ގެބޮންގެ ފޯވަޑް ޕިއޭ އެމްރިކް އަބަމަޔާންގެ ދެ ގޯލާއެކު ނިއުކާސަލް ބަލިކޮށް، އާސެނަލްއިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި އާސެނަލްއިން ކުޅުނު މެޗު ނިމުނީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ އާސެނަލްއިން ޕޮއިންޓް ތާވަލުގެ ގަދަ 10 އެއްގެ ތެރެއަށް ވަދެފައިވާއިރު، އެޓީމަށް 19 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. މެޗަށް ނުކުތްއިރު، އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލި ނުވެ، ރަނގަޅު ރެކޯޑެއްގައި އާސެނަލް އޮތީ ތާވަލުގެ 11 ވަނައިގައެވެ.

އަނެއް ކޮޅުން ނުކުތް ނިއުކާސަލް އޮތީ ދަށް ފޯމެއްގައެވެ. އެޓީމުން އެންމެފަހުން އެކިއެކި މުބާރާތްތަކުގައި ކުޅުނު ނުވަ މެޗުންވެސް މޮޅެއް ނުހޯދި އޮތްއިރު، ލީގު ތާވަލުގައިވެސް އޮތީ ފުލުގައެވެ.

މެޗުގެ ފުރަތަމަ ހާފް 0-0 ގެ ނަތީޖާއަކުން ނިމުނު ނަމަވެސް އާސެނަލްއިން ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފައެވެ. އަބަމަޔާންގެ ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާއިރު، ދެވަނަ ހާފް ފެށިގެން ފަސް މިނެޓް ތެރޭ އޭނާ ވަނީ އާސެނަލްއަށް ލީޑު ނަގައިދީފައެވެ.

އޭގެ 10 މިނެޓް ފަހުން ޒުވާން ޑިފެންޑަރު ބުކަޔޯ ސަކާގެ ގޯލާއެކު އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެމިލް ސްމިތު ރޯއީގެ ރީތި ޕާހަކުން ފަހިކޮށްދިން ފުރުސަތު ފައިގެ ބޭރު ފަރާތުން ގޯލަށް ނިންމާލައި ސަކާ ގޯލް ޖެހިއިރު، އެ ގޯލާއެކު ނިއުކާސަލްގެ އުންމީދުތައް ގެއްލުނެވެ. އާސެނަލްއިން ކޮންޓްރޯލް ކޮށް، މުޅި މެޗު ޑޮމިނޭޓް ކޮށްފައިވާއިރު، އަބަމަޔާންގެ ދެވަނަ ގޯލަކާއެކު ތިން ޕޮއިންޓް ޔަގީން ކުރިއެވެ. އެ ގޯލަކީ ސެޑްރިކް ސޮއަރެސްގެ އެސިސްޓަކުން އަބަމަޔާން ކާމިޔާބު ކުރި ގޯލެކެވެ.