ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބ. ހިބަޅިދޫ ކުއްޔަށް ދިން އެއްބަސްވުން ބާތިލުކުރުމަށްފަހު، އެރަށް ސަރުކާރުން އަތުލި މައްސަލަ އެކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުރުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، ބިޒްނަސް މޯލްޑިވްސް އަށް ހިބަޅިދޫ ދޫކުރީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލުކޮށް އެރަށް ސަރުކާރަށް ނެގީ 2016 ވަނަ އަހަރު އެވެ. އެއީ 2015 ވަނަ އަހަރު އެ ރަށުން ހަތިޔާރު ފެނިގެން، ފުލުހުން އަރައި އެ ރަށް ބަންދުކުރި ފަހުންނެވެ.
ސަރުކާރުން އެއްބަސްވުން ބާތިލު ކުރީ، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ބިޒްނަސް މޯލްޑިވްސް އިން މީގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން ހުކުމް ކޮށްފައިވަނީ އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
ނަމަވެސް އެ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުގެ ނިންމުން ބާތިލުކޮށް އެ އެއްބަސްވުން ސަރުކާރުން ބާތިލު ކުރީ ރަނގަޅަށް ކަމަށް ނިންމި އެވެ.
އެ މައްސަލަ ބިޒްނަސް މޯލްޑިވްސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް އެކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އެއީ އެ ދުވަހުގެ 10:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު