ޚަބަރު

ކޮވިޑުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ދިޔާނާގެ ތައުރީފު

ކޮވިޑް 19 އިން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ތައުރީފުކުރައްވައިފިއެވެ.

ސަރުކާރަށް ތައުރީފުކުރައްވަމުން ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕެންޑަމިކްގައި ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަދި މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.

ރާއްޖެ ގެނެސްފައިވާ ސީރަމް އިންސްޓިއުޓް އޮފް އިންޑިއާ އިން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިން ޖެހުމަށް ދިޔާނާގެ މަންމަ ރަޖިސްޓަރީކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ކުރަމުން އަންނަ އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި އެގޮތުގައި ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް. އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނިކާގެ ލައިންސެންސްގެ ދަށުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ތައްޔާރުކުރި ވެކްސިން ޖެހުމަށް އަޅުގަނޑުގެ މަންމަ ރަޖިސްޓަރީކުރާނަން،" އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން އުފެއްދި ކޮވިޑް ވެކްސިންގެ 100،000 ޑޯޒް، މިދިޔަ ބުދަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. އިންޑިއާ ސަރުކާރުން ހަދިޔާކުރި ވެކްސިން ޖެހުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް އެ ވެކްސިން ފެތޭތޯ ބެލުމަށްފަހުއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވީ ކޮވިޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުގެ ދަށުން ދެ ޑޯޒު ދޭން ޖެހޭއިރު ގާތްގަނޑަކަށް 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.

"ގާތްގަނޑަކަށް 50،000 މީހުންނާ ގާތްކުރާ އަދަދަކަށް މީގެން ޖެހޭނެ. ކޮންމެވެސް ވަރަކަށް ވޭސްޓޭޖްވެސް އަންނާނެ. ހާއްސަކޮށް އަޅުގަނޑުމެން ކުދިކުދި ރަށްރަށުގައި ޖަހާއިރު. އެހެންވިޔަސް ގާތްގަނޑަކަށް 50،000 މީހުންނަށް މި ވެކްސިނުން ޖެހޭނެ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ސީދާ ވެކްސިން ދޭން ފެށޭނެ ތާރީހެއް ދަންނަވަން ދަތި ކަމަށާއި އެއީ ރެގިއުލޭޓަރީ އެޕްރޫވަލްސްތަކާއި ވެކްސިން ޖެހުމަށް ވާން ޖެހޭ ތައްޔާރީތަކަށް އަދި ވަގުތު ނަގާނެތީ ކަމަށެވެ. އަދި ވެކްސިން ދެވޭނީ މީހުން ތަމްރީންކުރުމާއި ވެކްސިން ޑިސްޓްރިބިއުޓް ކުރުމާއި ސްޓޯރޭޖް ކުރުމުގެ މަސައްކަތްތައް ނިމި، ތައްޔާރުވެގެން ކަމަށް ވެސް ވިދާޅުވިއެވެ.