މިހާ ތަރައްގީ ޒަމާނެއްގައި އެއް އިރު ކައިފިއްޔަ އަނެއް އިރު ނުކައި ނުވަތަ ގިނަ ދުވަސް ދުވަހު ކަޅު ސައިތައްޓަކުން ފުއްދާލާ އާއިލާއެއް މި ރާއްޖޭގައި އުޅެފާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ މިއީ ސޯޝަލް މީޑިއާ އިން ފެނުނު ޕޯސްޓަކުން ހިތުގައި އުފެދުނު ސުވާލެކެވެ. އެކަމަކު މިއަދު މި ސުވާލުގެ ޖަވާބުވެސް ލިބިއްޖެ އެވެ. ޖަވާބު ލިބުނީ ހީކުރި ވަރަށް ވުރެންވެސް މާ ފުރިހަމަކޮށެވެ.

ގޭގައި ހުންނަ ތިން ކޮޓަރިއެއްގައި ޖުމްލަ 17 މީހުން ދިރިއުޅެ އެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވެ އެތައް ބައެއްގެ ރަހުމުކުޑަ އަނިޔާ އާއި ބަސްތައް ރައްދުވެފައިވާ އާއިލާއެކެވެ. ހަތް މީހުން ނިސްބަތްވާ މިއާއިލާގައި ދޮއްޓަށް ތިބި ހަތަރު މީހުންނަކީ ސިކުނޑީގެ އުނިކަން ހުންނަ މީހުންނެވެ. މީގެ ތެރޭގައި ހިމެނޭ ދެ އަންހެނުންނަކީ އެކި މީހުންގެ ފަރާތުން ޖިންސީ ގޯނާ ލިބި އެކަމުގެ ތެރޭގައި ބަލިވެ އިނދެ އެތައް ދަރީންނެއް ލިބިފައިވާ މީހުންނެވެ. ބަލިވެ އިންނަނީ ކިހިނެއްވީމަކަން ވިހައިގެން ދެން ކަންތައްކުރަން ޖެހޭ ގޮތްވެސް ނޭނގޭ މީހުންނެވެ. ނިކަމެތި ކަން ހައްތަހާ އިތުރުވީ އެވެ. ނިކަމެތި ކަމުގެ ފައިދާ ނަގައި އިތުރަށް އެ އާއިލާ ނިކަމެތި ކޮށްލީ އެވެ. މިކަމުގެ ޒިންމާ ނަގާނެ އެއްވެސް މީހަކު ނެތެވެ. މިއީ ކާކަށް ކިހިނެއް ކޮންއިރަކު ލިބުނު ދަރިންކަމެއްވެސް އެ މީހުންނަކަށް ނޭނގޭ އެވެ.

މިފަދަ އާއިލާއެއް މި ކުޑަކުޑަ މުޖުތަމައުގައި އުޅޭކަންވެސް އެނގިގެން މިދިޔައީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "މަމްސް އެންޖީއޯ" އިން މި އާއިލާގެ މައުލޫމާތު ހޯދައި އާންމުންނާ ހިސާބަށް މި އާއިލާގެ މައުލޫމާތު ތިލަކޮށްދިނުމުންނެވެ. އެގޮތުން މަމްސް އެންޖީއޯއިން ބުނީ މީގެ ކުރިން ދުވަހަކުވެސް މިފަދަ ނިކަމެތި އާއިލާއެއް ނުފެންނަ ކަމަށެވެ. މި އާއިލާގެ ހާލު ބަލައިލުމަށް އެގެއަށް ވަން މި ޖަމިއްޔާގެ ކޮންމެ މެންބަރެއްގެ ލޯ ކަރުނުން ތެންމާލި އެވެ.

"އަޅުގަނޑުމެންނަށް ހަމަ ރޮވުނު. ކުޑަ ކުޑަ ކުދިންތަކެއް މިތިބީ ނިދާލާނެ ތަންކޮޅެއް ނެތި. ބައެއް ތަންތަނގާ ގޮދަޑި އަޅާފަ ހުރި. އެކަމަކު އެގޭގަ ހުންނަ ކުޑަ ކުޑަ ތިން ކޮޓަރިއެއްގަ ދެތިން ގޮދަޑި އަޅައިގެން ކިހިނެއް ކަމެއް ނޭނގެ 17 މީހުން ނިދާނީ. ކުދި ކުދި ދަރިންތައްވެސް މިގޭގަ ތިބި. ވާހަކަ ދައްކާލީމަ އެނގުނީ މިއީ ސިކުނޑީގަ އުނިކަމެއް ހުންނަ ބައެއްކަން. އެމީހުންގެ ނުކުޅެދުންތެރިކަމުގެ ފައިދާވެސް މި މުޖުތަމައުގަ ތިބި ފިރިހެނުންތަކެއްވެސް މިވަނީ ނަގާފަ. އެ މީހުން ބުނީ ބައެއް ދުވަސް ދުވަހު ކާނެ އެއްޗެއް ނެތިގެން ކަޅުސައިތައްޓަކުން ފުއްދާލަނީ ކަމަށް. ދެން ކާއެއްޗެއް ނެތިއްޔާ ނުކައި އެ ތިބެނީ. ވަރަށް އަސަރު ކުރި." މަމްސް އެންޖީއޯއިން ބުންޏެވެ.

މިއީ ދެކުނުގެ އެންމެ ބޮޑު އައްޑޫ ސިޓީގައި ދިރިއުޅެމުންދާ ނިކަމެތި އާއިލާއެއްގެ ވާހަކަ އެވެ. ނަފީސާ އަލީގެ ނަމުން އެމީހާގެ ވާހަކަ ގެނެސްދީފައިވާއިރު ސިކުނޑީގެ ހުންނަ އުނި ކަމުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރައަކަށްވުމުން އެކަމުން ހިމާޔާތް ހޯދާކަށްވެސް އޭނާއަކަށް ނޭނގެ އެވެ. މިކަމުގެ ތެރެއިން ނަފީސާ އަށް ފުރަތަމަ ދަރިއަކު ލިބުނީ އުމުރުން 19 އަހަރުގަ އެވެ. ބަނޑު ބޮޑުކަންވެސް އެނގުނީ ބަނޑު ފުފެން ފަށައި ބަނޑުން ތޮޅެން ފެށުމުން ބަޔަކު އެހެން ބުނުމުންނެވެ. މިހާރު 35 އަހަރުވެފައިވާ ނަފީސާގެ މިފަދަ ގޮތަކަށް ލިބިފައިވާ ހަތަރު ކުދިން ތިބި އިރު އޭނާގެ ދޮށީ ދައްތަގެ ހާލަކީވެސް މިއީ އެވެ. ޖިންސީ ގޯނާ ކުރީ ކާކުކަން ބުނެދޭން ނެނގޭ އިރު އެމީހުން ކުށްވެރިކޮށް ރަށުގެ ރައްޔިތުން ތިބީ އެ އާއިލާ އެއްކޮށް ބާކީ ކޮށްފަ އެވެ.

މުސްކުޅި މައިން ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ ދެ ބޭބެ ގޮވައިގެން އެ އާއިލާގެ ހަރަދުތައް ބަލަހައްޓަމުންދިޔައީ ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އެލަވެންސާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވެންސްގަ އެވެ. އެކަމަކު އެ ބޮޑު އާއިލާގެ ހަރަދުތައް މި ފައިސާއިން ފުއްދައެއް ނުލެ އެވެ. މޯމްސް އެންޖީއޯއިން ސޯޝަލް މީޑިއާ އަށް ދޫކޮށްލި އެ ގޭތެރޭގެ ހާލަތު ފެންނަ ފޮޓޯތައް ބަލައިލުމުންވެސް އެކަން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.

މަމްސް އެންޖީއޯއިން އެއާއިލާއަށް އެހީތެރިވުމަށް ސޯޝަލް މީޑީއާގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. މި ހަރާކާތުގެ ތެރެއިން ނިކަމެތިންނަށް އެހީތެރިވުމަށް އުފައްދާފައިވަނީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "އެހީ ޖަމިއްޔާ"އިންވެސް ބައިވެރިވި އެވެ. ދެ ޖަމިއްޔާ އެކުވެގެން ކުރި ބުރަ މަސައްކަތުން މި އާއިލާއަށް މިހާރު ވަނީ އާންމުންގެ ބޮޑު އެހީތެރިކަމެއް ލިބިފަ އެވެ. އެހީއަށް އެދި އާއްމުކޮށް ހުޅުވާލުމުން، ފައިސާގެ އިތުރުން، އަންނައުނާއި ކާބޯތަކެއްޗަށް ދާންދެން މީހުން ހަދިޔާކުރި އެވެ. މި އެހީން، ދެ ޖަމިއްޔާއިން މިހާރު ވަނީ ނިކަމެތި އެ އާއިލާގެ ދިރިއުޅުން ބަދަލުކޮށްލައިފަ އެވެ.

ކާޑުގެ ބާވަތްތަކާއި ރީތިވުމަށް ބޭނުންވާ ސާމާނާއި މިނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މި ދެ ޖަމިއްޔާގެ ފަރާތުން ވަނީ 10 މަސްދުވަހަށް ބޭނުންވާ ވަރަށް އެގެއަށް ފޯރުކޮށްދީފަ އެވެ. އަދި ސްޕޮންސަރުން މެދުވެރިކޮށް، ކުދިންގެ ކިޔެވުމަށް ބޭނުންވާނެ ހުރިހާ ހަރަދެއް ހޯދުމުގެ މަސައްކަތް މިހާރު މި ދެ ޖަމިއްޔާ ގުޅިގެން ވަނީ ފަށަފަ އެވެ.

މަމްސް އާއި އެހީ ޖަމިއްޔާ ގުޅިގެން މި ގެއަށާއި އާއިލާގެ މުޅި ދިރިއުޅުމަށް ގެނައި މި ބޮޑު ބަދަލާއެކު އެންމެންތ ތިބީ އުފަލުން ފޮޅިފަ އެވެ. ޝުކުރުން ފުރިފަ އެވެ. ނުކުޅެދުންތެރިކަން ހުރި ނަމަވެސް މިއީވެސް މި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ މީހުންނެވެ. އެމީހުން ބާކީކޮށް އެ މީހުންގެ ނިކަމެތިކަމުގެ ފައިދާ ނުނެގުމަކީ އެ ދެ ޖަމިއްޔާގެވެސް އަދި މުޖުތަމައުގެ ހުރިހާ ފަރުދުންގެވެސް އެންމެ ބޮޑު އެދުމެވެ.