އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތިން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް ކަމަށެވެ. އަދި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސް އާއި ހ. ފެހިއާލާ މަރްޔަމް ލައިޒާ ކަމަށެވެ.
އާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރި ޖިހާދާ އަނީސް އެންމެ ފަހުން އަދާކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރުގެ މަގާމެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސްގެ އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވެއެވެ. ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައިއެމްއޯ އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓާސް އޮފް ލޯސް އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.
އޮމްބަޑްސްޕަސަންގެ މަގާމަށް އައްޔަންކުރި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި ހިއުމަންރައިޓް ކޮމިޝަނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާކުރައްވާފައެވެ. ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަސިޓީއިން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން އަދި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިންތިގާލީ އިންސާފުގެ ބިލު ރައީސް ތަސްދީގުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މި ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ ދަށުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް އުފެދިގެންދާނެއެވެ. ރައީސް ވަނީ އެ އޮފީސް މިހާރު އުފައްދަވައިފައެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.
މި ގާނޫނުގައިވާ ގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި އެ އޮފީހުން މައްސަލަތައް ބަލައި ނިންމަން ޖެހެއެވެ. މި އޮފީހަކީ ތިން އޮންބަޑްސްޕާސަންގެ މައްޗަށް އެކުލެވޭ އޮފީހެކެވެ. އޮންބަޑްސްޕާސަން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މި ގާނޫނުގައި އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ނަގައިދޭނެ ގޮތްތަކާއި އޮންބަޑްސްޕާސަންގެ އޮފީހުން ބޭރުން މައްސަލަ ހައްލުކުރާނެ ގޮތްތައްވެސް ހިމަނާފައިވެއެވެ. އަދި އަނިޔާ ލިބުނު ފަރާތާއި އަނިޔާވެރިވި ފަރާތް ސުލްހަވެރި ކުރުމަށްވެސް ބިލުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު