ކްލަބު އީގަލްސްއާއެކު ހަދާފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައި، ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ކްލަބުގެ ކޯޗުކަމުން ވަކިވެއްޖެއެވެ.

މިހާތަނަށް ސީޒަންގައި ދަށް ފޯމެއްގައި ކުޅެމުން އަންނަ އީގަލްސްއިން ނެރުނު ހާއްސަ ބަޔާނެއްގައި ބުނެފައި ވަނީ މޯހަންއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައި ވަނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ކަމަށެވެ. އަދި އެ ނިންމުމަކީ މިވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށް ދެފަރާތުންވެސް އެއްބަސްވާ ކަމަށާއި، އީގަލްސްއަށް މޯހަން އަދާކޮށްދިން އަގުހުރި ހިދުމަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ސީޒަން ނިމެންދެން އީގަލްސްގައި މަޑުކުރުމަށް މޯހަން ކްލަބާ ހަވާލުވެ ހުރި ނަމަވެސް، އެކިއެކި ދަތިތަކާއެކު މި ސީޒަން އީގަލްސްއަށް ދަނީ ދަށްކޮށެވެ. ކޮވިޑް 19 އާއި ގުޅިގެން ކްލަބަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހި ކުޅުންތެރިން ހޯދުމުގައިވެސް އުނދަގޫތަކެއް ދިމާވެފައިވާއިރު، ޓީމަށް ބިދޭސީ ކުޅުންތެރިންވެސް ގެނެސްފައި ވަނީ ލީގު ފެށި ފަހުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އީގަލްސް މި ވަގުތު އޮތީ ހަތް ވަަނައިގަ އެވެ. މޯހަން އީގަލްސް އަށް ކޯޗުކޮށްދިން ފަހު މެޗަކީ ރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން 4-1 އިން ބަލިވި މެޗުގަ އެވެ.

އީގަލްސްއާއެކު މޯހަން ވަނީ މުހިއްމު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ ސީޒަންގެ ލީގުގެ ދެވަނައިގައި އީގަލްސްއިން ނިންމާލިއިރު، އެއީ ކްލަބުގެ ތާރީހުގައިވެސް ލީގުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ. މިދިޔަ ސީޒަންގެ ކާމިޔާބީއާއެކު މި ސީޒަންގެ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގެ ފުރުސަތު އީގަލްސްއަށް ލިބިފައިވާއިރު، އެޓީމުން ވަނީ މި ސީޒަންގެ އެފްއޭ ޗެރިޓީ ޝީލްޑްވެސް މޯހަންއާއެކު އުފުލާލައިފައެވެ.

އެފްއޭއެމްގެ ޓެކްނިލް ޑައިރެކްޓަރެއްގެ މަގާމު ވެސް އަދާކުރެއްވި މޯހަން ވަނީ ފުރަތަމަ ޑިވިޝަނުގައި ނިއުރޭޑިއަންޓާއި ވެލެންސިއާ އާއި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށް ކޯޗުކޮށްދީފައެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި ވެސް މޯހަންގެ ދައުރު ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، މޯހަން ހުރީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.