މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މި އަހަރު ދޫކުރާ ލޯނުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖާގަ ހާއްސަކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެކަން އިއުލާންކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، އެ ކެޓެގަރީން ލޯނަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ޖެންޑާ މިނިސްޓްރީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ކަށަވަރުކުރުމަށް އެދޭ ކަމަށެވެ.

ހަޔާ އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ އެ ކެޓަގަރީން ދޭނީ ކިތައް ފުރުސަތުކަން އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. ނަމަވެސް އެކަމުގެ އުސޫލުތަކާއި ތަފްސީލުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓުގައި މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔާ އެޑިއުކޭޝަން ލޯން ސްކީމާއި ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަޝިޕްތަކަށް 551 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.