ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު ކަމަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.
އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މޯހަން ކުލަބާ ހަވާލުވިކަން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، މޯހަން އީގަލްސް ދޫކޮށްލީ މިދިޔަ ހަފުތާ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށް ފަހު އެވެ.
ސަސްގެ ކޯޗުކަމުގައި ސީޒަން ފެށި އަހުމަދު ނާޝިދު (ނާދު)އާއެކު އެ ކުލަބުން ހަދާފައިވާ ކޮންޓްރެކްޓް އުވާލިކަން އިއުލާން ކުރީ ރޭގައެވެ. ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތިން އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް ކުލަބުން އިއުލާން ކޮށްފައިވާއިރު، ކުލަބުން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވަނީ ނާދު ކުލަބަށް ކޮށްދިން ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ނާދުއަށް މުސްތަގުބަލުގައި ކާމިޔާބަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ސީޒަން ނިމެންދެން އީގަލްސްއާއެކު މަޑުކުރުމަށް މޯހަން އެ ކުލަބާ ހަވާލުވި ނަމަވެސް، އެކިއެކި ދަތިތަކާއެކު މި ސީޒަން ދިޔައީ ދަށްކޮށެވެ. ކޮވިޑް-19އާ ގުޅިގެން ކުލަބަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހި ކުޅުންތެރިން ހޯދުމުގައި ވެސް އުނދަގޫތަކެއް ދިމާވެފައިވާއިރު، ޓީމަށް ބިދޭސީ ކުޅުންތެރިން ވެސް ގެނެސްފައިވަނީ ލީގު ފެށި ފަހުންނެވެ. އެކަންކަމާއެކު އީގަލްސްގެ ނަތީޖާތައް ވެސް ފެނުނީ ވަރަށް ބޮޑަށް ދަށްކޮށެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވި އިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އީގަލްސް މި ވަގުތު އޮތީ ހަތް ވަަނައިގަ އެވެ.
ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސަސްގެ ސްކޮޑާ މޯހަން ހަވާލުވެފައިވާއިރު، މޯހަން އަކީ ކޯޗިންގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައި ޕާސިން ފުޓުބޯޅައެއް ޓީމަށް ގެނުވާ ކޯޗެކެވެ. އެފްއޭއެމްގެ ޓެކްނިލް ޑައިރެކްޓަރެއްގެ މަގާމު ވެސް އަދާކުރި މޯހަން ވަނީ ފުރަތަމަ ޑިވިޝަނުގައި ނިއުރޭޑިއަންޓާއި ވެލެންސިއާ އާއި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށް ކޯޗުކޮށްދީފަ އެވެ. ރާއްޖޭން ފުރަތަމަ ފަހަރަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގައި ވެސް މޯހަންގެ ދައުރު ފާހަގަކޮށްލެވެ އެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން 2008ގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، މޯހަން ހުރީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.
އެންމެފަހުން ކޯޗުކަން ކޮށްދިން އީގަލްސްއާއެކު ވެސް މޯހަން ވަނީ މުހިންމު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މިދިޔަ ސީޒަންގެ ލީގުގެ ދެވަނައިގައި އީގަލްސް ނިންމާލި އިރު، އެއީ ކުލަބުގެ ތާރީހުގައި ވެސް ލީގުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ. މިދިޔަ ސީޒަންގެ ކާމިޔާބީއާއެކު މި ސީޒަންގެ އޭއެފްސީ ކަޕުގެ ކޮލިފިކޭޝަންގެ ފުރުސަތު އީގަލްސް އަށް ލިބިފައިވާއިރު، އެޓީމުން ވަނީ މި ސީޒަންގެ އެފްއޭ ޗެރިޓީ ޝީލްޑު ވެސް މޯހަންއާއެކު އުފުލާލައިފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު