ގއ. ކޫއްޑޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ ގއ. މާމެންދޫ ޒުވާނެކެވެ. އޭނާއަކީ ކޫއްޑޫގައި ޖެޓީ ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ މިއަދު ހަވީރު ކޫއްޑޫގައި ފުޓްބޯޅަ ކުޅެން ހުއްޓައި ވެއްޓުމުން، އޭނާ ވަނީ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޑޮކްޓަރުންނާ ހަވާލާދީ ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު "ވަން"އަށް ވިދާޅުވީ އެމީހާ މަރުވެފައިވަނީ މިރޭ 7:30 ހާއިރު ކަމަށެވެ. އަދި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ، ކޫއްޑޫގައި ސިއްހީ އަވަސް ފަރުވާ ދެވޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށާއި އެހެންކަމުން އޭނާއަށް ފަރުވާ ނުދެވި ގިނައިރުތަކެއްވި ކަމަށެވެ.