ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި، ވ. ބިންފެހި މުހައްމަދު ހަމްދާން އަބުދުﷲ ގެ މައްޗަށް އުފުލި ދައުވާގެ ބާވަތާއި މަގުސަދު ވިސްނައިގަތުމަށް އޭނާ ނުކުޅެދޭ ކަމަށް ކަނޑައަޅައި، އެ ދައުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ ދައުވާ ކްރިމިނަލް ކޯޓަށް ތަހްވީލުކުރުމަށް (އެ ދައުވާ އަލުން ބެލުމަށް) އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލީ، 20 ފެބުރުއަރީ 2019 ދުވަހުގެ 9:50 ހާއިރު އެއާ އިންޑިއާގެ ފްލައިޓަކުން ރާއްޖެއަށް އައުމުން އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ލަގެޖް ތެރޭގައި ހިމެނުނު ކަރުދާސް ފޮށިގަނޑު ބަލައިފާސްކުރުމުން އެ ފޮށިގަނޑު ތެރެއިން ކެނެބިސް ފެނިފައިވާތީއެވެ.
މި މައްސަލަ ކުރިމިނަލް ކޯޓުން ބެލުމަށްފަހު ނިންމި ނިންމުގައި ވަނީ "މުހައްމަދު ހަމްދާން އަބުދުﷲ އަކީ، ހައި ޑިޕްރެޝަން އާއި އެންޒައިޓީ ލެވެލް ހުރުމުގެ ސަބަބުން ކޮގްނެޓިވް އިންޕަޔާމަންޓް އަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރި މީހެ އްކަމަށް ގަބޫލުކުރެވޭ ކަމަށާއި ވަރަށް ސިވިއާކޮށް ކޮގްނެޓިވް އިންޕަޔާމަންޓްގެ ސްކޯ އައިސްފައި ހުރިކަމަށް ބެލެވޭތީ ދައުވާ ލިބިގަތުމަށް ވިސްނުން ހުންނާނެ ކަމަކަށް ގަބޫލުނުކުރެވޭ ކަމަށް އޭނާގެ ސިއްހީ ހާލަތު ދެނެގަތުމަށް ހެދިފައިވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ސައިކޮލޮޖިސްޓް ޝަރީއަތުގައި ބުނެފައިވާތީ، މުހައްމަދު ހަމްދާން އަބުދުﷲ އަކީ ގާނޫނުލްއުގޫބާތުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާއު ލިބިގެންވާ ފަރާތެއްކަމަށް ޝަރީއަތަށް ބުރަވެވޭތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 121 ވަނަ މާއްދާ އާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ، މި ދައުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި ގަޒިއްޔާ ނިންމީ،" ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، ދައުވާ ރައްދުވާ މީހާގެ ސިކުނޑީގެ ހާލަތާ ގުޅޭގޮތުން ނުވަތަ ޖިސްމާނީ ހާލަތާ ގުޅޭގޮތުން، އަންނަނިވި ކަންކަން ކުރުމަށް އޭނާ ނުކުޅެދިގެންވާނަމަ، އޭނާގެ މައްޗަށް ކުރެވޭ ދައުވާގައި އޭނާ ކުށްވެރިވާ ކަމުގައި، ނުވަތަ ކުށްވެރިނުވާކަމުގައި ބަޔާންކުރުމަށާއި، އެ ދައުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެން ނުވާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ހުކުމެއްވެސް ކަނޑައަޅައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
އެކަންކަމުގެ ތެރޭގައި ހިމެނެނީ، އޭނާގެ މައްޗަށް ކުރެވޭ ދައުވާގެ ބާވަތާއި މަގުސަދު ވިސްނައިގަތުމަށް ނުކުޅެދިގެންވުން ނުވަތަ އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް އޭނާ ނުކުޅެދިގެންވުމެވެ.
މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ބުނެފައިވަނީ، ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުނު އެސެސްމަންޓް ރިޕޯޓަށާއި އެރިޕޯޓު ތައްޔާރުކުރި ފަރާތުން ދީފައިވާ ހެކިބަހަށް ޖުމުލަކޮށް ރިއާޔަތްކުރުމުން، މުހައްމަދު ހަމްދާން އަބުދުﷲ ގެ ވިސްނުމަށް އެންޒައިޓީ އާއި ޑިޕްރެޝަންގެ ސަބަބުން އަސަރުކޮށްފައިވާކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އެފަރާތަށް ޝަރީއަތް ހިނގަމުންދާގޮތް ފަހުމުނުވާނެކަމާއި، ދައުވާގެ ބާވަތާއި މަގުސަދު ދެނެގަތުމުގެ ގާބިލިއްޔަތުކަމާއި ދިފާއުގައި ވާހަކަދެއްކުމުގެ ގާބިލިއްޔަތު ނެތްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މި ދައުވާ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް ގަޒިއްޔާ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކުރާ ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު