އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް ލިބުނު ތަށިބަރި އާއެކު، ދިވެހިންގެ ލޯތްބާއި އަޅައިލުން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެއްވިއްޖެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ސަފީރު ކެރޮން ރޮސްލާ، ތަށި ބަރިއަކާއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިން އެކަކު އަނެކަކަށް ތަށިބަރި ހަދިޔާ ކުރާކަން މީގެ ކުރިންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއީ މި ރީތި އާދަކާދަ އޭނާ ތަޖުރިބާ ކުރެއްވި ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.

ކެރޮން ވިދާޅުވީ އޭނާ ދިރިއުޅުއްވާ ގޭގައި މަސައްކަތްތަކެއް ކުރައްވާތީ އިއްޔެ އޭނާ މެންދުރު ހުންނެވީ ފަރިއްނުކުޅުއްވައި ކަމަށެވެ. އަދި އެކަން އަވަށްޓެރިޔަކަށް އެނގިގެން ކާއެއްޗި އަޅާފައި ހުރި ތަށިބަރިއެއް ގެންފޮސްދިން ކަމަށެވެ.

އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަވަށްޓެރިޔާގެ ފަރާތުން ލިބިވަޑައިގެންނެވި ތަށި ބަރީގައި ހިކިމަސް އަޅާފައި ކައްކާފައި ހުރި މީރު މުގުރިހަ ހުރި ކަމަށާއި މިއީ ދިވެހިން އަވަށްޓެރިންނަށް ކަމޭހިތާކަމުގެ ރީތި މިސާލެއް ކަމަށެވެ. އަދި ހަވާދުގެ ބާވަތްތަކަކީ އިނިގިރޭސިންނަށް ކަމުދާ އެއްޗެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ތިމާވެއްޓާއި ރައްޓެހި ތަށިބަރިއެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި މި އޮންނަ ރީތި ސަގާފަތް ތަޖުރިބާ ކުރެއްވުން އެއީ އޭނާ އަށް ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށެވެ.

ކެރޮލިން އާންމު ކުރި ތަށި ބަރީގެ ފޮޓޯ އިން ފެންނަނީ މުގުރިހަ އާއި ކުޅިމަސް އަދި ކާނާގެ އިތުރު ބާވަތެކެވެ.