ރައްޔިތުންގެ މަޖިލިސް

ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ޖަލްސާ ފެށުން ކޯރަމް ހަމަނުވެގެން ލަސްކުރަން ޖެހިއްޖެ

އިބްރާހިމް ޒަކީ

ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ޖަލްސާ ފެށުން ކޯރަމް ހަމަނުވެގެން ލަސްކުރަން ޖެހިއްޖެ އެވެ.

އެ ގޮތުން ޖަލްސާ ފަށަން ޖެހޭ ވަގުތު ޖެހުނު އިރު ވެސް ކޯރަމް ހަމަ ނުވާތީ، ޖަލްސާ ފަށާ ގަޑި ވަނީ 10 މިނެޓު ލަސްކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށް، ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން މިއަދު ބާއްވާ ޖަލްސާ އަކީ، އެބިލު ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވާފައިވާތީ، އެ ބިލު މަޖިލީހަށް ހުށަހަޅަށް އެއަށް ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއެކެވެ.

މިއީ މިކަމަށްޓަކައި ދއުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާއެވެ.

ހެނދުނު 10:00 ގައި ފަށަން އޮތް ޖަލްސާއަށް ކޯރަކް ހަމަ ނުވެގެން 10 މިނެޓަށްް ޖަލްސާ ފެށުން ލަސް ކުރައްވަމުން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ޖަލްސާފެށުން ލަސްކުރަން ޖެހުނީ ކޯރަމް ހަމަވޭތޯ 15 މިނިޓް ބެއްލެވުމުން ވެސް ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވުމުން ކަމަށެވެ. އަދި ކޯރަމް ރަނގަބީލު ޖެހުމުންވެސް ކޯރަމް ހަމަނުވިކަމަށް އޭނާ ވިދާޅުވިއެވެ.

ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުން 10 މިނެޓަށް ފަސްކުރައްވަމުން، އީވާ ވަނީ، ޖަލްސާ ފަށާ ގަޑިއަށް ވަޑައިގެންނެވި މެންބަރުންނާއި، އޭގެފަހުން ވަޑައިގެންނެވި މެންބަރުންގެ ނަންތައް އިއުލާން ކުރައްވައިފައެވެ. އަދި ޗުއްޓީގައި މިވަގުތު ތިއްބެވި މެންބަރުންނާއި ސަލާމުގައި ތިއްބެވި މެންބަރުންގެ އިތުރުން މިވަގުތު ކަރަންޓީނުގައި ތިއްބެވި މެންބަރުންގެ ނަންތައްވެސް އިވާ އިއުލާން ކުރެއްވިއެވެ.

އީވާ ވިދާޅުވީ، ޖަލްސާ ފަށަން އޮތް ގަޑިއަށް އެއްވެސް ސިޔާސީ ޕާޓީއެއްގެ ޕީޖީ ލީޑަރެއްވެސް ވަޑައި ނުގަންނަވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންތައް ބައްޓަން ކުރެއްވުމަށް، އީވާ ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އިލްތިމާސްކުރައްވައިފައެވެ.