އައްޑޫގެ ދެކުނުނު ދަތުރު ކުރަމުންދިޔަ އާގު ބޯޓެއްގައި ހުރި ފަޅުވެރިޔަކު ހާލު ދެރަވެ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ އައްޑުގެ ދެކުނުން 311 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ "އެމްވީ ފެންގް ލޫ" ނަމަކަށް ކިޔާ އާގު ބޯޓެއްގައި ހުރި އުމުރުން 25 އަހަރުގެ އިންޑޮނޭޝިއާގެ ފިރިހެން ފަޅުވެރިއެއްގެ ހާލު ސީރިއަސްވެ ސިއްހީ އަވަސް ފަރުވާއަށް އެދި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ މެންދުރު 14:45 ހާއިރު ކަމަށެވެ.

މި ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މިބޯޓު މިއަދު ރާއްޖޭގެ ސަރަހައްދާ ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ މިއަދު މެންދުރު 12:20 ހާއިރު ވަނީ އައްޑޫސިޓީގެ ފޭދޫއަށް ގެންގޮސްދީފައިވާ ކަމަށާއި އެ މީހާއަށް ފަރުވާދިނުމަށް އައްޑޫ އިކްއޭޓޯރަލް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.