އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ހުވާކުރެއްވުމުގެ ރަސްމިއްޔާތައް މުޅި އެމެރިކާ އެލާޓަށް ގެނެސްފިއެވެ.

ބުދަދުވަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ތައްޔާރީތައް އެމެރިކާގައި ކުރިޔަށް ދާއިރު، އެގައުމުގައި ހިނގައިފާނެ ހަމަނުޖެހުން ހުއްޓުވުމަށް އެމެރިކާގެ 50 ސްޓޭޓެއް ވަނީ އެލާޓަށް ގެނެސް ނެޝަނަލް ގާޑުންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައެވެ.

ރައީސް ކަމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައިވާ ވޮޝިންޓަން ޑީސީގެ މަގުތައް ބެރިކޭޑު ޖަހައި ބަންދުކޮށްފައިވާއިރު ބައިޑަން ވަނީ އެއްވެސް ބަޔަކު ދަތުރުކޮށް ވެރިރަށަށް ނުދިއުމަށް އެދިވަޑައިގެންފައެވެ.

ޖޯ ބައިޑަން ވަނީ އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގެ އެއް ސިޓީން އަނެއް ސިޓީއަށް މީހުން ދަތުރު ނުކުރުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގޭގައި ތިބެގެން ބެލުމަށްވެސް އެދިވަޑައިގެންފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ތާއީދުކުރާ ފަރާތްތަކުން އެގައުމުގައި އެންމެފަހުން ބޭއްވި އިންތިހާބު ގަބޫލު ނުކުރާނެކަމަށް އިއުލާންކޮށްފައިވާއިރު އެގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަން ރާވަމުންދާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.