ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
އެމެރިކާގެ 46 ވަނަ ރައީސް ކަމަށް ޖޯ ބައިޑެން އަދި ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހުވާކުރައްވާފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް، ދަ ކެޕިޓޯލްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އުމުރުފުޅުން 78 އަހަރުގެ ޖޯ ބައިޑެން ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުންގެ އިތުރުން ނައިބު ރައީސުންނާއި ސަރުކާރަށް ހިދުމަތްކޮށްދީފައިވާ ގިނަ އަދަދެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވާ ކުރީގެ ރައީސުންގެ ތެރޭގައި ޖޯޖް ޑަބްލިއު ބުޝްގެ އިތުރުން ބިލް ކްލިންޓަން އާއި ބަރަކް އޮބާމާ ހިމެނެއެވެ.
ޖޯ ބައިޑަން އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އޭރުން ފެށިގެން ގިނަ ބައެއްގެ ތާއީދު ބައިޑަންއަށް ވަނީ ލިބިފައެވެ. ބައިޑަން އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ އޭރު ރައީސްކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕްއާ ވާދަކުރައްވައި ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ.
އެމެރިކާގެ ނައިބު ރައީސްކަމުގެ ހުވާކުރެއްވި އުމުރުފުޅުން 56 އަހަރުގެ ކަމަލާ ހެރިސް އަކީ އެމެރިކާގެ ފުރަތަމަ އިންޑިއަން އެމެރިކަން އަދި ފުރަތަމަ އޭޝިއަން އެމެރިކަން ނައިބު ރައީސްއެވެ. ކަމަލާގެ މަންމާފުޅަކީ އިންޑިއާ މީހެކެވެ. އަދި ބައްޕާފުޅަކީ ޖެމެއިކާ ބޭފުޅެކެވެ.
މިދިޔަ މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ގިނަ އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމުގެ ތުހުމަތުކޮށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންތިހާބު ގަބޫލުކުރެއްވުމަށް ދެކޮޅުހައްދަވައި ބައިޑަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިނުވާނެކަން އަންގަވައިފައެވެ. ނަމަވެސް ޓްރަމްޕް ސަރުކާރުގެ ނައިބު ރައީސް މައިކް ޕެންސް ވަނީ ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.