(18 ޖެނުއަރީ ގެ އަދަދާ ގުޅޭ)

إدريـس ވިދާޅުވިއެވެ. "މިހާރު ނަމާދުވަގުތުވަނީ. އަޅުގަނޑު މިސްކިތަށް ގޮސްފައި އަންނާނަން."

"އެންމެ ރަނގަޅު! سعد ހުރީ ގަދަވެތޯ؟"

"އާދެ! އޭނާގެ ހާލުކޮޅު މުޅީން ރަނގަޅު."

ميـمــونـة ވިދާޅުވިއެވެ. "ބޭބެއާ سعد އާ ބައްދަލުވެވަޑައިގަތީ ޤަޞްޠިލާއިންތޯ؟"

إدريـس ވިދާޅުވިއެވެ. "ނޫން. އަޅުގަނޑާ އޭނާއާ ބައްދަލުވީ އެނބުރި އަންނަނިކޮށް މަގުމަތީން."

ميـمــونـة ވިދާޅުވިއެވެ. "ބޭބެ މަޑުކުރައްވާ! އަޅުގަނޑަށް ބޭބެގެ ވާހަކަ ވިދާޅުވެދެއްވައިފައި ވަޑައިގަންނަވާ!"

إدريـس ވިދާޅުވިއެވެ. "އަޅުގަނޑު ޤަޞްޠިލާއިން އެނބުރި އައިއިރު އިޝްބީލިއްޔާގެ ސަރަޙައްދުގެ އެންމެ ފުރަތަމަ ޗެކްޕޮއިންޓުން ފުލުހުންގެ ވެރިޔާގެ އަމުރު އަތުވެއްޖެ. އޭނާ އެންގެވީ ގެއަށްދިޔުމުގެ ބަދަލުގައި ސީދާ ޤުރުޠުބާއަށް ދާން. އަޅުގަނޑު ބުނެފިން. އެންމެފުރަތަމަ ދާނީ ގެއަށޭ. އެހެންވެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި އަޅުގަނޑު ހައްޔަރުކޮށްފި. އޭނާ ފުލުހުންގެ ހަތަރު މީހުނާއެކު އަޅުގަނޑު ފޮނުއްވީ ޤުރުޠުބާއަށް. އަޅުގަނޑުމެންނަށް ދެކޯހެއްހައި ހިސާބަށް ދެވުނުތަނާ ފަހަތުން ވަރަށްބާރަށް އަސްދުއްވައިފައި އައި އަސްވާރެއް އަޅުގަނޑުމެންނާ ބައްދަލުކޮށްފި. އޭނާ ފުލުހުން ކުރެން ޤުރުޠުބާއަށްދާ މަގު އޮޅުންފިލުވުމުގެ ބަހަނާގައި އަސް މަޑުކޮށްލި. އޭނާގެ ދަގަނޑު ތާކިހާގެ ނިޤާބު އެއްފަރާތްކޮށްފައި އަޅުގަނޑާ ދިމާޔަށް ބަލައިލުމަށްފަހު އަސް ދުއްވައިލައިފި. އެމީހަކީ سعد."

"ދެންވީ ކިހިނެއްތޯ؟" މުސްކުޅިފުޅު ބޮޑުދައިތަ ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ.

"ދެން ތަންކޮޅެއް ދުރަށް ވަޑައިގެންފައި އޭނާ އަޅުގަނޑު ސަލާމަތްކުރެއްވީ. އަޅުގަނޑުމެން ގަސްތަކެއްގެ ކައިރިންލައިފައި ދަނިކޮށް ސިފައިންނާ ދިމާޔަށް ތީރުތަކެއް އަތުވެއްޖެ. ސިފައިންގެ ދެމީހުން ޒަޚަމުވެގެން ވެއްޓިއްޖެ. އަނެއް ދެމީހުން ދުވެފިލައިފި.

ބޮޑުދައިތަ ވިދާޅުވިއެވެ. "ދަރިފުޅާ ތިޔަހައި އަވަސްކޮށްނުލައްވާ! ނަމާދު ކުރައްވައިގެން އަވަހަށް ވަޑައިގަންނަވާތި! ދައިތަ ތިޔަ ހުރިހާ ވާހަކަތަކެއް އަޑުއަހައިލަން ބޭނުން!"

* * * * * * * * * * *

އަންދަލުސުގެ ކުރިޔަށްތިއްބެވި ދަންނަބޭކަލުންގެ ބައްދަލުކުރެއްވުންއޮތީ ބައިޣާގެ قـاضى أبــوالــوليـــد ގެ ގޭގެ ކައިރީގައި އޮތް ހާމަ މައިދާނެއްގައެވެ. އަންދަލުސުގެ ނުފޫޒުހުރި ދުއިސައްތަ ދަންނަބޭކަލުން އެބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭކަލުން ވަޑައިގެންނެވީ قـاضى أبــوالــوليـــد ގެ ދަޢުވަތަށެވެ. އެބޭކަލުންނަކީ އަންދަލުސުގެ ދިގާއި ހުރަހުން އެކިރަށްރަށުން ވަޑައިގެންނެވި ބޭކަލުންނެވެ. އޭގެތެރޭގައި ތިއްބެވި ގިނަބޭކަލުންނަކީ ފަހަކަށްއައިސް އަންދަލުސުގެ މުސްލިމުން ކުރިމަތިލަމުންދާ މައްސަލަތަކުގެ ސަބަބުން ޤައުމުގެ ޙާލަތާމެދު ވިސްނައިވަޑައިގަންނަވަން މަޖުބޫރުވެވަޑައިގެންފައިވާ ޖޯޝީ ބޭކަލުންނެވެ. ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ ޣަރުނާޠާގެ މަޝްހޫރު ޢިލްމުވެރިޔާ قـاضى أبـو جـعـفـر އެވެ. އެންމެބޮޑަށް ބަހުސުކުރެވެމުންދިޔައީ قـاضى أبــوالــوليـــد ގެ ހުށަހެޅުއްވުމަކާ ބެހޭގޮތުންނެވެ. އެކަލޭގެފާނު ހުށަހަޅުއްވައިފައިވަނީ އަންދަލުސުގެ ޢިލްމުވެރީންގެ ވަފުދެއް މުލޫކުއްޠަވާއިފުންގެ އަރިހަށް ވަޑައިގެންނެވުމަށެވެ. ނަޞާރާއިންގެ ނުރައްކަލާ ކުރިމަތިލެއްވުމަށްޓަކައި އެބޭފުޅުން އެއްބައިވެވަޑައިގަތުމަށް ދަޢުވަތު އެރުވުމަށެވެ. ބައްދަލުވުމުގެ އެންމެފުރަތަމަ ދުވަހު ވާހަކަ ދެއްކެވި ގިނަ ވާހަކަދެއްކެވުންތެރީން ވާހަކަދެއްކެވީ އެހުށަހެޅުއްވުމަށް ތާއީދުކުރައްވައެވެ. ނަމަވެސް އެހުށަހެޅުއްވުމަކީ އެދެވޭ ނަތީޖާއެއް ނުކުތުމުގެ އުންމީދެއްނެތް ހުށަހެޅުއްވުމެއް ކަމުގައި ވާހަކަދެއްކެވި ބޭފުޅުންވެސް ކޮންމެވެސް ވަރަކަށް ތިއްބެވިއެވެ. އެކަމަކު އެބޭފުޅުންވެސް أبــوالــوليـــد ގެ ހުށަހެޅުއްވުމަކާ ދެކޮޅެއް ނަހައްދަވައެވެ. އެބޭފުޅުން ވިދާޅުވިއެވެ. "މުލޫކުއްޠަވާއިފުންނާމެދު އަޅުގަނޑުމެން އެއްވެސް ހެޔޮކަމަކަށް އުންމީދެއް ނުކުރަމުއެވެ. އެހެންކަމާއެކުވެސް މަސައްކަތެއް ކޮށްލުމަކީ ނެތްކަމެއް ނޫނެވެ."

سعد އެންމެފުރަތަމަ ދުވަހުގެ ބައްދަލުވުމުގައި އިންނެވީ ހަމައެކަނި ޖަލްސާ ކުރިޔަށްދާގޮތް ބައްލަވާ ބޭފުޅެއްގެ ގޮތުގައެވެ. އެރޭގެ މެންދަމެއް ހައިއިރު އެޖަލްސާ ވަނީ އޭގެ އަނެއްދުވަހަށް މެދުކަނޑައިލައިފައެވެ. سعد އެރޭގެ ބާކީ އޮތްބައި ހޭދަކުރެއްވީ ދަތުރުވެރި ގެއެއްގައެވެ. އޭނާ ފަތިސްނަމާދަށް މިސްކިތަށް ވަޑައިގެންނެވިއިރު قـاضى أبـو جـعـفـر މިސްކިތުގައި އިންނެވިއެވެ. أبـو جـعـفـر އަށް އޭނާ ފެނިވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ. "سعد! ދަރިފުޅު މިރަށަށް ވަޑައިގެންނެވީ ކޮންއިރަކުތޯ؟ ދަރިފުޅުގެ ހާލުކޮޅު ކިހިނަކުންތޯ؟"

"އަޅުގަނޑު މިހާރު މުޅީން ރަނގަޅު. އަޅުގަނޑު އިހަކަށްދުވަހު މިރަށަށް އަތުވެއްޖައިން."

"މި ބައްދަލުވުން ހިނގަމުންދާ ގޮތާމެދު ދަރިފުޅުގެ ޚިޔާލުފުޅަކީ ކޮބައިތޯ؟"

"އަޅުގަނޑު ވަރަށްބޮޑަށް ހައިރާންވެއްޖައިން. އަޅުގަނޑުމެންގެ ކުރިޔަށްތިއްބެވި ޢާލިމުން އަދިވެސް ވައިގެތެރޭގައި ކިއްލާތަކެއް ބިނާކުރައްވަނީ. އަޅުގަނޑު މަޑުކޮށްގެން މިހިރީ މިހާރު ބަހުސުކުރެވޭ ހުށަހެޅުމާމެދު ކަލޭގެފާނުގެ ޚިޔާލުފުޅު ގެންގުޅުއްވާގޮތެއް ދެނެގަތުމުގެ ބޭނުމުގައި."

"އަޅުގަނޑާމެދު ދަރިފުޅު ކުރައްވާ އުންމީދަކީ ކޮބައިތޯ؟"

"ކަލޭގެފާނާމެދު އަޅުގަނޑު އުންމީދުކުރަނީ ޤައުމަށް ރަނގަޅު މަގު ދައްކަވާނެކަމަށް. އަޅުގަނޑަށް ޔަގީން معـتـمـد އާއި إبـن عمّــار އަޅުގަނޑުމެންނަށް އެދެއްވި ފިލާވަޅުގެ އަލީގައި ކަލޭގެފާނަށް ރަނގަޅު މަގެއް ދެއްކެވޭނެ."

قـاضى أبـو جـعـفـر ވިދާޅުވިއެވެ. "އަޅުގަނޑުގެ ޚިޔާލު ކޮންމެގޮތަކަށް ހުރިކަމުގައިވިޔަސް މިބައްދަލުވުމުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ޖެހޭނީ ބައްދަލުވުމުން އަޣުލަބިއްޔަތު ލިބޭ ޚިޔާލަކަށް އިޙުތިރާމުކުރަން. އެކަމަކު ދަރިފުޅު ކަހަލަ ޒުވާނުންވެސް ހިމޭނުން ތިއްބެވީތީ އަޅުގަނޑު ހައިރާންވި."

سعد ވިދާޅުވިއެވެ. "އަޅުގަނޑު ބިރުގަތީ މިފަދަ މާތް ބޭބޭކަލުން ތިއްބަވަނިކޮށް އެކަކުވެސް އަޅުގަނޑުފަދަ މީހެއްގެ ވާހަކަ އަޑުއަހާން ބޭނުންނުވާނެތީ!"

"މިއަދު ޤައުމަށް ބޭނުންވަނީ އަދުތޯ މާދަންތޯ ވެފައިތިބޭ މުސްކުޅީންނާއި، ބޭކާރު މީހުންގެ ބަދަލުގައި ހޭލުންތެރި ކެރޭ ޒުވާނުންގެ މަގުދެއްކުން. އެބައެއްގެ ނާރުތަކުގައި ޙަޔާތުގެ ތާޒާ ލޭހިނގާ ނޫކަށިފުރައިގެ ކުދީންގެ ޚިޔާލު. ހިންގަވާ މިއަދު ދަރިފުޅުގެ ޚިޔާލު ފާޅުކުރެއްވުމަށް ފުރުސަތު އަރުވާނަން."

سعد އާއި قـاضى أبـو جـعـفـر އާ ދެބޭފުޅުން ޖަލްސާ ކުރާތަނަށް ވަޑައިގެންނެވިއިރުވެސް

މީހުން ހާޒިރުވެއެއް ނުނިމެއެވެ. ބައްދަލުވުމުގެ ދެވަނަ ދަންފަޅި އިރުކޮޅެއްގެ ތެރޭގައި ފެށިއްޖެއެވެ. އެހައިތަނަށް ޚިޔާލު ފާޅުނުކުރައްވައި ތިއްބެވި ޢިލްމުވެރީންވެސް އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ތެދުވެވަޑައިގެން

قـاضى أبــوالــوليـــد އަށް ތާއީދުކުރައްވަމުން ގެންދެވިއެވެ.

ހުރިހައި ޢިލްމުވެރީން އެބޭކަލުންގެ ޚިޔާލުފުޅުތައް ފާޅުކުރައްވައި ނިމިވަޑައިގެންނެވުމުން

قـاضى أبـو جـعـفـر سعد އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "سعد بــن عبـدالمـنعــم! އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުތޯ؟"

سعد ތެދުވެވަޑައިގެންފިއެވެ. އޭނާ ކުޑައިކޮށް ޖެހިލުންވެވަޑައިގެން ހުންނަވައި އޭނާގެ ވާހަކަފުޅު ފައްޓަވައިފިއެވެ.

"އުންމަތުގެ މާތްމާތް ބޭކަލުން! މީގެ އެތައް އަހަރެއްގެ ކުރީން ތިޔަބޭކަލުން ފައްޓަވާން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅެއް މިއަދު ފައްޓަވާކަމީ އަންދަލުސުގެ ބަދުނަސީބު. އަޅުގަނޑުމެންގެ ކިބައިގައި އިޖުތިމާޢީ ހިއްސެއް ނެތުމާއި އަޅުގަނޑުމެންނަށް ކޮންމެގޮތެއް ވަރިހަމަވުމުގެ ސަބަބުން މިއަދު އަންދަލުސުގެ މައްޗަށް ވެރިކަންކުރާނީ އެބަޔެއްގެ ކިބައިން އެއްވެސް ހެޔޮކަމަކަށް އުންމީދު ކުރެވޭފަދަ ބައެއް ނޫން. އެބައިމީހުންގެ ކިބައިން އަޅުގަނޑުމެން އެއްވެސް ހެޔޮކަމަކަށް އުންމީދު ކުރުމަކީ އަމިއްލަ ނަފުސަށް ކެހިދިނުން. ތިޔަބޭކަލުން ބޭނުންފުޅުވަނީ ނަޞާރާއިން މުޅަ މަސްގަނޑެއް ފަދައިން އަންދަލުސުގެ މުސްލިމުން ވީދައިގެން ކާތީ އަންދަލުސުގެ މުސްލިމުން އެކަމުން ސަލާމަތްކުރެއްވުމަށްޓަކައި މުލޫކުއްޠަވާއިފުންގެ މެދުގައި އެއްބައިވަންތަކަން އުފައްދަވައި އެބޭފުޅުން އެކަމަށް ތައްޔާރުކުރައްވަން..... ތިޔަބޭކަލުން ބޭނުންފުޅުވަނީ ޞަލީބު އުފުލާ މީހުންގެ ކުރިމައްޗަށް އެބޭފުޅުން ލައްވައި އިސްލާމްދީނުގެ ދިދަ އުފުލައިލައްވަން. އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެކަމަކީ އޭގެތެރެއިން ގިނަ ރަސްކަލުންނަކީ އިސްލާމްދީނުގެ ނާމޫސާއި އަންދަލުސުގެ މުސްލިމުންގެ މިނިވަންކަމަށްވުރެ މާބޮޑަށް އަލްފާންސޫގެ ރަޙުމަތްތެރިކަމަށް ޤަދަރުކުރައްވާ ބޭފުޅުންކަން. މިދެންނެވި ރަސްރަސްކަލުން ގެންދަވަނީ އަލްފާންސޫއަށް ދެއްވަން ޖެހިވަޑައިގަންނަވާ ޖިޒީގެ އަދަދު ހަމަކުރެއްވުމަށްޓަކައި އެބޭފުޅުންގެ ރައްޔިތުންގެ ލޭ ދަންމަވަމުން. އެފަދަ ބަޔަކާމެދު ތިޔަ ޢިއްޒަތްތެރީން ތިޔަކުރައްވަނީ ކޮން އުންމީދެއްތޯ؟ އެބޭފުޅުންގެ ފަރާތްޕުޅުން ހެޔޮކަމަކަށް އުންމީދު ކުރެއްވުމަކީ މާޒީއަށް ފުރަގަސްދެއްވުން. ޙާލަތާމެދު ލޯފުޅު މަރުއްވައިލެއްވުންފަދަ ކަމެއް.

އަޅުގަނޑުގެ ލޮބުވެތި މާތް ޢިއްޒަތްތެރީން! ތިޔަބޭކަލުންގެ އިޚުލާޞްތެރިކަމާމެދު ޝައްކުކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ފާފައެއް. އެކަމަކު ތިޔަބޭކަލުން ލަކުޑީގެ އަސްތަކަކަށް ސަވާރުވެވަޑައިގެން ހަނގުރާމަޔަކުން ފަތަޙަ ހޯއްދަވާން ގަސްދުކުރައްވާ ކަމުގައިވާނަމަ އެކަންވާނީ އަމިއްލަފުޅު ނަފުސަށް ކެހިދެއްވުން ކަމުގައި. މުލޫކުއްޠަވާއިފުންނަކީ މުޅަމަސްތަކެއްފަދަ ބައެއް. އެ މުޅަމަސްތައްވަނީ ކުނިވެ ފުޅައަޅައިފައި. އެފަދަ ބަޔަކު ކަށްވަޅުތަކުންނެރެ އިސްލާމްދީނުގެ ޣާޒީންގެ ސަފަށް ވެއްދޭނީ މުޢުޖިޒާއަކުން. މުލޫކުއްޠަވާއިފުންނަކީ މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ ބާޣީން. އެބޭފުޅުންގެ ކިބައިގައި ހުރިނަމަ ހުރި އިންސާނިއްޔަތުގެ ކުޑަކުޑަ ކަންފުޅުވެސްވަނީ ޚުޝާމަދުކުރާ ޝާޢިރުންނާއި ޖޯކަރުންނާއި ހެއްވާ ވާހަކަ ދަންނަވާ މީހުންގެ އެކުވެރިކަމުގައި އުޅުއްވުމުގެ ސަބަބުންވަނީ ނެތިވެގޮސްފައި.

ސާހިބުންނޭވެ! ތިޔަބޭކަލުންގެ މުހިންމު ކާމިޔާބުވާނެކަމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް އުންމީދެއް ނުކުރަން. ޕާޓީ ބޭއްވެވުމާއި އާވާރާ އަންހެނުންގެ ޣީރަތެއް ނެތްކަން ތަމްސީލުކުރުވުމާއި، ކާބޯތަކެތީގެ ސުފުރާތައް އިސްރާފުގެ ހައްދެއްނެތް ދަރަޖަޔަށް ގެންދެވުމާއި ޝާހީ ދެއްކުންތެރި ފާޅުކުރެއްވުމަކީ ދުޝްމިނުން ޖެހިލުންކުރުވައި ބިރުގެންނެވޭނެކަމެއް ކަމުގައިވާނަމަ މުލޫކުއްޠަވާއިފުންނަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބޭނުންހިފޭ ބަޔަކަށްވާނެ. ހަނގުރާމައިގެ މައިދާނުގައި ސިފައިންގެ ކަނޑިތަކުގެ ބަދަލުގައި ޝާޢިރުންގެ ގަސީދާތައް ކަމުފޮޅާނެނަމަ معـتـمـد ގެ ދަރުބާރުގެ ޝާޢިރުންނަށް އެކަނިވެސް ދުނިޔޭގެ އެންމެންގެ ދޫތައް ބަންދުކޮށްލެވިދާނެ. އެކަމަކު ތިޔަ އެންމެ ބޭކަލުންވެސް ގަބޫލުކުރައްވާނެ ފަދައިން މިހުންނަނީކީ ޤައުމެއްގެ ނަސީބު ބަދަލުކޮށްލެވޭނެ ކަންކަމެއްނޫން. ކަންމިހެން ހުރުމާއެކު ތިޔަ ސާހިބުން މުލޫކުއްޠަވާއިފުންގެ ފަހަތްޕުޅުން ދުވެވަޑައިގެންނެވުމަކުން އަޅުގަނޑުމެންނަށް އެއްވެސް މަންފާއެއް ނުކުރާނެ. ވާނެހައިވެސް ކަމަކީ މާޔޫސްކަން އިތުރުވުން. އެބޭފުޅުންވަނީ ޤައުމުގެ ލޭކަރުނަޔަކީ ހިނިފުޅުވެޑުވުމުގެ ވަސީލަތަކަށް ހައްދަވާން އާދަކުރައްވައިފައި. އެފަދަ ބޭފުޅުން ހަނގުރާމައިގެ ބުރައާއި މުސީބާތް އުފުއްލެވުމުގައި ޤައުމާ ބައިވެރިވެވަޑައެއް ނުގަންނަވާނެ!"

ކުއްލިޔަކަށް މީހަކު ތެދުވެފައި ސުވާލު ކޮށްލިއެވެ. "އެހެންވީއިރު މުލޫކުއްޠަވާއިފުންނާމެދު އަޅުގަނޑުމެން މާޔޫސްވެގެން އަންދަލުސުގެ މުސްލިމުންގެ މިނިވަންކަމުގެ ދުވަސްތައް ގުނި ނިމިއްޖެކަމުގައި ބަލާންވީތޯ؟ މި ވަޒަން ދޫކޮށްލުން ނޫން އެހެންގޮތެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތްތޯ؟"

ކޯފާގެ ސަބަބުން سعد ގެ މޫނުފުޅު ރަތްވެއްޖެއެވެ. އޭނާ ގުގުރީގެ އަޑުފަދަ ބާރު އަޑުފުޅަކުން ވިދާޅުވިއެވެ.

"ނޫން! އަޅުގަނޑާމެދު ކުށްހީފުޅެއް ނުކުރައްވާ! އަންދަލުސުގެ ބިމުގެ ކޮންމެ ވެލިފުކަކަށްޓަކައި އަޅުގަނޑު ލޭއޮހޮރުވާނަން. އަޅުގަނޑު މަސައްކަތް މިކުރަނީ ތިޔަބޭފުޅުންގެ ކުށްހީފުޅު ދުރުކޮށްލަން. ހަނގުރާމައެއްގެ މައިދާނުގައި އާއްމު މުސްލިމުންގެ ޤިޔާދަތު މުލޫކުއްޠަވާއިފުންނާ ހަވާލުކުރާކަށެއްވެސް އަޅުގަނޑު ގަބޫލެއް ނޫން. އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި އިސްލާމްދީނަށްޓަކައި ދިރިތިބޭން ބޭނުންކަމުގައިވާނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރު އޮތީ އެންމެ މަގެއް. އެއީ އަމީރުންގެ މަރުމަރު ހިލައިގެ ގަނޑުވަރުތަކުގެ ބަދަލުގައި އާއްމުންގެ ޖިފުޓިތަކާ ދިމާޔަށް މިސުރާބު ޖެހުން. އިސްލާމްދީނަށްޓަކައި އާއްމު މުސްލިމުންގެ ކިބައިގައި ރޫޙެއް އުފެއްދުން. ވަގުތު ލާޒިމުކުރަނީ އަޅުގަނޑުމެން މި މަސައްކަތް ހަމަ މިއަދުން މިއަދަށް ފަށައިގަންނަން. އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށްގިނަ އުނދަގޫތަކަކާއި ގޮންޖެހުންތަކެއް ހުންނާނެ. އިސްލާމްދީނުގެ ނަމުގައި އާއްމު މުސްލިމުންގެ ކިބައިގައި ހޭލުންތެރިކަން އުފެދުމަކީ ވެރިކަމުގައިތިބި މީހުން ވަރަށް ބިރުގަންނާނެ ކަމެއް. އެކަމަކު އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންފުޅުކޮށް އަރުވަން. އަޅުގަނޑުމެން ހެޔޮނިޔަތުގައި ކެތްތެރިކަމާއި ސާބިތުކަމުގައި ތިބެ މާތް اللّـه އާއި އެކަލާނގެ ރަސޫލާ (صلّى اللّـه عليه وسلّم) ދެއްކެވި މަގުން ހިނގާން ފަށައިފިނަމަ އަޅުގަނޑުމެންނަށް ކޮންމެ ނުރައްކަލަކުން ސަލާމަތްވެވޭފަދަ ފަރުބަދަތަކަކަށް ވެވިދާނެ.

އަޅުގަނޑުމެންގެ ދީނުގެ ލޮބުވެތި ޢާލިމުން! މިއަދު މަސްރަޙު އޮތްގޮތަށް ބަލާއިރު ދުޝްމިނުން އަޅުގަނޑުމެންނަށް ހަނގުރާމަޔަށް ދަޢުވަތު އެބަދޭ. އެމީހުން ތިބީ އެންމެ ވަރުގަދަ ހަތިޔާރުން ހަތިޔާރު އަޅައިގެން. ތިޔަ ޢިއްޒަތްތެރީން ތިޔަ ތިއްބެވީ ފުރާނަނެތް އަސްތަކެއްގައި ކައިދާ އެޅުއްވުމުގެ ވިސްނުންފުޅުގައި. އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަން. ތިޔަ ލޮބުވެތި ޢިއްޒަތްތެރީންގެ ހެޔޮނިޔަތްޕުޅާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. އެކަމަކު އަޅުގަނޑު ޔަގީންކޮށް އަރުވަން. ތިޔަބޭކަލުންނަށް މުލޫކުއްޠަވާއިފުން ކައިރީން ފެނިވަޑައިގެންނެވުމުން ޔަގީންވެވަޑައިގަންނަވާނީ ޚުދު އަޅުގަނޑުމެންގެ ފަރުވާކުޑަކަމާއި ކޮންމެގޮތެއް ވަރިހަމަކަމުގެ ސަބަބުން ދުނިޔޭގައި ލެއްވި ހުރިހައި ނިކަމެތިކަމެއް ގަޓަރިގަޓަރިޔަށް ބަނދެފައި ޤައުމުގެ ބުރަކަށިމައްޗަށް އެރުވިފައިވާކަން. ޤައުމަށް ރަނގަޅު މަގުގައި ގަދައަޅައި މަސައްކަތްކުރުމުގެ މަގު ދެއްކުމުގެ ކުރީން އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ބުރަކަށިތަކަށް އަރުވައިފައިމިވާ ނުބައިކަމުގެ ގަޓަރިތަކުގެ ބުރައިން މިންޖުވާން."

* * * * * * * * * * *

سعد ގެ ވާހަކަފުޅު ނިންމަވައިލެއްވުމާއެކު ޖަލްސާގެ ބަހުސު ވަނީ އައު މަރުޙަލާއަކަށް ބަދަލުވެފައެވެ. ވާހަކަދެއްކެވުންތެރީންކުރެ ބައެއް ބޭފުޅުންވަނީ ވަރަށް ވަރުގަދަ ޖޯޝަކާއެކު سعد އަށް ތާއީދު ކުރައްވަން ފައްޓަވައިފައެވެ. ނަމަވެސް ޢާލިމުންކުރެ ގިނަބޭކަލުން ސާބިތުވެވަޑައިގެން ތިއްބެވީ އެބޭކަލުންގެ ޚިޔާލުފުޅުގައެވެ. އެ ޚިޔާލުފުޅަށް އިޢުތިރާޟުކުރާ ފަރާތްތަކުގެ ޖޯޝާއި ފޯރި ފެނިވަޑައިގެންނެވުމުން قـاضى أبــوالــوليـــد، قـاضى أبـو جـعـفـر އަށް އެޕީލްކުރެއްވިއެވެ. "ކަލޭގެފާނު އަޅުގަނޑުމެންނަށް ހަމަސްދުވަހުގެ މުހުލަތު ދެއްވާ. އެހައިތަނަށް އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާގެ ރިޕޯޓު ހުށަހަޅާނޫ."

قـاضى أبـو جـعـفـر ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. "ލޮބުވެތި ޢިއްޒަތްތެރީން! އަޅުގަނޑުގެ ޚިޔާލު ތިޔަ ހުރިހައި ޢިއްޒަތްތެރީންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. سعـد بـن عبــدالمـنعــم އެފާޅުކުރެއްވީ ގާތްގަނޑަކަށް އަޅުގަނޑުގެ ޚިޔާލު. އަޅުގަނޑުގެ ލިޔުންތަކާއި ވާހަކަތަކުގައި އެ ޚިޔާލު ވާނީ އެތައްފަހަރަކު ތަކުރާރުކޮށްފައި. އެހެންކަމާއެކުވެސް އަޅުގަނޑު ތިޔަބޭކަލުންގެ ރައުޔާ ޚިލާފެއް ނުވާނަން. މުލޫކުއްޠަވާއިފުންނަށް އިޞްލާޙުވެވަޑައިގެން ތެދުމަގަށް ވަޑައިގެންނެވުމުގެ އެންމެފަހު ފުރުސަތު ދެއްވާ. އަޅުގަނޑު އެބޭފުޅުންނަށް ކުރާ ނަފުރަތާއި އަޅުގަނޑުގެ ހިތުގައިވާ ފޫހިކެރުވުމާއެކުވެސް އަޅުގަނޑު ދުޢާކުރަން. މާތް اللّـه އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ ރަސޫލާގެ ބާޣީންނަށް ތެދުމަގު ޚިޔާރު ކުރުމުގެ ފުރުސަތު ދެއްވާށި. މިއްލަތު ވިއްކަވާ ބޭފުޅުންގެ ގޮތުގައި ތާއަބަދު ނުތިއްބަވައި މުސްލިމުންގެ ޣާޒީން ކަމުގައި ވެވަޑައިގެންނެވުމުގެ ތައުފީޤު ދެއްވާށި!

(ނުނިމޭ)