ގާޒީ ސްކޫލުގެ ޓީޗަރެއް އަދި ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ގާޒީ ސްކޫލުން މިއަދު ޕޮޒިޓިވްވީ ގްރޭޑް އެކެއްގައި ކިޔަވައިދޭ ޓީޗަރެއް ކަމަށާއި އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ސްކޫލުގެ 12 ޓީޗަރަކު ފާހަގަކުރެވިފައިވާ ކަމަށެވެ. ޓީޗަރު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

ޖަމާލުއްދީން ސްކޫލުން ޕޮޒިޓިވްވީ، އެ ސްކޫލުގެ ގްރޭޑް 9 އެއްގައި ތައުލީމް ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ސްކޫލުގެ ތެރެއިން ހަތަރު ކުއްޖެއް ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ ކުއްޖާ ޕޮޒިޓިވްވުމާ ގުޅިގެންވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޖަމާލުއްދީން ސްކޫލުގެ ދަރިވަރަކާއި ގާޒީ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިފަހުން ވަނީ ބިލަބޮން އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ އެއް އާއިލާއެއްގެ ހަތަރު ދަރިވަރަކާއި އަމީނިއްޔާ ސްކޫލުގެ ޓީޗަރަކާއި ވިލިނގިލީގައި ހުންނަ މުހްޔިއްދީން ސްކޫލުގެ މަސައްކަތު މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 21-2020ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.