(14 ޖެނުއަރީގެ އަދަދާ ގުޅޭ)
"އާނ!"
"އޭނާ ގިނިކަންޏާތަ؟ އެހެންބަޔަކުވެސް އެބަތިބިތަ؟"
"އަޅުގަނޑު މިއައީ ޝެހެޒާދާ رشـيـد ފޮނުއްވައިގެން."
"އޭނާ ހުންނެވީ ކޮންތަނަކު؟"
"ތިޔަބައިމީހުންނަށް ވަރަށް އަވަހަށް އޭނާގެ އަރިހަށް ދެވިދާނެ. މިތަނާ ގާތްގަނޑަކަށް ދެކޯހެއްހައި ދުރުގައި އޭނާ ތިޔަބޭކަލުންގެ އިންތިޒާރުގައި އެބަހުންނެވި. ދެން އަންނަ ގޯޅިޔަކުން އޭނާގެ މުޢަސްކަރުގެ އަލި ފެންނާނެ."
ކޯޗުވާން ތަންކޮޅަކަށް ގޮސްފައި ކަނާތްފަރާތުގައި އޮތް ގޯޅިޔަކަށް ބައްގީ އަނބުރައިލުމުން ދުރުންއައި މީހާ ހަޅޭއްލަވައިގަތެވެ. "މަޑުކުރޭ! ބައްގީ ހުއްޓައިލާ! ތިޔައީކީ އެދިމާޔަށްދާ މަގެއް ނޫން." އޭނާގެ އަޑަށް ސަމާލުކަމެއް ނުލިބުމުން އޭނާ އަހުގައި ހަންމުށި އަޅައިފައި ބާރަށް ދުއްވައިފައިގޮސް ބައްގީގެ ކުރިޔަށް އަރައިފިއެވެ. حسن އޭނާގެ އަސް ބައްގީއާ ކައިރިކޮށްލައްވައިފައި ކޯޗުވާން ގާތު ވިދާޅުވިއެވެ. "ބައްގީ މަޑުކޮށްލާ!"
ކޯޗުވާން އަސްތައް މަޑުކޮށްލުމުން ދުރުންއައި މީހާ ބައްގީގެ ދޮރު ކައިރިޔަށް އައިސް ބުންޏެވެ. "ބައްލަވާ! ކޯޗުވާން ތިޔަބޭފުޅުން މިގެންދަނީ އެހެން މަގަކުން."
سعد ބައްގީގެ ދޮރުގެ ފަރުދާ ހިއްލައިލައްވަމުން ވިދާޅުވިއެވެ. މި ކޯޗުވާނަކީ އާ މީހެއް. ކަލޭ އަހުން ފައިބައި އޭނާގާތު އިށީނދޭ. ކަލޭގެ އަސް ސިފައިންނާ ހަވާލުކޮށްލާ!"
ދުރުންއައި މީހާއަށް سعد ގެ އަޑުފުޅަކީ އޭނާއަށް ބީރައްޓެހި އަޑުފުޅެއްހެން ހީވެގެން ސުވާލުކުރިއެވެ. "ތިޔައީ ކޮންބޭފުޅެއްތޯ؟"
އޭރު حسن އާއި އޭނާގެ ދެ އެކުވެރީން އެމީހާ ވަށައިލައްވައިފިއެވެ. حسن އޭނާގެ ކަނޑިކޮޅުގެ ތުނޑުން އެމީހާގެ ފަލަމަސްގަނޑުގައި މަޑުމަޑުން ކޮއްޓަވައިލައްވައިފައި ވިދާޅުވިއެވެ. "ފައިބާ!"
ދުރުންއައި މީހާއަށް حسن ގެ ކަނޑިކޮޅުގެ އިތުރަށް حسن ގެ ދެ އެކުވެރީންގެ ލޮންސިވެސް އޭނާއާ ކައިރިވަމުން އަންނަތަން ފެނިއްޖެއެވެ. ހަމައެވަގުތު سعد ބައްގީން ފުންމައިލައްވައިފައި އޭނާގެ އަހުގެ ލަގަނުގައި ހިފަހައްޓަވައިފިއެވެ. ދުރުންއައި މީހާއަށް އޭނާގެ އަހުން ފައިބާން މަޖުބޫރުވެއްޖެއެވެ. سعد އެމީހާގެ ފަގުޑި ނަންގަވައިގެން އެމީހާގެ އަތްފައި ބަންނަވައިފައި ބައްގީގެ ތެރެއަށް ކޮއްޕަވައިލައްވަމުން ވިދާޅުވިއެވެ. "ميـمــونـة! މީނާ ބަލަހައްޓަވާތި! އަޅުގަނޑު އަސްމަތީގައި އެބަދަން."
حسن ވިދާޅުވިއެވެ. "ބޭބޭ! އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރީން ހީކުރެވުނު ވަރަށްވުރެވެސް މާގިނަ ވަގުތު ލިބޭނެ. ފަތިސްވުމުގެ ކުރިޔަކު رشـيـد ދެވަނަ މީހަކު ނުފޮނުއްވާނެ. އޭނާ ކިތަންމެ ބުއްދިވެރިކޮށް ކަންތައް ކުރެއްވި ކަމުގައިވިޔަސް މެންދުރުވުމުގެ ކުރިޔަކު إدريـس ގެ ގެ ފާހެއް ނުކުރައްވާނެ. އޮތީ އެންމެ ނުރައްކަލެއް. އެއީ زيـاد ގެ ނޯކަރަކު ނުވަތަ ފުލުހުންގެ ބަޔަކު އޭނާ ހޯދަން އެގެއަށް ދިއުން."
"ތިޔަކަމުގެ ބިރެއް ނެތް. އެ އެންމެންނަށްވެސް އޮންނާނީ زيـاد ޤުރުޠުބާއަށް ވަޑައިގެންނެވިކަން އެނގިފައި. އެއިން މީހަކު ޚަބަރު ބަލައިލަން ދިޔަކަމުގައިވިޔަސް ދޮރުމަތީގައި ބައްގީ ނެތުމުން زيـاد އެރަށުން ފުރައިވަޑައިގަތީކަމުގައި ހީކޮށްގެން އެނބުރި ހިނގައިދާނެ. ކޮންމެ ގޮތެއްގައިވެސް މެންދުރުވުމުގެ ކުރިޔަކު زيـاد ހޯދާކަށް ބަޔަކު ނުއުޅޭނެ."
އެރޭގެ ފަތިސްދަންމަތިވީއިރު ބައްގީ ދަތުރުކުރަމުން ދިޔައީ ވަރަށް އާބާދު ނުވެއޮތް ސަރަޙައްދަކުންނެވެ. ކޯޗުވާން ބައްގީ ހުއްޓައިލުމަށްފަހު سعد ގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑަށް ހީވަނީ ޤައިދީ މިތަނަށް ބާލުއްވަންވީހެން!"
"މިތަނާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ އަވަށެއް އޮންނާނީ ކިހައި ހިސާބަކުތަ؟" سعد ސުވާލު ކުރެއްވިއެވެ.
"މިތަނާ ތިންމޭލެއްހައި ދުރުގައި މެނުވީ ގިނަބަޔަކު ދިރިއުޅޭ އަވަށެއް ނޯންނާނެ. ދަނޑުވެރީން ނުވަތަ ގެރިބަކަރި ގެންގުޅޭ މީހުންގެ ޖިފުޓިތައް ވަރަށް މަދުމަދުން ހުންނާނެ. އެބައިމީހުން އަޅުގަނޑުމެންނަކަށް ނުރައްކަލަކަށް ނުވާނެ. އެންމެ ކައިރިޔަށްވެސް ފުލުސްޕޯސްޓެއް ހުންނާނީ އަށެއްކަ ކޯހުގެ ދުރުގައި."
سعد ޤައިދީ ބައްގީން ބާލުއްވައިފައި އެންމެފުރަތަމަ ގަސްދުކުރެއްވީ އޭނާ ގަހެއްގައި ބެންނެވުމަށެވެ. ނަމަވެސް އޭނާގެ ހިތްޕުޅުގައި ރަޙުމު އުފެދިގެން ވިދާޅުވިއެވެ. "އިންސާނިއްޔަތުކަން އަހަންނަށް މަޖުބޫރުކުރަނީ ކަމަކާނުލައި ކަލެޔަށް އަނިޔާވެރިނުވާން. އަހަރެން ކަލޭ މިނިވަންކުރަނީ. ކަލެޔަށް އެންމެ ރަނގަޅު ގޮތަކަށްވާނީ ސީދާ އިޝްބީލިއްޔާއަށް ދިއުން. އެރަށުގައި إدريـس ގެ ގޭގައި ކަލޭމެންގެ ފުލުހުންގެ ވެރިޔާ ބަންދުކުރެވިފައިވާނެ. އެންމެފުރަތަމަ އޭނާއަށް އެހީވި މީހަކީ ކަލޭ ކަމުގައި ވެއްޖެނަމަ އޭނާ ކަލެޔަށް ވަރަށް ޝުކުރުވެރިވެވަޑައިގަންނަވާނެ. ފަހަރެއްގައި ކަލޭގެ އަހުގެ ބަދަލުގައި އެގެއިން އަހެއްވެސް ލިބިދާނެ. ޝެހެޒާދާ رشـيـد ގެ ފައިންޕުޅު ފެނިއްޖެނަމަ ދަންނަވާތި. ހިސާބު ބެލެވޭ ދުވަހަށް އިންތިޒާރު ކުރައްވާށޭ!"
سعد ޤައިދީގެ އަތްފައި މޮއްސަވައިލައްވައިފިއެވެ. ބައްގީ އަނެއްކާވެސް ދަތުރު ފަށައިފިއެވެ. ދެކޯހެއްހައި ތަނަށް ދަތުރުކުރުވުމަށްފަހު ތިރި ފަރުބަދައެއްގެމަތީން ދަނިކޮށް سعد އޭނާގެ އަސް ކުރިޔަށް ޖައްސައިލައްވައިފައި ކޯޗުވާނަށް އިޝާރަތްކޮށްލެއްވުމުން އޭނާ ބައްގީ މަޑުކޮށްފިއެވެ.
سعد ވިދާޅުވިއެވެ. އަހަންނަށް ހީވަނީ އަސްތައް ވަރަށް ވަރުބަލިވެއްޖެހެން. އަނެއްކާ ހެނދުނު ފަތިހު އަހަރެމެން ސަރުކާރުގެ ބައްގީއެއްގައި ދަތުރުކުރުމެއްވެސް ރަނގަޅެއް ނޫން. ރަށުތެރެއިން ދަތުރުކުރާއިރު އަހަރެމެން މީހުންގެ ސަމާލުކަމުން ސަލާމަތްވާންޖެހޭނެ."
حسن ވިދާޅުވިއެވެ. "رشـيـد އޭނާ ޚަބަރުބަލަން ފޮނުއްވި މީހާއަށް މާގިނައިރު އިންތިޒާރު ނުކުރައްވައި އިޝްބީލިއްޔާއަށް ވަޑައިގެންވެސްފާނެ. މިހާރު އަޅުގަނޑުމެންގެ ފަހަތުން ވަޑައިގަތުމަކީވެސް ދުރުކަމެއް ނޫން. މި އަސްތައް ވަރުބަލިފިލުވަން ވަރަށް ގިނަވަގުތު ބޭނުންވާނެ. އަޅުގަނޑުމެން އަސްތައް މޮހައިލައިފައި ބައްގީ މިތަނަށް ދޫކޮށްލުމަށްފަހު މިނޫން އެހެން މަގެއް ޚިޔާރުކުރަމާތޯ؟"
"އަހަރެންވެސް މިވިސްނަނީ ތިޔަހެން ހަދަންކަމަށް."
ކޯޗުވާން ދެންނެވިއެވެ. "މިތަނާ ވަރަށް ކައިރީގައި އަޅުގަނޑުމެންގެ އަވަށާ ދިމާޔަށް ދެވޭ ވަލުހިނގާ މަގެއް އޮންނާނެ. އެހިސާބަށް ދެވެނިކޮށް އަޅުގަނޑުމެންނަކަށް އެއްވެސް ނުރައްކަލެއް ނޯންނާނެ. އެމަގުން ދިޔުމުން އަޅުގަނޑުމެންގެ ދަތުރު ތަންކޮޅެއް ދިގުވާނެ. އެކަމަކު އެގޮތަށް ދަތުރުކުރުމުގެ ފައިދާއެއްވެސް އެބައޮތް. އެއީ އެމަގުން ދަތުރުކުރުމުން އަޅުގަނޑުމެންނަށް އަސްތިޖާއިން ލައުޝާއަށް ދަތުރުކުރާ މަގަށް ނުކުމެވޭނެ. އޭގެ އެކޮޅަކަށް އަޅުގަނޑުމެންނަކަށް އެއްވެސް ނުރައްކަލެއް ނޯންނާނެ."
سعد ވިދާޅުވިއެވެ. "ކަލޭ މިހިސާބުގަނޑުގެ ހުރިހާ މަގުތަކެއް ދަންނަކަން މީގެކުރީން އެނގުނުނަމަކަ އަހަރެން އެއްގޮތަކަށްވެސް ފިކުރުބޮޑެއްނުވީސް. އަހަންނަށް ހީވާގޮތުގައި ބައްގީގެ ކަންތައް ނިންމާލަން މިއީ ވަރަށް ރަނގަޅު ހިސާބެއް."
އިރުކޮޅެއްގެ ތެރޭގައި އެބޭފުޅުން ބައްގީގެ އަސްތައް މޮއްސަވައިލައްވައިފިއެވެ. އެއަށްފަހު މަގުގެ އެއްފަރާތެއްގައިހުރި ފުން ވަޅުގަނޑެއްގެ ތެރެޔަށް ބައްގީ ކޮއްޕަވައިލައްވައިފިއެވެ. މުސްކުޅި ނޯކަރު ميـمــونـة ގެ އެއްޗެހިކޮޅު ފޮށީންނަގައި ބޮކްސާއެއް ތައްޔާރުކޮށްލުމަށްފަހު އޭނާގެ އަސްމައްޗަށް ލައިފިއެވެ. حسن ދަތުރުކުރެއްވި އަހާއި، ميـمــونـة ގެ ނޯކަރަކު ދަތުރުކުރި އަސް ميـمــونـة އަށާއި، އޭނާގެ ޚާދިމާއަށް ދެއްވައިފައި حسن އާއި ميـمــونـة ގެ ޚާދިމާ ދަތުރުކުރެއްވީ ބައްގީގައި ބޭނުންކުރި އަސްދާނަގޮނޑިނެތް ދެއަހުގައެވެ. ކޯޗުވާނުވެސް ބައްގީގެ އަހަކަށް ސަވާރުވެއްޖެއެވެ. ދެންއޮތް އަސް ދޫކޮށްލެއްވީއެވެ.
މައިމަގު ދޫކޮށްލެއްވުމަށްފަހު ވަލުހިނގާ މަގުން ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ ދަނޑުވެރީންގެ ކުޑަކުޑަ އަވަށަކަށް އެބޭފުޅުންނަށް ވަޑައިގެންނެވިއްޖެއެވެ. إدريـس ގެ ކޯޗުވާންގެ އަވަށް އޮތީ ތަންކޮޅެއް ދުރުގައެވެ. އެކަމަކު އޭރު އަސްތައްވަނީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން سعد އަށް މަޖުބޫރުވެ ވަޑައިގެންނެވީ އެއަވަށުގައި އިރުކޮޅަކު މަޑުކޮށްލައްވާށެވެ. ދަނޑުވެރީން އިންތިހާދަރަޖައިގެ ހިތްހެޔޮކަމާއި ކަމޭހިތުމާއެކު އެބޭފުޅުންނަށް މެހުމާންދާރީ އަދާކުރިއެވެ. އެބޭފުޅުންގެ އަސްތަކަށް ވިނަވެސް ހޯދައިދިނެވެ. އިރުކޮޅަކު އެއަވަށުގައި މަޑުކުރައްވައި އަސްތައް ވަރުބަލިފިލުމުން އަނެއްކާވެސް ދަތުރު ފަށްޓަވައިފިއެވެ. އިރުއޮއްސުމުގެކުރީން އެބޭފުޅުންނަށް އަނެއް އަވަށަށް ވަޑައިގެންނެވިއްޖެއެވެ. އެބޭފުޅުން އެރޭ މަޑުކުރެއްވީ
إدريـس ގެ ކޯޗުވާންގެ ގޭގައެވެ. އެރޭ ފަތިސްވުމާއެކު އަނެއްކާވެސް ދަތުރު ފައްޓަވައިފިއެވެ.
* * * * * * * * * * *
އަނެއްރޭ އިރުއޮއްސުނުއިރު ލައުޝާއަށް ވަޑައިގެންނެވިއްޖެއެވެ. ލައުޝާގެ ބައެއް ޒުވާނުންވަނީ ޣަރުނާޠާގެ ޢަސްކަރީ މަދަރުސާއިން سعد އާއެކު ތަޢުލީމު ހާސިލުކޮށްފައެވެ. އޭގެތެރޭގައި ލައުޝާގެ ޤާޟީގެ ދަރިކަލުންވެސް ހިމެނިވަޑައިގަންނަވައެވެ. މެހުމާންސަރާއެއްގައި މަޑުކުރެއްވުމުގެ ބަދަލުގައި سعد ހޯއްދެވީ ޤާޟީގެ ގެއެވެ. ޤާޟީގެ ދަރިކަލުން، سعد އަށާއި އޭނާގެ އެކުވެރީންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ.
ميـمــونـة އާއި އެކަމަނާގެ ޚާދިމާއާ ބައިތިއްބެވީ އެގޭގެ އަންހެންބޭފުޅުން އުޅުއްވާ ބައިގައެވެ. سعد އާއި،
حسن އާއި، ނޯކަރުން މަޑުކުރެއްވީ އެގޭގެ މެހުމާނުންނަށް ޚާއްޞަ ބައިގައެވެ. سعد ގެ ރަޙުމަތްތެރިޔާއާއި ޤާޟީއާ ދެބައްޕައިކަލުން سعد ގެ ވާހަކަފުޅު ވަރަށް ޝައުޤުވެރިކަމާއެކު އަޑުއެއްސެވިއެވެ. ނަމަވެސް سعد އެރޭ ފަތިހު ފުރައިވަޑައިގަންނަވާން ގަސްދު ކުރައްވާ ވާހަކަ ވިދާޅުވުމުން ޤާޟީ ވިދާޅުވިއެވެ. "ދަރިފުޅާ! ތިޔަހައި އުނދަގޫ ދަތުރުފުޅަކަށްފަހު އަންހެންބޭފުޅުން އަރާމުކޮށްލައްވަން ބޭނުންފުޅުވާނެ. ދަރިފުޅު މިގޭގައި ދެތިންދުވަހަކު މަޑުކޮށްލައްވާ! މިހާރު ތިޔަ ތިއްބެވީ ނުރައްކަލާ ވަރަށް ދުރަށް ވަޑައިގެންނެވިފައި."
سعد އެންމެފަހުން ވިދާޅުވިއެވެ. "حسن އާއި ދެން ތިއްބެވި ބޭފުޅުން މިރަށުގައި ދެދުވަހަކު މަޑުކޮށްލެއްވުމާމެދު އަޅުގަނޑުގެ އިޢުތިރާޟެއް ނެތް. އެކަމަކު މިރޭ ހާރުދަމު އަޅުގަނޑު ދަތުރު ފަށާނަން. އަޅުގަނޑާ ވަރަށް އަވަހަށް ޤަޞްޠިލާއަށް ދާންޖެހޭ. ކަލާ އަޅުގަނޑަށް ރަނގަޅު އަހެއްވެސް ދެއްވަންވާނެ."
ޤާޟީ ވިދާޅުވިއެވެ. "އަހުގެ މައްސަލައިގައި ފިކުރު ނުކުރައްވާ! އެކަމަކު ކަލާ ޤަޞްޠިލާއަށް ވަޑައިގަންނަވަނީ ކީއްކުރައްވަންތޯ؟"
"އަޅުގަނޑު ކަލާގެ އަރިހުގައި ދަންނަވައިފިން. ميـمــونـة ގެ ބޭބެ މިހާރުވީ ޤަޞްޠިލާގައި. އޭނާއަށް ދުރާލައި ޚަބަރު ނުދެވިއްޖެނަމަ އޭނާ ހައްޔަރުކޮށްފައި ޤުރުޠުބާއަށް ފޮނުވާނެ. އެތާނގައި އޭނާ ވާނީ ޝެހެޒާދާ رشـيـد އާއި އޭނާގެ ޚުލުޤު ނުބައި އައުވާނުންގެ ބާރުގެ ދަށުގައި."
ޤާޟީ ވިދާޅުވިއެވެ. "ތިޔަހެންވީއިރު ކަލާ ކޮންމެހެންވެސް ވަޑައިގަންނަވަންޖެހޭނެ. ކަލާ ބޭނުންފުޅިއްޔާ މިތަނުން ކަލާގެ އަރިހުގައި ބަޔަކުވެސް ފޮނުވައިދެވިދާނެ."
سعد ޖަވާބު ދެއްވިއެވެ. "ނޫން. މިކަމަކަށް އިތުރު ބަޔަކު ބޭނުމެއް ނުވާނެ!"
ޤާޟީ ވިދާޅުވިއެވެ. "قـاضى أبــوالــوليـــد ގެ ދަޢުވަތަކަށް މިމަހު ފަނަރަވަނަ ދުވަހު ބައިޣާގައި ވަރަށްބޮޑު އެއްވުމެއް އޮންނާނެ. އަންދަލުސުގެ މުސްލިމުންގެ އެންމެ ބޮޑެތި ޢިލްމުވެރީން އެ އެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެ. އޭނާ އަޅުގަނޑަށްވެސް ވަނީ ދަޢުވަތު ދެއްވައިފައި. ޣަރުނާޠާގެ قـاضى أبـو جـعـفـر ވެސް ވަޑައިގަންނަވާނެކަމުގައި ބެލެވޭ. قـاضى أبــوالــوليـــد މުޅި އަންދަލުސުގައި ބުރެއް ޖައްސަވައިފައި އެނބުރި ވަޑައިގަތީ އިހަކަށްދުވަހު. އޭނާ ހުށަހަޅުއްވާނެކަމުގައި ބެލެވެނީ. އަންދަލުސުގެ އެކިރަށްރަށުގެ ނުފޫޒުހުރި ޢިލްމުވެރީންގެ ވަފުދެއް ރަސްކަލުންގެ ޠާއިފާއާ ބައްދަލުކުރައްވައި އިސްލާމްދީނުގެ ދުޝްމިނުންނާ ދެކޮޅަށް އެބޭފުޅުން އެކަތިގަނޑަކަށް ވެވަޑައިގަންނަވަން އެއްބަސްވެވަޑައިގަންނަވާތޯ ބައްލަވަން."
سعد ވިދާޅުވިއެވެ. "މުލޫކުއްޠަވާއިފުންނަށްވުރެ އިސްލާމްދީނުގެ ބޮޑެތި ދުޝްމިނުންނެއް މިހާރަކު އަންދަލުސަކު ނެތް. އަޅުގަނޑަށް ޔަގީން. އެބޭފުޅުން ހުރިހާ ނިކަމެތިކަމަކާއި ގެއްލުމެއް ބަރުދާސްކުރައްވަންވެސް ތިއްބަވާނީ ތައްޔާރަށް. އެކަމަކުވެސް އިސްލާމްދީނުގެ ނަމުގައި ފަހަރެއްގައިވެސް އެއްބައިވެވަޑައެއް ނުގަންނަވާނެ."
"އަޅުގަނޑުވެސް ކަލާއާ އެއްބަސްވަން. އެހެންކަމުން އަޅުގަނޑު އެދެނީ މިބައްދަލުވުމުގައި ތިޔަކަހަލަ ޒުވާނުން ބައިވެރިވެވަޑައިގަތުން."
سعد ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަނަރަވަނަ ދުވަހަށް ބައިޣާއަށް ދެވޭތޯ ބަލާނަން."
* * * * * * * * * * *
ميـمــونـة އިންނެވީ އެގޭގެ އަންހެންބޭފުޅުން ތިއްބަވާ ބައިގައެވެ. އޭނާ ޢިޝާނަމާދުން ނިމިވަޑައިގެން ފަރީއްކުޅުއްވުމަށްފަހު އެގޭގެ އަންހެން ބޭފުޅުންނާ ވާހަކަދައްކަވަން ތިއްބަވަނިކޮށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. ފުން އަވަހާރަފުޅަކުން އޭނާއަށް ހޭފުޅުލެއްވުނީ ފަތިހުއެވެ. އޭރު އޭނާގެ ޚާދިމާ އޭނާއަށް ދަންނަވަމުން ގެންދެއެވެ. "ميـمــونـة! ميـمــونـة! ތެދުވެވަޑައިގަންނަވާ! ނަމާދުވަގުތު ފާއިތުވަނީ!" ميـمــونـة ތެދުވެވަޑައިގެން އަވަސްއަވަހަށް ވުޟޫކުރައްވައިގެން ނަމާދު ކުރައްވައިފިއެވެ. ނަމާދުން ނިމިވަޑައިގެން ޚާދިމާ ގާތު ވިދާޅުވިއެވެ. "އަހަންނަށް ތަންކޮޅެއް އަވަހަށް ގޮވައިނުލީ ކީއްވެ؟ ފަތިހު ފުރާ ވާހަކަ އޭނާ ވިދާޅުވި. މިހާރު މާލަސްވެއްޖެ. އަވަހަށްގޮސް ދަންނަވާ އަހަރެން ތައްޔާރުވެއްޖެއޭ!"
سعد ގެ ރަޙުމަތްތެރިޔާގެ ކޮއްކޮވަނީ ميـمــونـة އާ ބައްދަލުވެވަޑައިގަތުމާއެކު އޭނާއާ ވަރަށްބޮޑަށް ރައްޓެހިފުޅުވެފައެވެ. އޭނާ ميـمــونـة ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އުޚުތާ! ތައްޔާރުވެވަޑައިގަތުމުގެ ބޭނުމެއްނެތް. މިއަދު ތިޔަބޭފުޅުން ތިއްބަވާނީ މިރަށުގައި. އަޅުގަނޑުގެ ބައްޕަ ރޭގައި ވަނީ سعد ގެ އަރިހުން ހުއްދަ ހޯއްދަވައިފައި."
ميـمــونـة އެކަމަނާގެ ޚާދިމާ ގާތު ވިދާޅުވިއެވެ. "މީނާ ސަމާސާކުރައްވަނީ. ގޮސް އޭނާގެ އަރިހުން އޮޅުންފިލުވައިގެން އައިސްބަލަ!"
ޚާދިމާ ޖަވާބު ދިނެވެ. "އޭނާ ހާރުދަމު ޤަޞްޠިލާއަށް ފުރައިވަޑައިގެންފި!"
"ފުރައިވަޑައިގެންފިޔޭ؟"
"އާދެ. ދާދި ދެންމެޔަކު އަޅުގަނޑު حسن އަރިހުން އޮޅުންފިލުވައިފިން."
ކުއްލިޔަކަށް ميـمــونـة ގެ މޫނުފުޅުގެ އުޖާލާކަން ފިލައިގެން ހިނގައްޖެއެވެ. ލައުޝާއަށް ވަޑައިގެންނެވި މަގުމަތީގައި سعد ވަނީ އެރަށަށް ވަޑައިގެންފައި. ޤަޞްޠިލާއަށް ފުރައިވަޑައިގަންނަވާނެ ވާހަކަ އޭނާގެ އަރިހުގައި ވިދާޅުވެފައެވެ. ނަމަވެސް ސަލާންވެސް ކޮށްނުލައްވައި سعد ފުރައިވަޑައިގެންފާނެ ކަމަކަށް އޭނާ ހީފުޅެއް ނުކުރައްވައެވެ. އޭނާ ޔަގީންކުރައްވައިގެން އިންނެވީ ލައުޝާއިން ފުރައިވަޑައިގަންނަވާނީ ހުރިހައި ބޭފުޅުން އެކުގައި ކަމަށެވެ. سعد އޭނާއާ ވަކިވެވަޑައިގަންނަވާނީ އެރަށުގެ ކޮންމެވެސް ހަތަރު އަނގޮޅިޔަކުން ކަމުގައެވެ..... سعد ޤަޞްޠިލާއަށް ކުރައްވާ ދަތުރުފުޅަކީ ނުރައްކަލުން ހުސްވެގެންވާ ދަތުރުފުޅެއް ނޫނެވެ. ميـمــونـة ލައުޝާއަށް ވަޑައިގެންނެވި ދަތުރުފުޅުމަތީގައި އޭނާ ވިސްނައިވަޑައިގަންނަވަމުން ގެންދެވީ سعد އަށް އަލްވަދާޢު ވިދާޅުވާނެ ޢިބާރާތަކާ މެދުގައެވެ. އޭނާއަށް އިޙުސާސްވެވަޑައިގަތީ އޭނާގެ ހިތްޕުޅަށް އަންނަ ލަފުޒުތައް އޭނާގެ ޖަޒުބާތު ފުރިހަމަޔަށް ތަރުޖަމާކޮށްދިނުމަށް ނުފުދޭކަމުގައެވެ. ނަމަވެސް ސަލާންވެސް ކޮށްނުލައްވައި سعد ފުރައިވަޑައިގަތުމުން ޝަކުވާގެ އެތައްހާސް ލަފުޒުތަކެއް އޭނާގެ ހިތްޕުޅަށް އަންނަމުން ދިޔައެވެ. ކަލާ އެނބުރި ވަޑައިގަންނަވާނީ ކިހައިދުވަހަކުންތޯއެވެ؟ އަޅުގަނޑު ކަލާއަށް އިންތިޒާރު ކުރާނަމެވެ. އަނެއްކާ ނުރައްކަލަކާ ކުރިމަތި ނުލައްވައްޗެވެ. ކަލާ ތިޔަ ވަޑައިގަންނަވަނީ ގިނިކަންޏާއެވެ. އަނެއްކާ އެހައިދުރަށެވެ..... އަޅުގަނޑަށްވެސް ކަލާގެ އަރިހުގައި ދެވޭނެނަމައެވެ. އަޅުގަނޑަށްވެސް....." ميـمــونـة ގެ ލޯފުޅުގެ ތެރެއަށް ދިޔައީ ކަރުނަފޮދު ޖަމާވަމުންނެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު