ޑޭވިޑް ބެކަމްގެ އެމެރިކާ ލީގު ކްލަބު، އިންޓަ މިއާމީގެ ކޯޗަކަށް ފިލް ނެވިލް ހަމަޖައްސައި، އެކަން އިއުލާން ކޮށްފިއެވެ.

ބެކަމްއާއެކު ގިނަ އިންވެސްޓަރުންތަކެއްގެ ހިއްސާ އޮންނަ އިންޓަ މިއާމީގެ ކޯޗުކަމާ ނެވިލް ހަވާލުވީ އިންގްލެންޑް އަންހެން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ދޫކޮށްލުމަށްފަހުއެވެ. 2018 ވަނަ އަހަރު އިންގްލެންޑް އަންހެން ގައުމީ ޓީމާ އުމުރުން 43 އަހަރުގެ ނެވިލް ހަވާލުވެފައިވާއިރު، އޭނާގެ ކޮންޓްރެކްޓް ހަމަވާން އޮތީ މިއަހަރުގެ ޖުލައި މަހަށެވެ.

ނެވިލްގެ ބަދަލުގައި ގައުމީ އަންހެން ޓީމާ ހަވާލުވާނެ ވަގުތީ ކޯޗެއް ވަރަށް އަވަހަހަށް އިއުލާން ކުރާނެ ކަމަށް އިނގިރޭސި އެފްއޭއިން ބުނެފައިވާއިރު، އެޓީމާ ދާއިމީކޮށް ހަވާލުވާން ނިންމާފައި ވަނީ ސަރީނާ ވީގްމަންއެވެ. ނެދަލޭންޑްސްގެ ކޯޗު ކަމުގައި މިވަގުތު ވީގްމަން ހުރިއިރު، އޭނާ އެ ގައުމުގެ ގައުމީ ޓީމުގެ މަޑުކޮށްގެން ހުރީ ކޯވިޑް 19 ގެ ސަބަބުން ޓޯކިޔޯ އޮލިމްޕިކްސް މިއަހަރުގެ އޯގަސްޓް މަހާ ހަމައަށް ފަސްކުރުމުންނެވެ.

ޓޯކިއޯ އޮލިމްޕިކްސްއަށް ދާ އިންގްލެންޑް އަންހެން ޓީމު ލީޑުކުރަން ނެވިލްގެ ބޭނުން ކުރަން އެފްއޭއިން ކުރިން ނިންމާފައި އޮތް ނަމަވެސް، މިއާމީއަށް އޭނާ ދިޔައީ އަމިއްލަ އަށެވެ. ނެވިލްއަކީ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަށްވެސް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރެކެވެ. އޭނާ ވަނީ ގައުމީ ޓީމަށްވެސް މުހިއްމު މެޗުތަކެއް ކުޅެފައެވެ.

"މިއީ ވަރަށް ޅަ ކްލަބެއް. ކްލަބުގެ އުންމީދުތައް ބޮޑު، ދާން އޮތް މަންޒިލް ދުރު. އެކަމަކު އަހަރެން މިހުރީ ޗެލެންޖަށް ތައްޔާރަށް. ފަހުރުވެރިވާ ފަދަ ޓީމެއް ބިނާ ކުރުމުގެ މަސައްކަތުގައި ކުރިއަށް ދާނަން،" ނެވިލް ބުނެފައިވެއެވެ.

ކްލަބުގެ ވެރިޔާ ބެކަމް ބުނެފައި ވަނީ ޅަ ދުވަސްވަރު އެކަޑެމީގައި އުޅުނު އިރުން ފެށިގެން ނެވިލް އެނގޭ ކަމަށާއި، ފުޓުބޯޅައިގައި ދެމީހުންނަކީވެސް އެއް ޑީއެންއޭއެއް ހުންނަ ދެމީހުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ދެމީހުންވެސް ތަމްރީނު ވެގެން އައީ އެންމެ ވަރުގަދަ ލީޑަރުންގެ ފަރާތުން ކަމަށާއި، އަބަދުވެސް ބޭނުންވާ ކަމަކީ އަމިއްލަ ގައިގައި ހުރި ހަރުދަނާކަން ހުންނަ ކޯޗެއް ކްލަބުގައި ހުރުން ކަމަށެވެ.

މިދިޔަ އަހަރުގެ ޝީ ބިލީވްސް ކަޕްގެ ޗެމްޕިއަންކަން އިންގްލެންޑަށް ހޯދައިދީ އަންހެން ވޯލްޑް ކަޕްގެ ހަތަރު ވަނައާ ހަމައަށް އިންގްލެންޑް އަންހެން ޓީމު ގެންގޮސްދިން ނެވިލް ކޯޗުކަމުގައި އިންގްލެންޑް ޓީމު ކުޅުނު 35 މެޗުން މޮޅުވީ 19 މެޗުންނެވެ.