ކުޅިވަރު

68 ލީގު މެޗަށްފަހު ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ބާންލީ އަތުން ބަލިވެ، ލިވަޕޫލުން 68 މެޗަށްފަހު ޕްރިމިއާ ލީގުގައި ހޯމް މެޗަކުން ބަލިވެއްޖެއެވެ.

ރޭ އެންފީލްޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު 10 މިނެޓް ތެރޭގައި ބާންލީން ލިވަޕޫލް ކޮޅަށް ގޯލް ޖަހާފައިވާއިރު، ބާންލީއަކީ 2017 ވަނަ އަހަރަށްފަހު ލީގު މެޗެއްގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިކުރި ފުރަތަމަ ޓީމެވެ. ރޭގެ މެޗުގެ ކުރިން ލިވަޕޫލުން އެންމެ ފަހުން ހޯމް މެޗަކުން ބަލިވެފައި ވަނީ 2017 ވަނަ އަހަރު އޭޕްރީލް މަހު ތެރޭގައި ކްރިސްޓަލް ޕެލެސް އަތުންނެވެ.

ތާރީހީ ނަތީޖާ ބާންލީއަށް ހޯދައިދިނުމުގައި މެޗުގެ ހަމައެކަނި ގޯލް، 83 ވަނަ މިނެޓުގައި ބާންލީއަށް ކާމިޔާބު ކޮށްދިނީ އެޝްލީ ބާންސްއެވެ. ބާންސްގެ ގޯލަކީ ޕެނެލްޓީއަކުން ޖެހި ގޯލެކެވެ. އެ ޕެނެލްޓީއަކީ ލިވަޕޫލް ގެ ގޯލްކީޕަރު އެލިސަން ބެކާ، އޭރިއާ ތެރެއިން ބާންސްއަށް ކުރި ފައުލަކަށް ލިބިފައިވާ ޕެނެލްޓީއެކެވެ.

އެންމެފަހުން ކުޅުނު ފަސް މެޗުގައިވެސް ލިވަޕޫލަށް ގޯލެއް ޖެހިފައި ނުވާއިރު، އެޓީމުގެ ފޯމް މިވަގުތު އޮތީ ދަށްކޮށެވެ. ހާއްސަކޮށް ރަނގަޅަށް ކުޅެ، ގޯލް ނެޖެހުމަކީ އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އެކަމަށް ހައްލު ހޯދުމަށް ޑިވޮކް އޮރީގީ މިރޭގެ މެޗަށް ޔާގަން ކްލޮޕް ނެރެފައިވާއިރު، އޭނާއަށް މެޗުގައި ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ޖެހުނީ މަތީ ދަނޑީގައެވެ.

ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނީގެ ހަމަލާތައް ބާންލީ ގެ ގޯލްކީޕަރު ނިކް ޕޯޕް މަތަކުރިއިރު، ރޭގެ ނަތީޖާއާއެކު ލިވަޕޫލް އޮތީ އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށްވުރެ ހަ ޕޮއިންޓް މަދުން ލިބިގެން ހަތަރުވަނައިގައެވެ.

ރޭގެ މެޗަށްފަހު ކްލޮޕް ބުނެފައި ވަނީ ބަލި ނުވާނެ ކަމަށް ބެލި މެޗަކުން ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބަލިވެއްޖެ ކަމަށާއި، ޒިންމާ ނަގާނީ އަމިއްލައަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އުނދަގޫތަކެއް ހުންނާނެ ކަމަށާއި، އެކަންކަން ރަނގަޅު ކުރާނީވެސް އޭނާ ކަމަށް ކްލޮޕް ބުނެފައިވެއެވެ.

މިހާތަނަށް ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ގިނަ މެޗުން ބަލި ނުވެ ހިފަހައްޓާފައި ވަނީ ޗެލްސީންނެވެ. ގާތް ގަނޑަކަށް ހަތަރު އަހަރު ތެރޭގައި އެޓީމުން ވަނީ 86 މެޗުން ބަލިނުވެ ހިފަހައްޓާފައެވެ. އެއީ ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި ޗެލްސީން ކުޅުނު ދުވަސްވަރުއެވެ.