ކުޅިވަރު

ވެލެންސިއާއާއި ސަސްގެ ކުރިމަތިލުން: ފޯކަސް ދަގަނޑޭއަށް

ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް)އާއި ވެލެންސިއާ، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ ބުރުގެ މެޗު މިއަދު އޮންނާނެއެވެ. އެ މެޗަށް ނުކުންނައިރު، ގިނަ ލޯތަކެއް އަމާޒުވަނީ އަލީ އަޝްފާގު (ދަގަނޑޭ) އަށެވެ. ވާނީވެސް އެހެންތާއެވެ. ސަސްއަކީ އޭނާގެ ކްލަބެކެވެ. ދަގަނޑޭ މިވަގުތު ހުރީ ވެލެންސިއާގެ ކެޕްޓަނެއްގެ ގޮތުގައެވެ. ވެލެންސިއާއަކީ ދަގަނޑޭގެ ހޯމްއެވެ.

މި ސީޒަންގައި އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ސަސްގެ މެނޭޖުމަންޓުގެ އެންމެ މުހިއްމު ތަނބަކީ ދަގަނޑޭއެވެ. އޭނާއާއެކު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވެސް ސަސް މެނޭޖުމަންޓުން ފެންނަމުންދާއިރު، ލެޖެންޑް ދަގަނޑޭ ކްލަބު ހިންގުމުގައި ފާހަގަ ކޮށްލެވެނީވެސް ތަފާތު ކޮށެވެ. ބިޒްނަސް މޮޑެލްއަކީ ސަސް ހިންގުމަށް ތައްޔާރުކޮށް، ދަގަނޑޭގެ ވިސްނުމާއެކު ކެފޭއެއް ހުޅުވިތަންވެސް ފެނިގެން ގޮސްފައިވާއިރު، އަބަދުވެސް ވިސްނުން ގެންގުޅެނީ ލޯންގް ޓާމް ޕްލޭނަކަށް ކަން ފާހަގަވެފައި ވެއެވެ. ހާއްސަކޮށް ދަގަނޑޭގެ ކެރިއަރުގައި އޭނާއަށް ލިބިފައިވާ މުހިއްމު ތަޖުރިބާތައް ކްލަބު ހިންގުމުގައިވެސް ބޭނުންކުރާކަން ޓީމުން އެނގެއެވެ.

"އަޅުގަނޑު ބޭނުންވާ ސްޓައިލަށް ޓީމު ހާނުވަން ވަގުތު ބޭނުންވާނެ. އަދި އެންމެ ފަރިތަކުރުމެއް މި ކުރިއަށް ގެންދެވުނީ. އެހެންވީމަ ކުދިކުދި ބަދަލުތަކެއް ފެންނާނީ. އަޅުގަނޑާ ހަވާލުވީ ދުރު ރާސްތާ ޕްރޮޖެކްޓަކަށް. ޓީމުގެ ބައެއް ކަންކަން ރަނގަޅުކޮށް، ރީތި ފުޓުބޯޅައެއް ކުޅުން އެއީ މެނޭޖުމަންޓުން ވަރަށް ބޮޑަށް ޓާގެޓް ކުރާ ކަމެއް. ހަމައެކަނި ނަތީޖާއެއް ނޫނޭ، ރީތި ބޯޅައެއް ކުޅުންވެސް އެއީ މެނޭޖުމަންޓަށް ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭ. އެހެންވީމާ އެއަށް ދުރު މުސްތަގުބަލަށް ފޯކަސް ކުރާނީ. ތިން އަހަރު ތެރޭގައި ކާމިޔާބު ހޯދުން މަގުސަދަކީވެސް،" ސަސްގެ ކޯޗުކަމާ ދެ ދުވަސްކުރިން ހަވާލުވި، މުހައްމަދު ޝިޔާޒް (މޯހަން) އިއްޔެގެ ޕްރި މެޗު ޕްރެސްގައި ބުނެފައިވެއެވެ.

މޯހަން ސަސްއާ ހަވާލުވީ މި ސީޒަނަށް ނުކުތް އީގަލްސްގެ ނަތީޖާތައް ދަށްވެ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ. ކުރިން ސަސްގެ ކޯޗުކަމުގައި ހުރި އަހުމަދު ނާޝިދު (ނާދު) ގެ އެއްބަސްވުން ދެ ފަރާތުން އުވާލީވެސް މިދިޔަ ހަފްތާ ތެރޭގައެވެ. ބެލޭ ގޮތުގައި ސަސްގެ މެނޭޖުމަންޓްގެ ވިސްނުމަކީ މޯހަންއާ ދުރު ރާސްތާ ޕްރޮޖެކްޓެއް ހަވާލުކުރުމެވެ.

"މުސްތަގުބަލަށް ބަލާއިރު، މިއީ ކެރިއަރުގައި ވަރަށް މުހިއްމު ޗެލެންޖެއް. އީގަލްސްގައިވެސް ކުރި މަސައްކަތް ގިނަ ބަޔަކު ބަލައިގަންނާނެ ކަމަށް ބެލެވެނީ. އީގަލްސްވެސް ޗެލެންޖް ކުރެވޭ ވަރުގެ ޓީމަކަށް ބަދަލުކުރެވުނު ކަމަށް ގަބޫލުކުރަން. މިއީވެސް ޗެލެންޖެއް. ދައްކައިދޭން ޖެހޭނީ އެ ބަދަލު ޓީމަކަށް ގެނެވޭނެ ގާބިލުކަން އަޅުގަނޑުގެ ގައިގައި އެބަހުރިކަން. އެއީ ވަރަށް ބޮޑު ޗެލެންޖެއް. އެކަމަށް ކުރަން ޖެހޭ ވަރަށް މަސައްކަތް އެބަހުރި،" މޯހަން ބުނެފައިވެއެވެ.

ސަސްއާ އިދިކޮޅަށް ނުކުންނަ ވެލެންސިއާއިން ބައްޔެއް ނުވެ އެންމެ ފަހު މެޗާ ހަމައަށް އައިސްފައިވާއިރު، އެޓީމުން ބަލިވީ ދަ ގްރާންޑޭ އަތުންނެވެ. އެ މެޗުގައިވެސް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ދަގަނޑޭ މެޗު ފެށިއިރު ފެނިފައި ނުވާއިރު، ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ ފަހު 20 ވަރަކަށް މިނެޓަށް ދަގަނޑޭ އަރުވާފައެވެ. މިއަދުގެ މެޗުގައިވެސް ދަގަނޑޭ ކުޅޭނެކަމެއް އަދި ނޭނގެއެވެ.

"ޓީމުގެ މައި ތަނބު ކުޑަކޮށް އަނިޔާގައި ހުރުމަކީ އުނދަގޫތަކެއް ދިމާވާނެ ކަމެއް. އަޝްފާގު މެޗު ކުޅޭތޯ، ނޫނީ ނުކުޅޭތޯ އިނގޭނީ ފަހު ޕްރެކްޓިސްއަށް ފަހު. ވެލެންސިއާ އެކަމަކު ތައްޔާރު. އަޝްފާގު ގެ އަނިޔާ އެހާ ގޯހެއް ނޫން. އެންމެފަހުން މެޗުގެ ފަހު ހާފްގައި އެހެންވެ ކުޅުނީވެސް. އެކަމަކު މުޅި ސީޒަނަށް ބަލާފައި އޭނާ އަނިޔާގައި ހުއްޓާ ނުކުޅުވައި ވޭތޯ ބަލަނީ. އެހެންނަމަވެސް ނަތީޖާ ނެރެވޭތޯ އެންމެ ފަހު މެޗުގައިވެސް އަރުވާލީ. އެހެންވީމާ ކުޑަ ވަގުތު ކޮޅެއްގައި ކުޅެވޭނެ އަނިޔާއެއްގައި ހުރީ. އެހެންނަމަވެސް ބޭނުންވަނީ ފުރިހަމައަށް ރިކަވާ ވެގެން މެޗަށް ނުކުންނަން،" އާތީ ބުނެފައިވެއެވެ.

ދަގަނޑޭއަށް ބޮޑު ފޯކަސްއެއް އަމާޒުވެފައިވާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.