ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ފަދަ މޮޅެތި ކުޅުންތެރިންނަކީ އަބަދުވެސް ޕީއެސްޖީގެ ޓްރާންސްފާ ލިސްޓުގައި ހިމެނޭނެ ކަމަށް ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ލިއެނާޑޯ ބުނެފިއެވެ.
ޕީއެސްޖީގެ ކޯޗު ކަމަށް މިދިޔަ ހަފްތާގައި މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސާފައިވާ އިރު، އެޓީމުން ވަނީ ކުރިއަރުންތަކެއް ފެނިފައެވެ. ސީޒަން ދަށްކޮށް ފެށި ނަމަވެސް ޕީއެސްޖީން ވަނީ މިހާރު އަނެއްކާވެސް ލީގުގެ އެއްވަނައަށް ޖެހިލައިފައެވެ. ޕީއެސްޖީން އެޓީމުގެ ތަރިން ކަމަށްވާ ނޭމާއާއި ކިލިއަން އެމްބާޕޭގެ ކޮންޓްރެކްޓް އާކުރަން ތައްޔާރުވަމުންދާ ކަމަށްވެސް ލިއެނާޑޯ ބުނެފައިވާ އިރު، އޭނާ ބުނީ މެސީއަކީ އަބަދުވެސް ޓާގެޓެއް ކަމަށެވެ.
"މެސީ ކަހަލަ މޮޅެތި ކުޅުންތެރިންނަކީ އަބަދުވެސް ޕީއެސްޖީގެ ރާޑަރަށް އަރާނެ ކުޅުންތެރިން. އެކަމަކު މެސީގެ ވާހަކަ ދައްކަން އަދި ވަގުތު ނުޖެހޭ. އަހަރެމެންވެސް މިތިބީ މެސީއަށް ފޮލޯކޮށް، މެސީގެ ކަންކަން ކައިރިން ބަލާ ޓީމުތަކާ އެއް މޭޒެއްގެ ދަށުގައި. އަދި ޔަގީންކަމާއެކު ނުއެއް އިށީންނަން. ހަތަރު މަސް އެބައޮތް ބާކީ އެކަމާ މެދު ވިސްނަން،" ބްރެޒިލަށް ކުރިން ކުޅުނު ލިއެނާޑޯ ބުނެފައިވެއެވެ.
މިދިޔަ ސީޒަން ނިމުމާއެކު ބާސާއާ މެދު ހިތްހަމަ ނުޖެހި މެސީ ވަނީ ކްލަބު ދޫކޮށްލަން އެދިފައެވެ. ރަސްމީ ސިޓީއަކުން މެސީ އެކަމަށް އެދުނު ނަމަވެސް އޭނާގެ ކޮންޓްރެކްޓް ބާސާއިން އުވާލަ ދީފައެއް ނުވެއެވެ. އެހެންކަމުން މެސީގެ ރިލީސް އަގު ދެއްކޭނެ ޓީމެއް ޔޫރަޕްގައި ނެތުމުން، މެސީއަށް ޖެހުނީ މިސީޒަން ނިމެންދެން ކްލަބުގައި މަޑުކުރާށެވެ. މި ސީޒަންގެ ނިޔަލަށް މެސީގެ ކޮންޓްރެކްޓް ހަމަވާ އިރު، އޭނާ ބާސާއާއެކު އިތުރު އެއްބަސްވުމަކަށް ނުދާނަމަ، މެސީ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައެވެ.
ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ކްލަބަކަށް ދިޔަ ނަމަވެސް، އޭނާގެ މުސާރަ ދެވޭނެ ކްލަބުތައް މަދެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެސްޖީއާއި މެންޗެސްޓާ ސިޓީ ފަދަ މަދު ކްލަބުތަކެއް ކަމުން މެސީ ގެންދަން މިހާރުން ފެށިގެން މަސައްކަތް ކުރަނީވެސް އެ ކްލަބުތަކުންނެވެ.
މެސީ ބާސާއަށް އެންމެފަހުން ކުޅުނު ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ބާސާ ބަލިވީ އެތުލެޓިކޯ ބިލްބާއޯ އަތުންނެވެ. މެޗުގައި މެސީއަށް ރަތްކާޑު ދައްކާފައިވާ އިރު، އެއީ ބާސާގެ ޖާޒީގައި އޭނާއަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ