ރިޕޯޓް

ދިރިއުޅެން ހެޔޮ ނުވާ ވަރުގެ އެތައް ގެއެއް

އަހުމަދު ސާއިލް އަލީ

1

އެއް ކޮޓަރި އާއި ސިޓިން ރޫމް ކޮޅެކެވެ. މުޅި އެ އެޕާޓްމެންޓްގެ ބޮޑުމިން ވެސް 150 އަކަފޫޓަށް ވުރެއް ބޮޑެއް ނުވާނެ އެވެ. ފާރުތަކުން ފެން ލީކު ވެއެވެ. ގިނަ ދުވަސް ދުވަހު ފާހާނާ ހުންނަނީ ބެދިފަ އެވެ. ހަލާކު ނުވާ ދޮރެއް ނެތެވެ. ތިން ވަނަ ފުލޯގައި ހުރި އެ އެޕާޓްމަންޓަށް އަރަން ހުރީ އުނދަގޫ ސިޑި އެކެވެ. ދިމާ ކޮޅަށްވާ ގޮތަށެވެ. ބެލްކަނީގައި ރައްކާތެރި ކަމެއް ނެތެވެ. ކުޑަ ކުއްޖަކު އެތަނަށް ނެރެން ހެޔޮ ނުވާނެ އެވެ. މިއީ އޮލިމްޕަސް ކައިރި ހުރި ގެއެއްގައި ދެމަފިރިންނާއި އެ މީހުންގެ ހަތަރު ކުދިންގެ އިތުރުން މުސްކުޅި މަންމައެއް އުޅެމުން ދާ ގޭގެ ހާލެވެ.

ބަދިގެ ހަދާފައިވަނީ އެ ކުޑަ ސިޓިން ރޫމްގެ ތެރެއިންނެވެ. އުނދުން ބަހައްޓާނެ ތަނަކާއި ސިންކެއްގެ އިތުރުން ކާ މޭޒެއް ބެހެއްޓުމުން އެތަން ވަނީ ފުރިފަ އެވެ. އެއްކޮޓަރީގައި ދެމަފިރިންނާއި މުސްކުޅި މަންމަގެ އިތުރުން ހަތަރު ކުދިން ނިދައި އުޅެމުން ދާއިރު އެއީ ދަތި އަދި އެހާމެ އުނދަގޫ ދިރިއުޅުމެކެވެ. ޒަރޫރީ ބޭނުންތަކަށް ހިފައި ގެންގުޅޭ ތަކެއްޗާއި އެނދުތައް ބެހެއްޓުމުން އެ ކޮޓަރިވެސް ވަނީ ފުރިފަ އެވެ. އެ ދަތި ހާލުގައި އަތޮޅުތެރެއިން މާލެ އައިސް ކުއްޔަށް އުޅޭ އެ އާއިލާއިން ފްލެޓަށް އެދިގެން އުޅޭތާ ވެސް އެތަކެއް އަހަރެއް ވެއްޖެ އެވެ. ކިތަންމެ ހާލުގައި އުޅެން ޖެހުނު ނަމަވެސް ހިޔާ ފްލެޓަށް އެދުމުން ދިރިއުޅުމުގެ ހާލަތުގެ ބައިން 30 މާކްސް އިން މި އާއިލާއަށް ވެސް ލިބިފައިވަނީ އެންމެ 19 މާކްސް އެވެ. މިއަށްވުރެ މާ ތަނަވަސް އެޕާޓްމެންޓްތަކުގައި ކުއްޔަށް އުޅޭ މީހުންނަށް މިއަށް ވުރެ މާ މަތިން މާކްސް ލިބިފައި އެބަ ހުއްޓެވެ.

"މިއީ ފުލް މާކްސް ލިބެން ޖެހޭ އާއިލާތައް. އެތަންތަން ބަލައިލުމަށް އަޅުގަނޑުމެން އެތަނަށް ވަދެ ވަގުތުން ބޭނުންވީ ނުކުންނަން. ހާދަ ހާލެއްގައޭ އެ ތިބީ. ކުޑަ ކޮޓަރިއެއްގައި ހަތް މީހުން އުޅޭނެ ހާލު ވިސްނާ!. އެ ވެސް ދެމަފިރިން. މުސްކުޅި މަންމައެއްވެސް އެ ކޮޓަރި ތެރޭގައި ގެންގުޅެމުން. މިފަދަ އާއިލާތަކަށް ފުލް މާކްސް ނުލިބެންޏާ ދެން ކޮން ބަޔަކަށް މާކްސް ލިބެންވީ؟ މާކްސް ދިނުމުގައި މައްސަލަތަކެއް އެބަ އުޅެއެއް ނޫންތޯ؟" ފްލެޓް އޭގެ ހައްގުވެރިންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރާ އާއްމު އެކުވެރިންގެ ގުޅުން ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދިރިއުޅެން ހެޔޮ ނުވާ ހާލަތުގައި ހުރި ގޭގޭގައި ދިރިއުޅެން މަޖުބޫރުވެގެން ގަނަ ތެޅުމަކީ މާލޭގައި އާއްމު ކަމެކެވެ. އެތައް ބަޔަކު އުޅެމުން ދާ އެ ގެތަކަކީ ރަނގަޅަށް ވައި ދައުރު ނުވާ ތަންތަނެވެ. އެހާމެ ބެދިފައި ހުންނަ ތަންތަނެވެ. އެ އިމާރާތްތައް އެހާމެ ބަލެވެ. ފާރުތަކުން ފެން ލީކްވުމަކީ އާއްމު ހާލެވެ. ފާހާނާގެ ނިޒާމު ވެސް އެހާ ދަށެވެ. މުށިއެރުމާއި ފާހާނާ ބެދުން ފަދަ މައްސަލަތައް އެހާ އާއްމެވެ. އެފަދަ ތަންތަނުގައި ތޮއްޖެހިގެން އެތައް އާއިލާއެއް ދިރިއެބަ އުޅެ އެވެ. ޑިއުޓީ ބަހައިގެން ނިދައިގެންނެވެ. ކިޔޫގައި ތިބެ ފާހާނާ ބޭނުންކޮށްގެންނެވެ. މިއީ އެތައް އާއިލާއެއްގެ ހާލެވެ.

އާއްމު އެކުވެރިންގެ ގުޅުން ޖަމިއްޔާއިން މާލޭގައި ހާލުގައި ދިރިއުޅޭ އެތައް ބައެއްގެ ގެއަށް ގޮސް އެގެތަކުގެ ހާލަތު ވަނީ ބަލައިފަ އެވެ. އެ ހުރިހާ ގެއެއްގައި ވެސް ވެންޓިލޭޝަންގެ މައްސަލަ ބޮޑު ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. ސާފު ވަޔާއި އަލި ލިބޭނެ ގޮތެއް ނެތެވެ. ކުދިކުދި ތަންތަނުގައި ގިނަ ބަޔަކު އުޅެން ޖެހުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދަން ވަނީ ދަތިވެފަ އެވެ.

ތޮއްޖެހިގެން ދިރިއުޅެން ޖެހުމުގެ އިތުރުން ގެތަކުގެ ހާލަތު ހުރިގޮތުން އެތަންތަނުގެ ރައްކާތެރިކަން އެހާމެ ދަށެވެ. ބައެއް އެޕާޓްމަންޓްތައް ހަދާފައި ހުންނަނީ ގޯޅިތަކުގެ ވަރަށް އެތެރޭގަ އެވެ. އަލިފާނުގެ ހާދިސާއެއް ނުވަތަ މީހެއް ބަލިވެގެން ނެރެން ޖެހޭ ފަދަ ހާލަތެއްގައި އެކަންކަން ކުރަން އުނދަގޫވާހާ ނުވަތަ އެކަން ނުކުރެވޭހާ ދަތިކޮށެވެ.

"ސިޑި މި ހުންނަނަނީ ދިމާ ކޮޅަށް ވާގޮތަށް. ޔަގީން ބަލި މީހަކު އެގޭގެއިން ނުބޭލޭނެ. ދެން ވިސްނަވާ ދިމާވާ ކަމަކުން ކުއްލިއަކަށް މީހަކު ގެއިން ނެރެން ނުވަތަ ނުކުންނަން ވެއްޖެއްޔާ އުޅެން ޖެހޭނެ ހާލު. އެފަދަ ގެތަކުގައި ކުޑަ ކުދިންނާއި ދުވަސްވީ އެތައް ބަޔަކު ވެސް އެބައުޅޭ. ވަރަށް ވެސް ހާލަތު ދަށް،" ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޕާޓްމަންޓް ހަދައިގެން ކުއްޔަށް ދިނުމަކީ މާލޭގައި އެންމެ ފައިދާ ބޮޑު ވިޔަފާރި އެވެ. އެހެންވެ އެކި ފަންތީގެ އެޕާޓްމަންޓްތައް ހަދައިގެން ކުއްޔަށް ދެ އެވެ. ކޮލެޓީއަށް ބެލުމެއް ނެތި ހަރަދު ކުޑަ ކުރުމަށް އިސްކަން ދީގެން ހަދާ ތަންތަން ގިނަ އެވެ. މާލޭގައި މީހުން ދިރިއުޅެން ކުއްޔަށް ތަންތަން ދޫކުރާއިރު އެތަންތަނުގައި ވަކި ފެންވަރެއް ހުންނަން ޖެހޭ ކަމަށް ގަވައިދުގައި ބުނެ އެވެ. ނަމަވެސް އެ އުސޫލު އޮތީ ހަމައެކަނި ލިޔެ ކިޔުމުގަ އެވެ. ހަމައެއް ލަމައެއް ބެލުމެއް ނެތި ތަންތަން ހަދައި ކުއްޔަށް ދެނީ އެވެ. އެތަންތަން މޮނީޓާއެއް ނުކުރެ އެވެ. އެހެންވެ ދިރިއުޅެން ހެޔޮ ނުވާ ހާލަތުގައި ހުރި ތަންތަނުގައި އެތައް ބަޔަކު ދިރިއުޅެނީއެވެ. ލިބޭ އާމްދަނީން އެ ނޫން ގޮތެއް ނެތިގެންނެވެ.

އިމާރާތެއް ހަދާއިރު އެންމެ މުހިންމު އެއްކަމަކީ އެތަނުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަ ޖެހޭ ގޮތަށް އެތަން ހެދުން ކަމަށް ވާން ޖެހެ އެވެ. އެކަން ވާން އޮތީ ވެންޓިލޭޝަން ރަނގަޅުވުމާއެކު އެކަށީގެންވާ ޖާގަ ލިބުމުންނެވެ. ނަމަވެސް މާލޭގައި ވިޔަފާރި އުސޫލު ބޮޑުވެ ގިނަ ގެތައް ހަދަނީ އެކަންކަމަށް އިސްކަން ދީގެނެއް ނޫނެވެ.

މަޝްހޫރު އާކިޓެކްޗަރަކު މައުލޫގެ ގޮތުން ނަން ހާމަ ނުކުރަން އެދި ވިދާޅުވިގޮތުގައި މާލޭގައި ހަދާ ގިނަ އިމާރާތްތަކަކީ ވިޔަފާރި އުސޫލު ބޮޑުކޮށް ހަދާ ތަންތަން ކަމަށް ވުމުން އެތަންތަނުގައި ދިރިއުޅުން ނުރައްކާތެރި އެވެ. އަދި ޖާގަ ތަނަވަސް އުފާވެރި ދިރިއުޅުމަކަށް ތަންތަން ހެދުމުގެ ބަދަލުގައި ކުޑަ ޖާގައެއްގައި ގިނަ އެޕާޓްމަންޓްތައް ހަދަން އިސްކަން ދޭތީ އެ މައްސަލަ ބޮޑުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމާރާތުގެ އަރާމު ބަޔަށް ވަރަށް މަދު ފަހަރެއްގައި ނޫނީ އިސްކަމެއް ނުދޭ. ގެ ހަދާ މީހުން ބޭނުންވަނީ ވީހާވެސް ގިނަ އެޕާޓްމަންޓް ހަދަން. އޭރުން ދެއްތޯ ފައިދާ ބޮޑުވާނީ. އެ ވިސްނުމުގައި ހަދާތީ އެ މައްސަލަ އެ ކުރިމަތި ވަނީ. ޖާގައަށް އެކަށީގެން ނުވާ ގޮތަށް ހަދާތީ،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރީގެ ފައިދާ ބޮޑުކުރުމަށް އަގުހެޔޮކޮށް އިމާރާތްތައް ހެދުންވެސް އާއްމެވެ. ރަނގަޅު މިންގަނޑަށް ނުބަލައި އެކަންކަން ކުރުމުން އަވަހަށް އިމާރާތް ބާވެ ފެން ލީކްވުން ފަދަ މައްސަލަތައް އަވަހަށް ކުރިމަތިވެ އެވެ. އޭގެ ސަބަބުން އެތަންތަނުގައި ދިރިއުޅެން ދަތިވެ އެވެ.

"އޭގެ އިތުރުން އިމާރާތްތައް ހަދާއިރު ވަރަށް ކޮލެޓީދަށް ކޮށްގެން މަސައްކަތް ކުރޭ، އެއީ އަގުހެޔޮ ކުރަން ވެގެން. އެހެންވެ އަސްލު ޝީޓުގެ ބައިތައް ވެއްޓުމާއި ފެން ލީކްވުން ކަހަލަ ކަންކަން އެ ކުރިމަތި ވަނީ. މިއީ ވަރަށް ނުރައްކާ ކަމެއް.،" އޭނާ ވިދާޅުވި އެވެ.

ފެންވަރު ދަށްކޮށް ހަދާ އިމާރާތްތައް ކުއްލިއަކަށް ވެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ދޭތެރެ ދޭތެރެއިން ހިނގާ ކަންކަމެވެ. ރާއްޖޭގައި އެހާލަތަށް ނުދަނީސް ފިޔަވަޅު އަޅަން ވިސްނަން އެބަޖެހެ އެވެ. މޮނީޓާ ކުރުމުގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހެ އެވެ. ވެރިރަށް މާލޭގައި އެތައް ބަޔަކު ދިރިއުޅެމުން އެދަނީ ދިރިއުޅެން ހެޔޮނުވާ ވަރުގެ ގެތަކުގަ އެވެ.