މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހަމަޖައްސާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެއް ހަމަޖައްސައިފި އެވެ.

އެންޑީއޭގެ ސީއީއޯ އަކަށް އެންމެ ފަހުން ހުންނެވީ ހަސަން ޝަހީލެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 2014 ގަ އެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޝަހީލު އިސްތިއުފާ ދެއްވި ފަހުން އެންޑީއޭއަށް ސީއީއޯއަކު ހަމަޖައްސަން ތިން ފަހަރެއްގެ މަތިން އިއުލާންކުރި އެވެ.

އެ އެޖެންސީ ހިންގާ ޖެންޑާ މިނިސްޓްރީގެ ޑައިރެކްޓަރު ކޮމިއުނިކޭޝަން އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ، އެންޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު ހަބީބު ހަމަޖައްސާފައިވާ ކަމަށެވެ.

އޭނާއަކީ އިންޓަނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީން މާސްޓާސް ހާސިލުކޮށް، ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ލޯގަލް ގަވަރުމަންޓް އޮތޯރިޓީ، ދިރާގު އަދި މެކްސްކޮމް ޓްރެއިނިންގައި މަސައްކަތް ކުރައްވާފައިވާއިރު، ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް ކިޔަވައިދެއްވާ ލެކްޗަރާއެއްގެ ގޮތުގައާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންގެ ރިސާޗް ސްޕަވައިޒަރެއްގެ ގޮތުގައި ވެސް ހަބީބު މަސައްކަތް ކުރައްވާފައިވެ އެވެ.

އެންޑީއޭއަށް ސީއީއޯއަކު ހަމަޖައްސާފައިވާއިރު، އެ އެޖެންސީ ރިފޯމްކުރަން ގޮވާލައި "ހޭންޑްސްޓުގެދާ" ނަމަކަށް ކިޔާ ޖަމިޔާއަކުން އަންނަނީ ވަރުގަދަ ކެމްޕެއިނެއް ފަށައި، ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.