ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މަޝްރޫއުއެކެވެ. މިއީ އެ ރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން 50 މީޓަރުގެ ފަސް ގްރޮއިން އާއި 30 މީޓަރުގެ އެއް ގްރައިން ގާއިމުކުރާނެއެވެ. މި މަޝްރޫއުގެ އަގަކީ 6.39 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 75 ދުވަސްތެރޭ ނިންމުމަށެވެ.

ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، އެރަށު އެއާޕޯޓުގެ މަސައްކަތްވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކުރަމުން އަންނަނީ އެކުންފުނިންނެވެ.