ރާއްޖެއަށް ބޭނުންވާ ކޮވިޑު ވެކްސިންގެ އެއްލައްކަ ޑޯސް ހިފައިގެން އެއާ އިންޑިއާގެ ފްލައިޓް ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާގައި އަދި ބޭނުންކުރަމުން އަންނަނީ ދެ ވެކްސިނެކެވެ. އެއީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ "ކޯވެކްސިން" އެވެ.
މީގެ ތެރެއިން މިއަދު ރާއްޖެ ގެނެސްފައިވަނީ ކޮވިޝިލްޑު ވެކްސިންގެ އެއް ލައްކަ ޑޯސް އެވެ. މި ވެކްސިންގެ ޝިޕްމަންޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ޝިޕްމަންޓެކެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އިންޑިއާ އިން ގެންނަ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެންނަ ވެކްސިނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮންމެ މީހަކަށް ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭއިރު، ގާތްގަނޑަކަށް 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.
އިންޑިއާ އިން ހިލޭ ދިން ވެކްސިން ޝިޕްމަންޓުގެ އިތުރުން ވެކްސިން ހޯދުމަށް ކުރެވޭ އިތުރު މަސައްކަތްތަކުގެ ދަށުން، އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ގަތުމަށް އެއްބަސްވުމުގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ހަތް ލައްކަ ޑޯޒް ރާއްޖެއަށް ލިބޭނެ އެވެ.
އޭގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިސްވެ ފަށާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު