ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ނާއިބުރައީސް ވެސް އެހަދަނީ ދޮގެވެ. ދައުރު ނިންމާލީވެސް ބޮޑު ދޮގަކުންނެވެ.

އިމާދު ލަތީފު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދޮގުވެރިކަން ނުދަންނަ އެކަކުވެސް ދުނިޔޭގައި ނުހުންނާނެއެވެ. އެއީ އޮޅިގެންވެސް ތެދުބަހުން ވާހަކަދައްކާ މީހެެއް ނޫނެވެ. އެކަމަކު ޓްރަމްޕުގެ ނާއިބުރައީސް މައިކް ޕެންސާ މެދު ބެލެވެނީ އެހެން ގޮތަކަށެވެ. ޓްރަމްޕުގެ ބަޣާވާތުގައިވެސް ޕެންސްގެ ބައިވެރިވުމެއް ނެތެވެ. އަހިވަކާ ޖެހި އަހިވައް ފާވާނެޔޭ ބުނެވޭ އުސޫލުން މައިކް ޕެންސްވެސް ބޮޑުވެގެންވާ ދޮގެއް އިއްޔެ ހައްދަވައިފިއެވެ. ދައުރު ނިމުމުގެ ކުރިން ތިމަންނާވެސް މިދައުރަށް ފެތޭކަހަލަ ބޮޑު ދޮގެއް ހަދަންވާނެޔޭ ހީފުޅުކުރެއްވީ ތޯއްޗެކެވެ. ވިދާޅުވިއެވެ. އެމެެރިކާގެ ފަހުގެ ތާރީޚުގައި ޓްރަމްޕުގެ ސަރުކާރު ނޫނީ ހަނގުރާމަކޮށް ބިންމައްޗަށް ލޭއޮހޮރުވައިނުލާ ސަރުކާރެއް ނެތެވެ.

މައިކް ޕެންސް އެހެއްދެވީ ހުތުރުވެގެންވާ ބޮޑު ދޮގެކެވެ. ދޮގެއްކަން އެންމެނަށްވެސް ކަށަވަރުވާޒާތުގެ ދޮގެކެވެ. ދުނިޔޭގެ އެތައް ތަނެއްގައި އެތައް މައިދާނެއްގައި އެތައް ބައެއްގެ ލޭ ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން ވަނީ އޮހޮރުވާލައިފައެވެ. ޚާއްސަކޮށް އިސްލާމީ ދުނިޔޭގައެވެ. މިކަމުގައި ބުޝްއެކޭ ކްލިންޓަނެކޭ އޮބާމާއެކޭ ވަކި ފަރަގެއް ނެތެވެ. އެކަމަކު މައިކް ޕެންސް ވިދާޅުވީ ފަހުގެ ތާރީޚުގައި ހަނގުރާމައެއްގައި ޝާމިލް ނުވެ ދައުރު ނިންމައިލި ފުރަތަމަ ސަރުކާރަކީ މިސަރުކާރު ކަމުގައެވެ. ބާރުހުރެގެން އެބާރު ބޭނުންނުކޮށް ސުލްހަ ގާއިމްކުރި ފުރަތަމަ ސަރުކާރަކީވެސް މި ސަރުކާރުކަމުގައެވެ.

ރައީސް ޓްރަމްޕުގެ ދައުރު ފެށުމާއެކު އޭނާގެ އެންމެ ފުރަތަމަ ރިޔާސީ ނިންމުމަކަށްވީ ޔަމަނުގެ ހޫސީންނަށް އުދުވާނީ ހަމަލައެއް ދިނުމެވެ. މިއަމުރާއެކު ޔަމަނުގައި އެމެރިކާ ސިފައިން ވަރުގަދަ އޮޕަރޭޝަނެއް ހިންގިއެވެ. އެ އޮޕަރޭޝަން ނާކާމިޔާބުވެ އެމެރިކާ ސިފައިންނާއި ތަކެއްޗަށް ލިބުނު ބޮޑު ގެއްލުމުގެ ވާހަކަޔަކީ 2017 ވަނަ އަހަރުގެ ބޮޑު ޚަބަރެވެ. ޑްރޯން ބޭނުންކޮށްގެން ހަމަލާދިނުމަކީ ރައީސް އޮބާމާގެ ދައުރުގައި އެމެރިކާއިން ފެށި ކުޅިވަރެކެވެ. މިކުޅިވަރު އެތައްތަނެއް ފުޅާކޮށް މުނިފޫހިފިލުވުމަށްވެސް ކުރާ ކަމެކޭ ހީވާވަރަށް ޓްރަމްޕު ވަނީ މިކަން އާއްމުކޮށްފައެވެ. ޓްރަމްޕުގެ އަމުރަށް ޑްރޯން ބޭނުންކޮށްގެން ދީފައިވާ ހަމަލާތައް އަދަދުނުކުރެވެއެވެ.

އަފްގާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިން އަމަލުކުރަންޖެހޭ ގަވާއިދުތައް ލުއިކޮށް ހިތަށް އެރުމުން ހިތަށްއެރި ގޮތަކަށް ހަމަލަދީ ލޭއޮހޮރުވުން ހުއްދަކުރީވެސް ޓްރަމްޕެވެ. މިއީވެސް ވެރިކަމުގެ ފުރަތަމަ އަހަރު ދިން ހުއްދައެކެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާ ސިފައިންގެ އަމަލުތަކުގައި މަރުވާ އާންމުންގެ ނިސްބަތް އޭގެކުރިޔާ އަޅާބަލާއިރު 95 އިންސައްތަ ވަނީ އިތުރުވެފައެވެ. އިރާގުގެ ވެރިރަށް ބަގުދާދުގައި 2007 ވަނަ އަހަރު ގަތުލުއާއްމެއް ހިންގުމުގެ ކުށް ސާބިތުވެގެން ޖަލަށްލެވިފައިވާ އެމެރިކާގެ ބްލެކްވޯޓަރ ކުންފުނީގެ ހަތަރު މީހަކަށް މައާފުދީ ޖަލުން މިނިވަންކުރީވެސް ޓްރަމްޕެވެ. އެއީ އޭނާގެ ދައުރުގެ ފުރަތަމަ އަފޫއާއްމެވެ.

ހަނގުރާމައިގެ ޖަރީމާކަމުގައި ހިމެނޭ ކަންކަން ކުރުމަށް ހިތްވަރުދީ ބާރުއެޅުމަކީވެސް ޓްރަމްޕުގެ ފަރާތުން ފެނިފައިވާ ސިފައެކެވެ. ހަނގުރާމައިގެ ކުށްތަކަށް ހިތްވަރުލިބޭ ގޮތަށް މަދުވެގެން ތިން ފަހަރަކު ޓްރަމްޕު ވާހަކަވެސް ދައްކައިފައިވެއެވެ. އެއްފަހަރަކު ބުންޏެވެ. އޭނާގެ ސިޔާސަތު މިހާރު ތަންފީޒުކުރެވޭތީ އައިސިސްގެ ހަނގުރާމަވެރިން މުޅިން ބަލިވެއްޖެއެވެ. ދަގަނޑު ކަނޑަންވާނީ ދަގަނޑުންނެވެ. ޓެރަރިޒަމް ފޮހެލަންވާނީ ޓެރަރިޒަމުންނެވެ. ހަނގުރާމަވެރިން ބަލިކުރަންޏާ މަރަންޖެހޭނީ ހަމައެކަނި ހަނގުރާމަވެރިޔާއެއް ނޫނެވެ. އޭނާގެ އަނބިދަރީންނާއި މަައިންބަފައިންވެސް ހިމަނައިގެން މުޅި އާއިލާ ދޮވެލަންވާނެއެވެ. ސީރިޔާގައިވިޔަސް އިރާގުގައިވިޔަސް ބޭނުންކުރަން ޖެހޭނީ މިއުސޫލެވެ.

ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތައް ވައްޓައިލުމަށް ހިންގުނު ލޭއޮހޮރުވުން ބޮޑު ބައެއް ބަޣާވާތްތަކަށްވެސް ޓްރަމްޕުވަނީ ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ބޮލީވިޔާގައި ހިންގަން އުޅުނު ބަޣާވާތަކާއި ވެނެޒުއެލާގައި ހިންގާން އުޅުނު ބަޣާވާތެއްވެސް މީގެތެރޭގައި ހިމެނެއެވެ. އީރާނުގެ އިންގިލާބީ ގާޑުންގެ ލަޝްކަރުތަކުގެ ވެރިޔާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ސީދާ ޓްރަމްޕުގެ އަމުރަށެވެ. އޭނާ ބަގުދާދަށް ވަޑައިގެންނެވިތަނާ ޑްރޯން ބޭނުންކޮށްގެން އެމެރިކާ ސިފައިން ހަމަލަދީގެންނެވެ. މި އުދުވާނުގައި އިތުރު އެތައްބަޔަކުވެސް މަރުވެފައިވެއެވެ. މިއީ ދުނިޔޭގެ ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ފާޅުކަންބޮޑު ޓެރަރިސްޓް ހަމަލާއެކެވެ.

ޖެނެރަލް ގާސިމް ސުލައިމާނީއަކީ ގައުމެއްގެ ރަސްމީ މަގާމެއްގައި ހުންނެވި ވެރިއެކެވެ. އޭނާ އެހެން ގައުމަކަށް ވަޑައިގެން އުޅުއްވަނިކޮށް އެގައުމުގެ ސަރަހައްދީ ކަރާމާތްވެސް ނަގާލުމަށްފަހު އެމެރިކާއިން ދިން ހަމަލާޔަކީ ހަނގުރާމައިގެ އަމަލެކެވެ. މިކަމުގެ ރައްދު އީރާނުން ދިންނަމަ ހުޅުވިފައިވާ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރުވެސް އޮތެވެ. ގިނަބަޔަކު ހީކުރީވެސް ހަނގުރާމައެއް ފެށިދާނޭ ކަމުގައެވެ. އެކަންނުވީ އީރާނުން ކެތްތެރިކަމާއި ދުރުވިސްނުން އިޚުތިޔާރުކުރުމުންނެވެ. ޓްރަމްޕުގެ ވެރިކަން މިއަދުގެ ނިޔަލަށް ނިމޭއިރު އޭނާ އެންމެފަހު ވަގުތުވެސް ރާވަމުން ދިޔައީ އީރާނަށް ހަމަލަދީ ގަލްފުގައި ބޮޑުވެގެންވާ ހަނގުރާމައެއް ފެށުމަށެވެ. އެމެރިކާގެ ލަޝްކަރެއްވެސް އީރާނުގެ އައްސޭރިޔާ ގާތުގައި އޮތީ ރުކުރުވާލައިފައެވެ.

ވެރިކަމުގެ އެންމެ ފަހު ހަފުތާގައިވެސް ޓްރަމްޕުގެ އަމުރަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވަނީ ޔަމަނުގެ ހޫސީންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމުގައި ސީލްޖަހައި އިއުލާންކޮށްފައެވެ. މިއީ ޔަމަނުގެ މައްސަލަ އިތުރަށް ގޯސްވެ ޔަމަނަށް ކާބޯތަކެތި ފޮނުވުންވެސް މަނާވާނެ ނިންމުމެކެވެ. ޔަމަނުގެ އިތުރު އެތައް މިލިޔަން ބަޔަކު ބަނޑަށްޖެހި މަރުވެދާނޭ ކަމެކެވެ. މިހުރިހާ ކަމެއް މިހެން ހުއްޓައިމެ ނާއިބުރައީސް މައިކް ޕެންސް އެވިދާޅުވަނީ ޓްރަމްޕަކީ އެހެންބައެއްގެ ލެއިން ނަފްސާއި ޖިސްމު މުޑުދާރުނުވެ މައުސޫމުގޮތެއްގައި ދައުރު ނިންމާ ފުރަތަމަ ރައީސްކަމުގައެވެ. މިއަށްވުރެ ހެއްވާ އެހެން ވާހަކައެއް މީހަކަށް ބުނެވޭނެ ބާވައެވެ. ނުބުނެވޭނެއެވެ.