މީގެ 11 އަހަރު ކުރިން ޑިސެމްބަރު 31، 2009ގައި ގެއްލިގެން ހޯދަމުން ދަނިކޮށް، ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި، އޭނާ މަރާލުމަށްފަހު ހަށިގަނޑު ލައިގެން ގެންދިޔަ ކަމަށް ދައުލަތުން ތުހުމަތުކުރާ ފޮއްޓަކީ އޭނާ އުޅުނު ގެއިން ނުކުތުމަށް އެންގުމުން އަންނައުނު އަޅައިގެން ގެންދިޔަ ފޮއްޓެއް ކަމަށް ޝީރީންގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ބުނެފި އެވެ.

އޭނާ އެހެން ބުނީ، ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުމުގައި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އެ މައްސަލައިގައި، ދައުލަތުން ނަޖާހުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާ އެވެ.

ދައުލަތުން ބުނީ، ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އޭރު އިމާރާތް ކުރަމުންދިޔަ ގެއެއް ކަމަށްވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ދަށު ކޯޓުން ނަޖާހު ސަލާމަތްވުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލަ ބެލުމަށްފަހު، ގަސްދަކާ ނުލައި މީހަކު މެރިކަން ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް އޭނާ ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކުރިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ނަޖާހުގެ ފަރާތުން އިސްތިއުނާފު ކުރުމުން، ބޭއްވި އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި، ނަޖާހު އާ ސުވާލު ކުރެއްވުމުގެ ކުރިން ސުއޫދު ވިދާޅުވީ، ކުރާ ސުވާލަށް ޖަވާބު ދިނުމާއި ނުދިނުމަކީ ޖަނާހަށް އޮތް އިހުތިޔާރެއްް ކަމަށެވެ. ނަމަވެސް ޖަވާބު ނުދީ ހަނުހުރުން މާނަ ކުރެވޭނީ ނަޖާހު އާ ދެކޮޅަށް ކަމަށް ވެސް ވިދާޅުވިއެވެ.

އެގެއިން ގެންދިޔަ ފޮއްޓާގުޅޭ ގޮތުން ސުއޫދު ސުވާލު ކުރެއްމުން ނަޖާހު ބުނީ، އޭނާ އުޅުނީ ޝީރީން ހިފައިގެން އުޅޭ ކޮޓަރިއެއްގައި ކަމަށެވެ. އެ ފޮއްޓަކީ ޝީރީން ނެތުމުން އެ ކޮޓަރިން ނުކުތުމަށް ޖަނާހަށް އެންގުމުން، އޭނާ އަންނައުނު އަޅައިގެން ދިޔަ ފޮއްޓެއް ކަމަށާއި އެ ފޮށި ހިފައިގެން ދިޔައީ އެލްސިއޯން ބޭކަރީ ފުރަގަހުގައި ހުރި އޭނާ ވަޒީފާ އަދާކުރާ ތަނުގައި އުޅުނު ބޭރު މީހުން ބައިތިއްބާފައި ތިބި ތަނަކަށް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ދައުލަތުން ތުހުމަތު ކޮށްފައިވަނީ ޖަނާހާއި ޝީރީނާ ދެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ލަގެޖު ފޮއްޓަކަށް ލައިގެން ގެންގޮސް ހަދަމުންދިޔަ އިމާރާތެއްގެ ތެރެއަށް ނަޖާހު އެއްލާލީ ކަމަށެވެ. ޝީރީން ގެއްލުނު ފަހުން ލަގެޖު ފޮއްޓެއް ހިފައިގެން ނަޖާހު އެ ދެމީހުން އުޅުނު ކޮޓަރިން ނުކުތް ތަނާއި ޝީރީންގެ ހަށިގަނޑު ފެނުނު އިމާރާތާ ކައިރިއަށް ޓެކްސީއެއްގައި އެ ފޮށި ހިފައިގެން ނަޖާހު ދިޔަ ކަމަށް ވަނީ ހެކިބަސް ވެސް ދީފަ އެވެ. އަދި އެ ފޮށިން ޝީރީންގެ ޑީއެންއޭ ވެސް ވަނީ ފެނިފަ އެވެ.

އެންމެ ފަހުން ޝީރީން ދިރިހުއްޓައި ފެނުނު ރޭ، ކަންތައް ހިނގިގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނަޖާހު ބުނީ, އާ އަަހަރު ފާހަގަކުރަން އެރޭ 12 ޖަހާއިރު ޝީރީން އޮތީ ކޮންމެ ވެސް ތަނަކަށްދާން ބުނެފައި ކަމަށާއި އެއީ އޭނާ އެކަނިދާން ނިންމާފައި އޮތް ތަނެއް ކަމަށެވެ. އަދި އެރޭ ޝީރީނާއެކު ކޮޓަރީގައި އޮއްވައި އޭނާއަށް ނިދުނު ކަމަށާއި އެރޭ ތިނެއް ޖެހި އިރު ހޭލެވުނުއިރު ޝީރީން އެތަނުގައި ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭގެ ފަހުން ޝީރީން ގެއްލިގެން އެކަން ފުލުހުންނަށާއި އާއިލާއަށް ރިޕޯޓްކުރީ އޭނާ އަމިއްލައަށް ކަމަށް ވެސް ބުންޏެވެ.