Close
ރިޕޯޓް

އެކްސްކްލޫސިވް: ކައިވެންޏަށް 27 ދުވަސް! އަނބިމީހާއަށް މޫނުވެސް ނުފެނި ވަކިވެގެން ދިޔައީ އެންމެން ހެއްވާ ދޮންބެ

ރިފާ ހަލީލު

7

ދިރިއުޅުމަށް ފޮނި އުންމީދުތަކެއް ކުރިއެވެ. ބައްޕަ ޖަލަށް ލުމާއެކު، މަންމަ އާއި އެއްބަނޑު އެއްބަފާ ކޮއްކޮމެންގެ ޒިންމާ ކޮނޑުގައި އަޅައިގެން ކުރިމަގަށް ވިސްނި ހެޔޮލަފާ ޒުވާނެކެވެ. ޒަވާޖީ ހަޔާތެއް ފަށައި ހަރުދަނާ ފިރިއަކަށް ވުމަށް އަޒުމް ކަނޑައެޅި އެވެ. ރަނގަޅު އާމްދަނީއެއް ލިބި ދިރިއުޅުން އާރާސްތު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރި އެވެ. ކޮވިޑްގެ ހާލަތާއެކު ވަޒީފާ ގެއްލުނަސް އިތުރު މަސައްކަތްތަކެއް ކުރުމަށް ކަނޑައެޅި އަޒުމުގައި ދެމި ހުރި އެވެ. މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓެއިނާތަކުން މުދާ ހުސްކުރުމުގެ މަސައްކަތް ލިބުނެވެ. ވަރުބަލި ކަމެއްނެތި ތެދުވެރިކަމާއެކު ވަޒީފާގެ މަސައްކަތުގައި ދެމިހުއްޓެވެ.

މިއީ މިމަހުގެ ނުވަ ވަނަ ދުވަހުގެރޭ މާލޭ ވިޔަފާރި ބަނދަރުގައި ބިއްލޫރި ޝީޓުތަކެއް ހުރި ޕެލެޓެއްގެ ދަށުގައި ތާށިވެ، ބޮޑެތި ޒަހަމްތަކެއް ލިބި، އެ ޒަހަމްތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް، ރޭ ފަތިހު މަރުވި ނ. ލަންދޫ، ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމްގެ ވާހަކަ އެވެ. އާސިމަކީ އާއިލާގެ އެންމެ ބޮޑު ފިރިހެން ދަރިފުޅެވެ. އޭނާގެ ބައްޕަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާއިރު ގޭތެރޭގެ ހަރަދުތަކާއި ކުޑައަށް ތިބި ކުދީންގެ ކަންކަން ބަލަހައްޓަމުން އައީ އޭނާ އާއި އޭނާގެ މަންމަ އަށް ލިބޭ އެއްޗަކުންނެވެ.

ލޯބީގެ ގޮތުން އެތައް ދުވަހެއް ވަންދެން ގުޅިގެން އުޅުނު ބައިވެރިޔާ އާ ކައިވެނީގެ ގޮށް ޖެހީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ. ކައިވެންޏަށް މަސްދުވަސްވެސް ނުވެ އާސިމް ގެ ލޯބިވާ އަނބިމީހާ ދޫކޮށް މި ދުނިޔެއާ އަލްވަދާއު ކީއެވެ. އާސިމްގެ އަންހެނުން މިވަގުތު އިންޑިއާގައި ހުރި އިރު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ވަނީ ރާއްޖެ އާދެވޭ ގޮތް ވެސް ނުވެފަ އެވެ. އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ އާސިމް އަކީ ވަރަށް ރަނގަޅު ވަފާތެރި އޯގާތެރި މީހެއް ކަމަށެވެ. އަނބިމީހާއަށް އަޅާލާ ހަޔާތުގައި ފޮނި އުންމީދު ތަކެއް ކުރި ޒުވާނެއް ކަމަށެވެ.

"ހުރިހާ ދަރިންގެ ދޮންބެ މިއަދު އެދިޔައީ. އެހާ ވޭނުގަ. އެކުއްޖާ (އާސިމް)ގެ ހަށިގަނޑުގަ ކިހާ ވޭނެއް އަޅާނެ. އެންމެނަށް އުފާވެރިކަން ހޯދައިދޭ އެންމެން ހެއްވާ އެ ކުއްޖާ އެ ދިޔައީ އެންމެން ރޮއްވާލާފަ. އެކުއްޖާ އޭގެ ދަށުވެފަ އޮންނަ އިރު ގައިމު ކިހާ ތަދެއް ވާނެ!." އަސަރާއެކު އާސިމްގެ އާއިލާގެ ފަރާތުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އާއިލާއިން މީގެ ކުރިން "ވަން" އާ ވާހަކަ ދެއްކި އާސިމްގެ ބޮޑު ދައިތަ ފަރީދާ އުމަރު ބުނީ ބިއްލޫރިތަކުގެ ދަށުގައި އާސިމް ތާށިވެފައި ގިނައިރުތަކެއް ވުމުގެ ސަބަބުން އޭނާގެ ހުންްކޮށި ފަޅައިގެން ގޮސް ހަށިގަނޑުގެ އެތެރެއަށް ގިނަ އަދަދަކަށް ލޭއެޅިފައިވާ ކަމަށެވެ. އަތުގެ އުޅަބޮއްޓާއި ކުޑަހުޅާއި، އުކުޅުވަޅު ބިންދައިގެން ގޮސްފައިވާ ކަމަށާއި މައިބަދަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އޭނާ އަށް ހިނގޭނެ ކަމުގެ އުންމީދެއްވެސް ނެތް ކަމަށް ބޮޑުދައިތަ ބުނެފައި ވެއެވެ.

ނަމަވެސް އޮޕަރޭޝަނަށްފަހު އާސިމްގެ ހާލު އިތުރަށް ގޮސްވެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި އާސިމް ވަނީ މަރުވެފަ އެވެ. އާސިމްގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހުގަ އެވެ.

މިހާދިސާ ހިނގީ ކޮންޓެއިނާ އަކުން ބިއްލޫރި ޝީޓުތަކެއް ނެގުމަށް ފޯކްލިފްޓަށް އެރުވުމުގެ މަސައްކަތް ކުރަނިކޮށް ފޯކްލިފްޓް ބެލެންސް ނުވުމުގެ ސަބަބުންނެވެ. އެވަގުތު އާސިމްގެ އިތުރުން އިތުރު ދެ މީހަކުވެސް ކޮންޓެއިނާ ތެރޭގައި ތިއްބެވެ. އެ ދެމީހުންގެ ތެރެއިން އެކަކަށް މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެފައިވާއިރު އަނެކަކަށް އެކި ވަރުގެ އަނިޔާ ވެފަ އެވެ. އޭނާގެ ދެފައި ބިނދިފައިވާއިރު އަތުންވެސް ވަރަށް ބޮޑުތަނެއް ކަނޑައިގެން ގޮސްފައި ވެއެވެ. އާސިމް ތާށިވީ ބިއްލޫރި ޝީޓުގެ ދަށުގައެވެ. އާސިމް ނެގޭނެ ގޮތެއް ނެތިގެން އެންމެ ފަހުން ކޮންޓެއިނާ ކަފާލުމަށްފަހު އޭނާ ނަގާފައިވަނީ ހާދިސާ ހިނގިތާ ގަޑިއެއްގެ އިރަށްވުރެ ވެސް ގިނަ އިރު ވީ ފަހުންނެވެ.

އާސިމް ދަންނަ މީހުން ބުނާ ގޮތުން އާސިމް އަކީ ވަރަށް މަޑުމައިތިރި ހިތް ހެޔޮ ޒުވާނެކެވެ. އާއިލާގެ އެންމެނާވެސް ގުޅޭ އަބަދުވެސް ހެވިފައި ހުންނަ އާސިމް މިއަދު ދުނިޔެ ދޫކުރިއަސް އޭނާގެ ހަނދާންތައް އޭނާ ދަންނަ އެންމެނާ އެކުގައި އަބަދުވެސް ވާނެއެވެ.

އެމްޕީއެލް ތެރޭގައި ހިނގި މިހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް އެތަނުގެ އިސްވެރިން ވަނީ ބުނެފަ އެވެ.