ކޯޓުތަކުން ކޮންމެ ދުވަހަކު ކުރާ ހުކުމްތައް ހަމަ އެދުވަހަކު ގަވާއިދުން އާންމު ކުރަން ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ސުޕްރީމްކޯޓުން މިގޮތަށް އަންގާފައި ވަނީ، އެ ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައެވެ.
އެ ކޯޓުން އަންގާފައި ވަނީ ކޮންމެ ކޯޓަކުން ވެސް އެ ދުވަހަކު ކުރާ ހުކުމްތައް އެ ކޯޓެއްގެ ވެބްސައިޓްގައި ފަނޑިޔާރުގެ ސޮޔާ އެކު، އާންމުކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މައްސަލާގައި ހިމެނޭ ފަރާތްތަކަށް ހުކުމްތަކުގެ އަސްލު އެދުވަހުން އެދުވަހަށް ހަވާލު ކުރަން ޖެހޭނެ ކަމަށްވެސް އަންގާފައިވެއެވެ. އަދި ކޯޓުތަކުގެ ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި މައްސަލަތައް ނިންމި ގޮތުގެ ފުރިހަމަ ރިޕޯޓް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް ވަނީ އަންގައިފައެވެ.
ކޯޓުން ކުރާ ހުކުމްތަކުގައި ލިޔުމުގެ ކުށެއް ނުވަތަ ހިސާބު އަދަދެއްގައި އޮޅުމެއް އޮންނަ ހާލަތްތަކުގައި، އެކަމެއް އިސްލާހު ކުރުން ފިޔަވައި، އެހެން އިތުރުން ބަދަލެއް ހުކުމަކަށް ނުގެނައުމަށާއިި، ކޮންމެހެން ގެންނަ އެފަދަ ބަދަލެއް ގެންނަން ވާނީ ވެސް މައްސަލައިގެ ދެ ފަރާތް، ނުވަތަ އެ ދެ ފަރާތުގެ ވަކީލުންގެ ހާޒިރުގައި ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ. އަދި ހުކުމް އިސްލާހު ކޮށްފި ނަމަ، އެކަން އެނގޭނެ ނޯޓެއް ތައްޔާރުކުރަންވާނެ ކަމަށްވެސް އަންގާފައިވެ އެވެ.
ހުކުމްތަކުގައި ހަމަ އެ ދުވަހުން އެ ދުވަހަށް ސޮއިކުރަން ވެސް ސުޕްރީމް ކޯޓުން އަންގާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ޑައިރެކްޝަންގައި ވަނީ އެގޮތަށް އެންގީ ފަނޑިޔާރުން ވަކިވުމުން، ނުވަތަ ސަސްޕެންޑް ކުރާއިރު، ހުކުމްތަކުގައި ސޮއި ނުކުރެވި ހުންނަ މައްސަލަތައް ދިމާވަމުން އަންނާތީ ކަމަށެވެ.
ސުޕްރީމް ކޯޓް