ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ދެ މީހެއްގެ ހާލު ދެރަ ވެ، އިތުރު ފަރުވާ އަށް މާލެ ފޮނުވަން ނިންމައިފި އެވެ.

ގއ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ފުއާދު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ހައިރިސްކު ދެ މީހަކު ހާލު ދެރަވެ އިތުރު ފަރުވާ އަށް މާލެ ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުއާދު ވިދާޅުވީ ހާލު ދެރަވެ އިތުރު ފަރުވާ އަށް މާލެ ގެންނަނީ އުމުރުން 79 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ދެ މީހުންނަކީވެސް ހައި ރިސްކު ދެ މީހުން ކަމަށް ވިދާޅުވި އެވެ.

ފުއާދު އިތުރަށް ވިދާޅުވީ ވިލިނގިލި ކޮވިޑް ފެސިލިޓީގައި މިހާރު ހަ މީހަކަށް ފަރުވާދެމުން އަންނަ އިރު އޭގެ ތެރޭގައި ދާންދޫ އަށް ނިސްބަތްވާ 20 އަހަރުގެ ޒުވާން އަންހެނަކުވެސް ހިމެނޭ ކަމަށެވެ. އަދި ބާކީ ތިބި މީހުންނަކީ ދެއްވަދޫން އެ ފެސިލިޓީއަށް ގެންގޮސްފައިވާ، އުމުރުން ދުވަސްވީ މީހުން ކަމަށެވެ.

ހުވަދޫގެ ތިން ރަށަކުން ކޮވިޑް-19 ގެ ބަލި މީހުން ފެނިފައިވާއިރު މި ތިން ރަށުންވެސް ޕޮޒިޓިވް ވެފައިވަނީ ދެއްވަދޫ އާ ގުޅުން ހުރި މީހުންނެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާ ދެއްވަދޫން ދާންދޫ އަށް ދިޔަ ބަޔަކާއެކު އެއް ގެއެއްގައި އުޅުނު ސްކޫލް ދަރިވަރަކު ވިލިނގިލީގައި ހުއްޓާ އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވި ކަން އެނގުނީ ސްކޫލަށްވެސް ދާން ފެށި ފަހުންނެވެ.

މި ކޭހާއި ގުޅިގެން ވިލިނގިލީ ސްކޫލް ބަންދުކޮށް ރަށަށް އަރައި ފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަނިކޮށް މިއަދު އޭނާ އާ އެއް ކުލާހެއްގައި ކިޔަވާ އިތުރު ދަރިވަރަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ދާންދޫ އިން ވެސް ވަނީ މިހާތަނަށް ތިން މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.