އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭ ހިދުމަތަކީ ޝަކުވާ ނާންނަވަރުގެ ހިދުމަތަކަށް ހަދާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސަރުކާރާއި އެމްޓީސީސީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، އެ ނެޓްވޯކުގެ ދަށުން ފޯރުކޮށްދޭ ފެރީގެ ހިދުމަތަކީ ރައްޔިތުންގެ ޝަކުވާ ނާންނާނެ ފަދަ ފުރިހަމަ ހިދުމަތަކަށް ހެދުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ދިވެހި ސަރުކާރަށް ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑުމެންދޭ ހިދުމަތުގައި އެއްވެސް ރައްޔިތަކަށް ދަތިނުވާނެ، އެއްވެސް ރައްޔިތެއްގެ ފަރާތުން ޝަކުވާއެއް ނާންނަވަރުގެ ހިދުމަތެއް ދިނުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލުމަށް ވަނީ ނިންމައިފަ އެވެ. އަދި މަޝްރޫއުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރިހަމަ ކުރަންޖެހެ އެވެ.

އާޒިމް ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ޖުމްލަ 41 ރަށަކަށް ހިދުމަތް ދެވިގެންދާނެ ކަމަށެވެ. އެ ދަތުރުތަކުގައި 14 ލޯންޗެއް ބޭނުންކުރާއިރު، ތިން ބެކަޕް ލޯންޗެއް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ބޭނުން ކުރާނީ 47 ފޫޓުގެ ލޯންޗުތަކެއް ކަމަށާއި އެ ލޯންޗުތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި އެ ލޯންޗުތައް ފަރުމާ ކުރާނީ ސަރުކާރުން ޝަރުތު ކޮށްފައިވާ ގޮތަށް، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ޓްރާންސްޕޯޓް ކުންފުންޏެއްގައި ގޮތުގައި އެމްޓީސީސީ އޮތް ނަމަވެސް އެ ދާއިރާއިން އެ ކުންފުނި ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ގައުމީ ފެރީ ނެޓްވޯކް އެ ކުންފުންޏާ ހަވާލުކުރުމުން، އެ ކުންފުނީގެ އަސްލު މަސައްކަތަށް ވާސިލުވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއީ ހަމަގައިމު ވެސް ދިވެހި ސަރުކާރުގެ ދުރުވިސްނުމުގެ މަތިން ކުންފުނިތައް އުފެދިފައިވާ މައިގަނޑު މަގުސަދުގައި ކުންފުނިތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގެންގުޅޭ ވިސްނުން ފާހަގަކުރެވިގެންދާ ކަމެއް. އަސްލު މަސައްކަތަށް ދިއުމަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށް،" އާޒިމް ވިދާޅުވި އެވެ.