ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާއެކު ސޮއިކުރެވިގެން ދިއުމަކީ ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ލިބޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސަރުކާރާއި އެމްޓީސީސީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ގައުމީ ފެރީ ނިޒާމް މަޝްރޫއަކީ ދަތުރުފަތުރުގެ ކުރުމުގައި މިހާރު ހުރި ދަތިތައް ނައްތާލައި ލުއި ފަސޭހަ އަދި ޒަމާނީ ހިދުމަތަކަށް ހެދުމަށާއި ގައުމުގެ އިގްތިސާދީ ދުވެލި އަވަސްކޮށް ތަރައްގީގެ ފައިދާ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގާއިމްކުރާ މަޝްރޫއެއްގެ ފެށުން ކަމަށެވެ.

އެގޮތުން ގައުމީ ފެރީ ވިއުގައިގެ ދަށުން އެމްޓީސީސީއާއެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ ފެރީގެ ހިދުމަތް މިހާރު ދެމުން އަންނަ ދޯނި ފެރީގެ ހިދުމަތުގެ ބަދަލުގައި ފެންވަރު ރަނގަޅު ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ގައުމީ ފެރީ ނެޓްވޯކުގެ ހިދުމަތްތައް ދިނުމަށް ރައްޔިތުންގެ ކުންފުނި ކަމުގައިވާ އެމްޓީސީސީއާއެކު ސޮއިކުރެވިގެން ދިއުމަކީ މި ފެރީގެ ހިދުމަތްތައް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް،" ނަހުލާ ވިދާޅުވި އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040)ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.

އެގޮތުން ފެރީ ނެޓްވޯކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލާއިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވާލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓާ ލިންކް،" "ނަން-ކޮމިއުޓާ ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓާ ލިންކަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަން ޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ލިންކެކެވެ.

ނަން-ކޮމިއުޓާ ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަ ލިންކެވެ. އަދި ހައިވޭ ލިންކަކީ އެއް ޒޯނުން އަނެއް ޒޯނާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ. އެ ހިދުމަތަށް ބޭނުންވާ ފެރީ ޓާމިނަލްތައް ފަދަ އެހެން ކަންކަން ވެސް އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގައި ހިމެނޭ ދެވަނަ ހިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ހިދުމަތެވެ. މި ހިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެކެވެ.