ޚަބަރު

ދުވާ ޓްރެކް ކުރިން އޮތް ހާލަތުގައި ކުޅިވަރު ވަސީލަތްތައް ހުރެގެން ކުޅުންތެރިންނެއް ނުއުފެއްދޭނެ: ރައީސް

ދުވާ ޓްރެކް ކުރިން އޮތް ހާލަތުގައި ކުޅިވަރު ވަސީލަތްތައް ހުރެގެން ކުޅުންތެރިންނެއް ނުއުފެއްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލޭ ކުޅިވަރު އެކުވެނި ވެލި ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް، އެ ޓްރެކް ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ.

"މިތަނުގައި އެންމެ ފުރަތަމަ ޓްރެކެއް ހުޅުވީ 1998 ވަނަ އަހަރުގެ ތެރޭގައި. އޭރުން ފެށިގެން، މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް، މިތަނުގައި އޮތީ ވެލި އަޅައިގެން ހަދާފައި އޮތް ޓްރެކެއް. ކޮންމެ ފަހަރަކުވެސް ޓްރެކް ހަލާކުވީމާ، ވެލިއަޅައިގެން ހަރުކުރުމަށް ފަހު އެއްވަރު ކޮށްލަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް އެފެންވަރުގައި ހުރެގެން، ކުޅުންތެރިންނެއް ނުއުފެއްދޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޒުވާން ކުޅުންތެރިން، ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދެއް ނޫން ކަމަށާއި އެހެން ނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްގީކުރެވިފައެއް ނެތް ކަމަށެވެ.

"ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލޭގެ ފަތާ ޓްރެކް ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ނިމޭއިރު އެތަން ހުންނާނީ ހިޔާވެވޭނެ ގޮތަށް ކަމަށާއި އެތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމްތަކާއި ފާހާނާ އާއި ފެންވަރާނެ ތަންތަން ހުންނާނެ ކަމަށެވެ. އަދި އޭރުން އެތަން ބޭނުންކުރުމުގައި މިހާރު ދިމާވާ ވަރަށް ގިނަ މައްސަލަތައް ހައްލުވެ، އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭ ދުވާ ޓްރެކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، އެތަނަކީ އާންމުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ޒަމާނީ ޓްރެކަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވެލި ޓްރެކް ސިންތެޓިކަށް ބަދަލުކޮށް، އެ މަސައްކަތް ނިންމާލީ އިންޑިއާ ސަރުކާރުގެ އެހީ އާއި އެކިއެކި ފަރާތްތަކުގެ އެހީއާއެކުގައެވެ. އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އަމަލުކުރަން ޖެހޭ އުސޫލުތަކެއް ކަނޑައަޅައި، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް އާންމުންނަށް ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެންނެވެ. މާދަމާ އިން ފެށިގެން އާންމުންނަށް ޓްރެކް ބޭނުންކުރުމަށް ކަނޑައަޅާފައި ގަޑިއަކީ ހެނދުނު 5:00 އިން 8:00 އަށް އަދި ހަވީރު 6:00 އިން މެންދަމު 12:00 އަށެވެ.

މާދަމާ އިން ފެށިގެން ޓްރެކަށް އެރޭނީ ހަމައެކަނި ދުވާ ބޫޓެއްގައެވެ. ކުރިން ވެލި ޓްރެކްގައި ފުޓުބޯޅަ ބޫޓާއި ޓްރެއިނިން ބޫޓުގައި ދުވި ނަމަވެސް، މިހާރު އޮތް ސިންތެޓިކް ޓްރެކުގައި އެ ބޫޓުތައް ބޭނުން ކުރުން މަނާ ވާނެއެވެ.

ކަސްރަތަށް ބޭނުންކުރާ ބަރު އުފުލުމާއި، ޓަޔަރު ފަދަ ތަކެތި ޓްރެކް ސަރަހައްދުގައި ބޭނުންކުރުންވެސް މަނާވާނެއެވެ. އޭގެ އިތުރުން އާންމުންނަށް ހާއްސަކޮށްފައިވަނީ ވަކި ލޭންތަކެކެވެ. އެންމެ އެތެރޭގެ ތިން ލޭން އެތުލެޓިކްސް އެސޯސިއޭޝަނަށް ހާއްސަކޮށްފައިވާ އިރު، ހަތަރުވަނަ ލޭނުން ހަތްވަނަ ލޭނަށް ބޭނުން ކުރާނީ ދިގު ދުވުންތެރިންނެވެ. އާންމުން ހިނގައި، ޖޮގިން ކުރުމަށް ބޭނުން ކުރާނީ އެންމެ ބޭރު ދެ ލޭނެވެ.

އެއްވެސް ގޮތަކަށް ޓްރެކް ތެރޭގައި ކާ އެއްޗެއް ބޭނުން ކުރުމަކީވެސް މަނާ ކަމެކެވެ. އަދި ޓްރެކްގެ މެދުގައިވާ 35 ޔާޑްގެ ކްރިކެޓް ޕިޗް ބޭނުން ނުކުރުމަށްވެސް ޔޫތު މިނިސްޓްރީން އެދެއެވެ.

ސަރުކާރުން 1998 ވަނަ އަހަރު ތަރައްގީކުރި ވެލި ޓްރެކުގައި އާންމުން ކަސްރަތުކުރުމުގެ އިތުރުން ބައެއް އަމިއްލަ އެކަޑަމީތަކާއި ކަސްރަތު ކްލާސްތައް ވެސް ބާއްވައެވެ. އަދި ހުޅުމާލޭގައި 2018 ވަނަ އަހަރު ސިންތެޓިކް ޓްރެކެއް އެޅުމާ ހަމައަށް އެތުލެޓިކްސް މުބާރާތްތަކާއި ޕްރެކްޓިސްތަކަށް އެތަން ބޭނުންކުރިއެވެ. މިހާރު ރަސްމީކޮށް ހުޅުމާލޭ ޓްރެކް އެތުލެޓިކްސްގެ ހަރަކާތްތަކަށް ބޭނުން ކުރަމުން އަންނަ އިރު، މާލޭ ރައްޔިތުން އާންމުކޮށް ކަސްރަތު ފަދަ ބޭނުންތަކަށް އެ ޓްރެކަށް ދިއުން ވަނީ އުނދަގޫ ކަމަކަށެވެ.

އެތައް ދުވަހެއް ވަންދެން މަރާމާތެއް ނެތި އޮތުމަށްފަހު ވެލި ޓްރެކްޓް ސިންތެޓިކް ވެގެން ދިއުމަކީ ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބޭނެ ކަމެކެވެ. ހާއްސަކޮށް އަމިއްލަ ފަރާތްތަކުން ހިންގާ ކްލާސްތަކާއި އެކަޑެމީތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.