ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 2018 ވަނަ އަހަރު ހައްޔަރުކުރި މަޝްހޫރު ބޮޑީ ބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ)ގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޝާންޓޭ ޖަލަށް ލުމަށް ހުކުމްކޮށް، ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ދައުލަތުން ޝާންޓޭގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް އެ ހުކުމްގައި އޭނާއަށް ވަނީ އަންގައިފައެވެ.
ޝާންޓޭ ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހުގެ ރޭ 10:30 ހާއިރު ހ. ސާމަރާގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ހުކުމްގައި ބުނީ ހ. ސާމަރާގޭގައި ޝާންޓޭ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެ ކޮޓަރީގެ ސްޓޮކް ރޫމް ތެރޭގައި ޓޭޕްއަޅައި ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ޑަސްބިން ކޮތަޅެއްގެ ތެރެއިން ހަތް ޕެކެޓުގައި 6924.800 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.
ޝާންޓޭގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް ހުކުމްގައި ބުނީ ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ޝާންޓޭގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ޝާންޓޭ ވަނީ ސަރުކާރުން ދޭ އެންމެ މަތީ އިނާމު ކަމަށްވާ ގައުމީ އިނާމު ވެސް ހާސިލުކޮށްފައެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފައެވެ. އޭގެ އިތުރުން އޭނާއަކީ މިސްޓަ މޯލްޑިވްސް ބޮޑީބިލްޑިން މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ބޮޑީބިލްޑަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު