެއްދުވަހަކު ފަތިސްނަމާދުން ނިމިވަޑައިގެން سعد ގެޔަށް ވަޑައިގަންނަވާން ބޭރަށްނުކުމެ ވަޑައިގެންފިއެވެ. އޭނާގެ ޚާދިމާ ގޮވައިގެންނެވެ. އޭނާ ބޭރަށް ނުކުމެވަޑައިގެންނެވުމާއެކު ދޮރޯއްޓާ ވަރަށް ކައިރީން سعد އެގެޔަށް ވަޑައިގަންނަވާތީ ފެނިވަޑައިގެންފިއެވެ. ميـمــونـة ގެ ފައިންޕުޅަށް ހުއްޓުން އަރައިފިއެވެ. އޭނާ ވަރަށް ބާރަށް ހިންގަވައިފައި އެނބުރި ގެއަށް ވަޑައިގެންފިއެވެ. ميـمــونـة ބޭރު ދޮރޯށީގެ ދެބައިކުޅަ އެއްބަޔަށް ހުޅުވިފައިހުރި ދޮރުފަތުގެ ނިވަލުގައި ހުއްޓިވަޑައިގެން ބޭރު ބައްލަވާން ފައްޓަވައިފިއެވެ. سعد ވަޑައިގެން ޚާދިމާގެ ގާތުގައި މަޑުކޮށްލައްވައިފިއެވެ. އޭނާ ސުވާލުކުރެއްވިއެވެ. "ميـمــونـة ގެ ހާލުކޮޅު ރަނގަޅުތަ؟ ބޮޑުދައިތަގެ ހާލުކޮޅު ކިހިނެއްތަ؟"

ميـمــونـة އަށް މާގިނައިރަކު އެތާކު ނުހުންނެވުނެވެ. شـيـخ ގެ އަނބިކަނބަލުން ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭނާ ميـمــونـة އަށް ވިދާޅުވިއެވެ. "ދަރިފުޅު އަދިވެސް އެބަހުންނެވީމުތަ؟ އެންމެރަނގަޅު މަޑުކޮށްލައްވާ. މަންމަވެސް ދަރިފުޅާއެކު ދާނަން."

ميـمــونـة ފަހަތްޕުޅަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. ލަދުފުޅުން އޭނާގެ މޫނުފުޅު ރަތްވެއްޖެއެވެ. އޭނާ ހިމަވެވަޑައިގެން ހުންނަވައި ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ވަރަށްބޮޑަށް މަސައްކަތް ކުރައްވައިގެން އޭނާއަށް ވިދާޅުވެވުނީ "މަންމާ! އޭނާ ވަޑައިގެންފި." މިފަދައިންނެވެ.

"ކާކުތޯ؟"

"حسن ގެ ބޭބެ." މިހެން ވިދާޅުވެފައި އޭނާ ވަރަށްބާރަށް ހިންގަވައިފައި ކޮޓަރިޔަށް ވަޑައިގެންފިއެވެ.

سعد ދޮރޯށީން އެތެރެޔަށް ވެދެވަޑައިގެންފިއެވެ. މުސްކުޅިފުޅު ބޮޑުދައިތާފުޅުގެ މޫނުފުޅު ދިޔައީ ލިބިވަޑައިގެންނެވި އުފާފުޅުގެ ސަބަބުން އަލިވެގެންނެވެ. سعد ކުރިޔަށް ވަޑައިގެން ބޮޑުދައިތާފުޅާ ސަލާންކުރައްވައިފިއެވެ. سعد ގެ ބޮޑުދައިތަ އޭނާއަށް ހެޔޮދުޢާ ކުރައްވައިފައި ސުވާލު ކުރެއްވިއެވެ. "ކޮންއިރަކުތަ ދަރިފުޅު އައީ؟"

"ބޮޑުދައިތާފުޅާ އަޅުގަނޑު އައީ މިރޭ ފަތިހު."

ދެމައިކަނބަލުން ފެންޑާގައިހުރި ދެ ގޮނޑީގައި އިށީނދެވަޑައިގެންފިއެވެ. ميـمــونـة ޖެހިގެންހުރި ކޮޓަރީގެ ދޮރު ކައިރީގައި އެދެމައިކަނބަލުންގެ ވާހަކަފުޅު އަޑުއައްސަވާން ހުންނެވިއެވެ. سعد ގެ ބޮޑުދައިތާފުޅު ކުއްލިޔަކަށް އޭނާއަށް ކޯފާވާން ފައްޓަވައިފިއެވެ. "ދަރިފުޅަކީ ބޮޑު މޮޔައެއްތަ؟ ކީއްވެގެންތަ މިހައި ގިނަދުވަހު ނައިސް ތިޔަހުރީ. ދުޝްމިނުންނާ ދެކޮޅަށް ޖިހާދުކުރުމަކީ ފަރުޟެއް. އެކަމަކު ދަރިފުޅަށް ކޮން މުސީބާތެއް ޖެހިގެންތަ، معـتـمـد އަށާއި ރަމީކިއްޔާއަށް ވަޢުޡު ބުނެދޭން ދިޔައީ؟"

"ބޮޑުދައިތާފުޅާ! އެއީވެސް ފަރުޟެއް." سعد ހިނިފުޅު ވަޑުވައިލެއްވިއެވެ.

"ދުނިޔޭގައިވާ ހުރިހައި ވާޖިބުތަކަކާއި ފަރުޟުތަކެއް އަދާކުރުން ދަރިފުޅުގެ ޒިންމާއަކަށް ހެދީ ކޮންއިރަކުތަ؟ އިޝްބީލިއްޔާގައި އެ ވާޖިބު އަދާކުރާނޭ އެހެންމީހަކު ނެތީތަ؟"

(ނުނިމޭ)