ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލައިގައި ކުރިމިނަލް ކޯޓުގައި ބާއްވަން މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ގާސިމް މަރައިލި މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު ގެ މައްޗަށް ކުރާ، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ކުރިމިނަލް ކޯޓަކުން ނުބުނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކޮށްފައި ދަނިކޮށް، ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި އެކަން ކުރިކަމަށް މީގެކުރިން އަދުހަމް ވަނީ އެއްބަސް ވެސް ވެފައެވެ.

މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ދައުވާ އިއްވުމުން، އެ ދައުވާ ސާފުވެއްޖެ ތޯ އާއި ދައުވާއާ މެދު ބުނަނީ ކީކޭތޯ އެ މައްސަަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވުމުން އަދުހަމް ވަނީ އެއީ އޭނާ ކުރި ކަމެއް ކަމަށް އެއްބަސްވެފައެވެ.

އަދުހަމް އެގޮތަށް ބުނުމުން، ގާޒީ ވަނީ އެ ދައުވާގައި ހިމެނޭ ކަންކަން ވަކިވަކިން އަލުން އިއްވުމަށް ފަހު، އަދުހަމް ނުކުރާ އެއްވެސް ކަމެއް އެ ދައުވާގައި އެބަ އޮތްތޯ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި އަދުހަމް ބުނީ ދައުވާގައި މުޅިން ވެސް ހުރީ ތެދު ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް އޭގެފަހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި މި މައްސަލައިގެ އަޑު އެހުމުގައި އަދުހަމް ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އެ އަޑުއެހުުގައި ގާސިމް ބުނީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.