ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މާއްދާ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ލޯކަލް ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރަން ލާމަރުކަޒީ ގާނޫނަށް 2019 އަހަރު ވަނީ އިސްލާހު ގެނެސްފައެވެ. ނަމަވެސް އެ މާއްދާ ބާތިލުކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ހައިކޯޓުން މޫސާ އަންވަރަށް ފޮނުވާފައިވާ ޗިޓުގައި ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:45ގައި އެ މައްސަލައިގެ ޝަރީއަތެއް ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު، އާދިއްތަ ދުވަހު އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަން މޫސާ އަންވަރު ފުރަތަމަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.

ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައި ވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ފެބްރުއަރީ ތިންވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.

މިހާރު އީސީން އަންނަނީ އޭޕްރީލް ތިނެއްގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންތިހާބު ބޭއްވޭނީ ހާއްސަ ގާނޫނަށް އިސްލާހު ގެނެސް، މިމަސް ނިމުމުގެ ކުރިން އެ ބިލް ތަސްދީގު ކުރުމުންނެވެ.

އިންތިހާބު އަވަހަށް ބޭއްވުމަށް މަގުފަހި ކުރުމަށް ސަރުކާރުން ވަނީ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ އެ ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާންމުކުރަންވާނެ ކަމަށް އިސްލާހުގައިވެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމާއި ވޯޓުލާން ރަޖިސްޓަރީ ކުރުމާއި ވޯޓާސް ލިސްޓު އިއުލާނުކުރުން ފަދަ ކަންކަމަށް ދީފައިވާ މުއްދަތުތައް ކުރުވެގެންދާނެ ގޮތަށް އިސްލާހު ގެނައުމަށްވެސް ވަނީ ހުށަހަޅައިފައެވެ.