ހައި ސްޕީޑް ފެރީގެ ނިޒާމާއެކު 30 މިނެޓުގެ ދަތުރުތައް ދިހަ މިނެޓަށް ކުރުކޮށްދޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫއުގެ ތަފްސީލްތައް ދެއްވަމުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އާޒިމް ރޭ ވިދާޅުވީ، ގައުމުގެ އިގްތިސޯދު ކުރިއަރައިދިއުމަށް ރާއްޖޭގެ ރަށްތައް ގުޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެމްޓީސީސީން ދޭ ހައި ހައި ސްޕީޑް ފެރީގެ ހިދުމަތަކީ އަވަސް އަދި ރައްކާތެރި ހިދުމަތަކަށްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"މި ހިދުމަތަކީ އަވަސް ހިދުމަތެއް. މިސާލެއްގެ ގޮތުން މި ނިޒާމުގެ ސަބަބުން ކުރިން 30 މިނެޓުން ކުރެވޭ ދަތުރުތައް ދިހަ މިނެޓުން ކޮށްލެވޭނެ." އާޒިމް ވިދާޅުވިއެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ޖުމްލަ 41 ރަށަކަށް ހިދުމަތް ދެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ދަތުރުތަކުގައި 14 ލޯންޗެއް ބޭނުންކުރާއިރު، ތިން ބެކަޕް ލޯންޗެއް ވެސް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ލޯންޗުތައް ފަރުމާ މިކުރަނީ ކަނޑަށް ގަދަވާނެ ގޮތަށް އެއް ޑިޒައިނަކަށް." އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، އެ ލޯންޗު ތަކަކީ 40 މީހުންގެ ޖާގައިގެ ލޯންޗުތަކެއް ކަމަށާއި ލޯންޗުތައް ގަޑިއަކު 35 މޭލު ދުވާނެ ކަމަށެވެ. އަދި ލޯންޗުތަކުގައި އޭސީ އާއި ޓީވީގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"އެއާކްރާފްޓެއްގައި ލިބޭ ފަދަ ހިދުމަތްތައް މި ފެރީތަކުން ލިބިގެންދާނެ." އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން އަމާޒު ހިފާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހައި ސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށޭވަރު ކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު