(16 ޖެނުއަރީގެ އަދަދާ ގުޅޭ)
ކަލާ އެނބުރި ވަޑައިގަންނަވާނީ ކިހައިދުވަހަކުންތޯއެވެ؟ އަޅުގަނޑު ކަލާއަށް އިންތިޒާރު ކުރާނަމެވެ. އަނެއްކާ ނުރައްކަލަކާ ކުރިމަތި ނުލައްވައްޗެވެ. ކަލާ ތިޔަ ވަޑައިގަންނަވަނީ ގިނިކަންޏާއެވެ. އަނެއްކާ އެހައިދުރަށެވެ..... އަޅުގަނޑަށްވެސް ކަލާގެ އަރިހުގައި ދެވޭނެނަމައެވެ. އަޅުގަނޑަށްވެސް....." ميـمــونـة ގެ ލޯފުޅުގެ ތެރެއަށް ދިޔައީ ކަރުނަފޮދު ޖަމާވަމުންނެވެ.
سعد ގެ މަންމަ سـكيـنـة އިންނެވީ މެންދުރުނަމާދަށްފަހު ދެއަތްޕުޅު މައްޗަށް ނަންގަވައިގެން ދުޢާކުރައްވާށެވެ. އޭނާއަށް ގޯތިތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އޭނާ ދުޢާ ނިންމަވައިލައްވައިފައި ދޮރާ ދިމާޔަށް ބައްލަވައިލެއްވިއިރު حسن ދޮރުމަތީގައި ހުންނެވިއެވެ. سـكيـنـة ގެ މިލައިފައިވާ މޫނުފުޅު ކުއްލިޔަކަށް އުފާފުޅުން ފަރިވެ ފޮޅިގެން ހިނގައްޖެއެވެ. سـكيـنـة ތެދުވެވަޑައިގެންނެވުމާއެކު حسن އޭނާގެ މަންމަގެ އަރިހަށް ވަޑައިގެން ސަލާންކުރައްވައިފިއެވެ.
"ކޮބާ سعد؟" މަންމަ ސުވާލުކުރެއްވިއެވެ.
"މަންމާ! އަޅުގަނޑުމެންނާއެކު ލައުޝާއަށް ވަޑައިގެންފައި ބޭބެ ވަޑައިގަތީ ޤަޞްޠިލާއަށް. ވަރަށް އަވަހަށް އެނބުރި ވަޑައިގެންފާނެ. إدريـس ގެ ކޮއްކޮ އަޅުގަނޑާއެކު ވަޑައިގެންނެވި. އޭނާ ބޭރުގައި އެބަހުންނެވި."
"ކާކު؟ ميـمــونـة ތަ؟" حسن ގެ މަންމަ އެހެން ވިދާޅުވެފައި އަވަސްއަވަހަށް ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭރު ميـمــونـة އާއި އެކަމަނާގެ ޚާދިމާއާ މެދުގޯތިތެރޭގައި ތިއްބެވިއެވެ. حسن ގެ މަންމަ ميـمــونـة ގެ އަރިހަށް ވަޑައިގެން އެކަމަނާއާ ބަޣަލްޤީރު ކުރެއްވިއެވެ. އެއަށްފަހު ميـمــونـة ގެ އަތްޕުޅުގައި ހިއްޕަވައިގެން ގޭތެރެޔަށް ގެންދަވައިފިއެވެ.
حسن އަސްގުދަނުގައި އަސްތައް ބެންނެވުމަށްފަހު ދޮރޯއްޓާ ޖެހިގެންހުރި ކޮޓަރީގައި ޚާދިމުން ބައިތިއްބަވައިފިއެވެ. އެކަންތައް ހަމަޖައްސަވައިލެއްވިތަނާ أحمد އާއި المـــاس ވެސް ގެއަށް ވަޑައިގެންފިއެވެ. އެބޭފުޅުން ވަޑައިގެންނެވީ ކައިރީގައިހުރި މިސްކިތަށް މެންދުރު ނަމާދަށް ވަޑައިގެންފައެވެ. حسن ފެންނައިރަށް المـــاس ވަރަށް ބާރަށް ބުންޏެވެ. "حسن! މާތް اللّـه ގަންދީ ދަންނަވަން. މިއަދު ތިޔަބޭފުޅުން ވަޑައިނުގެންނެވިނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް އަޅުގަނޑު އިޝްބީލިއްޔާއަށް ދިޔުމެއް ނުހުއްޓުވުނީސް. أحمد އަރިހުން އައްސަވަބައްލަވާ. މިއަދު ހެނދުނު އަޅުގަނޑު ވަނީ އިރުއޮއްސޭއިރު ތިޔަބޭފުޅުންގެ ޚަބަރެއް ނުވެއްޖެނަމަ އިޝްބީލިއްޔާއަށްދާން ހުވާކޮށްފައި."
حسن ވިދާޅުވިއެވެ. "ބޮޑުބޭބޭ! އޭރުން ބޭބެގެ އަމުރުފުޅާ ޚިލާފުވެވޭނެ."
"ވަރަށް ރަނގަޅު ވާހަކަފުޅެއް. ދަރިފުޅު ވަޑައިގެންނެވީތީ މާތް اللّـه އަށް ޝުކުރު ދަންނަވަން. سعد ކޮބައިތޯ؟"
ބޭބެ ވަޑައިގަތީ إدريـس ބައްލަވައި ޤަޞްޠިލާއަށް."
"ތެދަށް ވިދާޅުވޭ!"
"އާނ. ބޮޑުބޭބޭ! އަޅުގަނޑުމެން ލައުޝާއަށް ގެންދަވައިފައި ބޭބެ އެރަށުން ފުރައިވަޑައިގެންފި."
"އެހެންވީއިރު އަޅުގަނޑުވެސް ޤަޞްޠިލާއަށް ދާނަން."
"ބޮޑުބޭބެ ދިޔުމުގެ ބޭނުމެއްނެތް. އިރާދަކުރެއްވިއްޔާ އަށެއްކަ ނުވަތަ ދިހަވަރަކަށް ދުވަހުން ބޭބެ އެނބުރި ވަޑައިގަންނަވާނެ."
"އެންމެ ރަނގަޅު. އަޅުގަނޑަށް ހުރިހާ ވާހަކަތަކެއް ވިދާޅުވެދެއްވާ! އަނެއްކާ سعد އަށް އެއްވެސް ނުރައްކަލެއް ނާންނާނެތޯ؟"
"ބޮޑުބޭބެ ފިކުރު ނުކުރޭ! ހުރިހާކަމެއްވެސް ރަނގަޅު." حسن އެހެން ވިދާޅުވެފައި أحمد އިޝްބީލިއްޔާއިން ފުރައިވަޑައިގެންނެވިފަހުން ހިނގި ހުރިހައި ކަމެއްގެ ވާހަކަ ކުރުގޮތަކަށް ވިދާޅުވެދެއްވިއެވެ. އޭރު سعد ގެ މަންމަ ގޭގެ ކޮޓަރިޔެއްގައި ميـمــونـة ގެ އަރިހުން އެޚަބަރުތައް އޮޅުންފިލުއްވަމުން ގެންދަވަނީއެވެ.
سعد ގެ މަންމަޔާ އެންމެފުރަތަމަ ބައްދަލުވެވަޑައިގެންނެވި ވަގުތުން ފެށިގެންވެސް ميـمــونـة އަށް އިޙުސާސްވެވަޑައިގަންނަވަނީ އޭނާއަކީ އެގޭގައި ހިލޭމީހެއް ނޫންކަމެވެ.
އެދުވަހުގެ ހަވީރު سعد ގެ ބޮޑުދައިތަ އެގެޔަށް ވަޑައިގެންނެވިއެވެ. ميـمــونـة ފެނިވަޑައިގަތުމުން އޭނާ ވަރަށް އުފާފުޅުވިއެވެ. ވިދިގެންއައި ދުވަހުވެސް އޭނާ އެގެޔަށް ވަޑައިގެންނެވިއެވެ. އެދުވަހު ހަތަރުދަމު އޭނާ ميـمــونـة އާ ވާހަކަދައްކަވާން އިންނެވިއެވެ. އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު އޭނާ ميـمــونـة ގެ އަރިހަށް ވަޑައިގަންނަވައެވެ. އެއްދުވަހަކު އޭނާ، އާ ހަތަރު ހެދުންކޮޅު ميـمــونـة އަށް ގެނެސްދެއްވިއެވެ.
ميـمــونـة ވިދާޅުވިއެވެ. "ބޮޑުދައިތަ މާބޮޑަށް އުނދަގޫފުޅު އުފުއްލަވަނީ! އަޅުގަނޑުގެ އަތުގައި މިހާރުވެސް ބޭނުންނުކުރާ އެތައް ހެދުމެއް އެބަހުރި. އިއްޔެ މަންމަވެސް ދެހެދުން ބައްލަވައިގެންދެއްވި."
"ދަރިފުޅާ! މިއީ حسن ގެ ޅިޔަންބޭބެ ފޮނުއްވި އެއްޗެއް. އޭނާ ދަރިފުޅަކީ އޭނާގެ ކުއްޖަކަށް ހައްދަވައިފި. އޭނާ އެދިވަޑައިގަންނަވަނީ ދަރިފުޅު އަޅުގަނޑުމެންގެ ގޭގައި އިންނަވަން."
"މިއީވެސް ދައިތަގެ ގެއެއް ނޫންތޯ؟" ميـمــونـة މިހެން ވިދާޅުވެފައި އޭގެތެރޭގައިއޮތް އުޑުނޫކުލައިގެ ފަށުވި ހެދުމެއް ނަންގަވައިފިއެވެ. ميـمــونـة އެތައްއިރެއްވަންދެން އެ ހެދުމާ ދިމާޔަށް ބައްލަވާން ޙަރަކާތް ހުއްޓިފައި އިންނެވިއެވެ. سعد ގެ ބޮޑުދައިތަ ވިދާޅުވިއެވެ. "ދަރިފުޅާ! ތިޔައީ ދައިތަ ހޮވި ކުލައެއް!"
ميـمــونـة ގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "މިއީ އަޅުގަނޑުގެ މަންމަޔަށް ވަރަށް ރީތިފުޅު ކުލައެއް. މަންމަ އަބަދުވެސް މިކުލައިގެ ހެދުންލާން އަޅުގަނޑަށް މަޖުބޫރު ކުރައްވާނެ!"
سعد ގެ ބޮޑުދައިތަ ވިދާޅުވިއެވެ. "ދަރިފުޅާ! މިއީވެސް ދަރިފުޅުގެ މަންމަކަމުގައި ބައްލަވާ!"
އެރޭ ميـمــونـة އާއި سعد ގެ މަންމައާ ދެބޭފުޅުން އަވަހާރަލައްޕަވާން އޮށޯވެވަޑައިގެން ތިއްބަވައިފައި سعد ގެ މަންމަ ވިދާޅުވިއެވެ. "ميـمــونـة! އަޅުގަނޑުގެ ދައިތަގެ އެއްވެސް ބޭފުޅަކު ނެތް. ދަރިފުޅު އޭނާގެ އަރިހުގައި އިންނަވާން އޭނާ ވަރަށްބޮޑަށް އެދިވަޑައިގަންނަވާ."
ميـمــونـة ވިދާޅުވިއެވެ. "މަންމާ! މަންމަ ހުއްދަ ދެއްވައިފިއްޔާ ބޮޑުދައިތަޔަށް ޚިދުމަތްކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއްކަމުގައި ނޫނީ ނުވާނެ!"
"ދަރިފުޅު އޭނާގެ ހިތްޕުޅު އުފާކޮށްދެއްވުމަކީ މަންމަޔަށް ލިބޭ ވަރަށްބޮޑު އުފަލަކަށްވާނެ."
އޭގެ އަނެއްދުވަހު سعد ގެ މަންމަގެ އަރިހުގައި ميـمــونـة އޭނާގެ ޚާދިމާ ގޮވައިގެން ބޮޑުދައިތާފުޅުގެ ގެޔަށް ވަޑައިގަތުމާއެކު އޭނާއަށް ލިބިވަޑައިގެންނެވި އުފާފުޅުގެ ހައްދެއްނެތެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާ އަވަށްޓެރި އަންހެނުންތައް އެގެއަށް ގެންނަވައިފައި އެމީހުންގެ ގާތު ވިދާޅުވަމުން ގެންދެވިއެވެ. "އަރަހުށި މާތް اللّـه އަހަރެންގެ މުޅި އުމުރުގެ ދުޢާ އިޖާބަކުރައްވައި ޒުވާން އަންހެންދަރިޔަކު ދެއްވައިފި."
އެދުވަހަށްފަހު ميـمــونـة އިންނަވަނީ ބޮޑުދައިތަ ގޭގައެވެ. ބައެއް ދުވަސްދުވަހު سعد ގެ މަންމަގެ އަރިހަށްވެސް ވަޑައިގެން އުޅުއްވައެވެ. إدريـس ގެ ނޯކަރުންގެ ތެރެއިން ދެނޯކަރުން ތިންދުވަސްވަންދެން حسن އަރިހުގައި ތިއްބެވެ. އެއަށްފަހު އެބައިމީހުން ގެއަށްދާން އެދުމުން أحمد އެއިން ކޮންމެ މީހަކަށް އަހެއް ދެއްވިއެވެ. ميـمــونـة އޭނާގެ އަމިއްލަފުޅު ފައިސާއިން އެއިން ކޮންމެ މީހަކަށް ފަންސާސް ދީނާރު ދެއްވިއެވެ. ميـمــونـة ގެ އެދިވަޑައިގަތުމުގެމަތީން سعد ގެ ޅިޔަންބޭބެ ميـمــونـة ގެ މުސްކުޅި ނޯކަރަށް އޭނާގެ އަރިހުން ވަޒީފާ ދެއްވައިފިއެވެ.
* * * * * * * * * * *
شيـخ أبــو صـالـح ގެ ދެކަނބަލުން ހުރިހައި ގޮތަކުންވެސް ميـمــونـة ގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވިއެވެ. حسن އާއި، أحمد އާއި، އެބޭފުޅުންގެ މަންމަވެސް ميـمــونـة އަށް ވަރަށް ހެޔޮފުޅެވެ. ނަމަވެސް ميـمــونـة ބައެއްފަހަރަށް ވަރަށްބޮޑަށް ފިކުރުފުޅު ބޮޑުވެއެވެ. سعد އާ ބެހޭގޮތުންނާއި، އޭނާގެ ބޭބެއާ ބެހޭގޮތުން އޭނާގެ ހިތްޕުޅުގައި އެކިބާވަތުގެ ޝައްކުތައް އުފެދެއެވެ. އޭނާއަށް އެނގިވަޑައިގަންނަވައެވެ. ޤަޞްޠިލާ ވަރަށް ދުރެވެ. އެރަށުން މާއަވަހަކަށް އެނބުރިވަޑައެއް ނުގެންނެވޭނެއެވެ. އެހެންނަމަވެސް އޭނާ ހެނދުނާއި ހަވީރު އެބޭފުޅުންނަށް އިންތިޒާރު ކުރައްވައެވެ. އަލަށް އަންނަ ކޮންމެ ހެނދުނަކާއި ހަވީރެއް އޭނާގެ ހިތްޕުޅުގައި ކަންބޮޑުވުމުގެ ޝުޢޫރު އިތުރުކުރުވައެވެ. އޭނާ ކޮންމެވެސްކަމަކާ ހިނިފުޅުވަޑުވަން އިންނަވަނިކޮށްވެސް ކުއްލިޔަކަށް އޭނާގެ މޫނުފުޅުމަތީގެ ކުލަ އޮއްސޭގޮތް ވެދެއެވެ.
އެއްދުވަހަކު ހަވީރު ميـمــونـة އިންނެވީ އެގޭގެ އަންހެނުންތިބޭ ފަރާތުގެ ގޯތިތެރޭގައެވެ. ކުއްލިޔަކަށް حسن އެތެރެޔަށް ވެދެވަޑައިގެންފިއެވެ. حسن ވިދާޅުވިއެވެ. "ދައިތާ! ދައިތާ! إدريـس ބޭބެ ވަޑައިގެންފި!"
"ބޭބެ ކޮބައިތޯ؟" ميـمــونـة އޭނާގެ އަމިއްލަފުޅު ނަފްސު ކޮންޓްރޯލް ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ.
حسن ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ބޭބޭ! ވަޑައިގަންނަވާ!"
إدريـس އެތެރެއަށް ވެދެވަޑައިގެންފިއެވެ. ميـمــونـة ތެދުވެވަޑައިގެން ވަޑައިގެން ބޭއިޚުތިޔާރުގައި އޭނާގެ ބޭބެއާ އޮޅުލައިވަޑައިގެންފިއެވެ.
إدريـس ميـمــونـة ގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުއްމަވައިލައްވައިފައި ވިދާޅުވިއެވެ. "ކޮއްކޮ ކީރިތިކުރައްވަނީތޯ؟"
ميـمــونـة ފަހަތަށް ޖެހިވަޑައިގެން އޭނާގެ ބޭބެއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. "ބޭބެއަކަށް އުފާވެރިކަމުގެ ކަރުނައެއްވެސް ވަތްކެއް ނުކުރެއްވޭތޯ؟"
حسن ގެ ބޮޑުދައިތަ ކޮޓަރިތެރެއިން ނުކުމެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "حسن! ކޮބާ سعد؟"
حسن ޖަވާބުދެއްވިއެވެ. "ބޭބެ ވަޑައެއް ނުގަންނަވާ!"
ميـمــونـة އުފާވެރިކަމުގެ ކަރުނަ އޮހޮރުއްވެވުމުގެ ބަދަލުގައި ދެލޯފުޅު ބޮޑުކުރައްވައިގެން އޭނާގެ ބޭބެއާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އޭނާގެ ފިނިފެންމަލެއްފަދަ މޫނުފުޅު ރީނދޫވާން ފަށައިފިއެވެ.
ބޮޑުދައިތަ حسن ގެ އަރިހަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ކީކޭ؟ سعد އެއް ނާދެޔޭ؟"
إدريـس ވިދާޅުވިއެވެ. "އާދެ! އޭނާ ބައިޣާގައި މަޑުކުރައްވައިފި! އެތާނގައި ބައްދަލުވުމެއް އެބައޮތް. ތިންދުވަސްފަހުން ވަޑައިގެންފާނެ!"
ميـمــونـة ގެ މޫނުފުޅުމައްޗަށް އަނެއްކާވެސް ޙަޔާތުގެ ހުރިހާ ރީތި ކުލަތަކަކާއި ހިތްގައިމުކަމެއް ވެރިވެގެންފިއެވެ. "މިއީ އަޅުގަނޑުގެ ބޭބެ!" އޭނާ މުސްކުޅިފުޅު ބޮޑުދައިތަޔާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ.
"ދަރިފުޅާ! ދަރިފުޅު ހީކުރެއްވީ ދަރިފުޅުގެ ބޭބެވެސް ދައިތަޔަކަށް ނޭނގޭނެކަމަށްތޯ؟ ދަރިފުޅާ إدريـس. ހިންގަވާ އެތެރެޔަށް."
إدريـس ވިދާޅުވިއެވެ. "މިހާރު ނަމާދުވަގުތުވަނީ. އަޅުގަނޑު މިސްކިތަށް ގޮސްފައި އަންނާނަން."
"އެންމެ ރަނގަޅު! سعد ހުރީ ގަދަވެތޯ؟"
"އާދެ! އޭނާގެ ހާލުކޮޅު މުޅީން ރަނގަޅު."
ميـمــونـة ވިދާޅުވިއެވެ. "ބޭބެއާ سعد އާ ބައްދަލުވެވަޑައިގަތީ ޤަޞްޠިލާއިންތޯ؟"
إدريـس ވިދާޅުވިއެވެ. "ނޫން. އަޅުގަނޑާ އޭނާއާ ބައްދަލުވީ އެނބުރި އަންނަނިކޮށް މަގުމަތީން."
ميـمــونـة ވިދާޅުވިއެވެ. "ބޭބެ މަޑުކުރައްވާ! އަޅުގަނޑަށް ބޭބެގެ ވާހަކަ ވިދާޅުވެދެއްވައިފައި ވަޑައިގަންނަވާ!"
(ނުނިމޭ)