ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑް ބަލިކޮށް، އެތުލެޓިކް ބިލްބާއޯއިން ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ހަތަރު ޓީމުގެ މައްޗަށް އެކުލެވޭ ގޮތަށް ކުރިއަށްދާ ސުޕަ ކަޕްގެ ފައިނަލްގައި ބިލްބާއޯއިން އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. ބާސާއިން ފައިނަލްގެ ޖާގައެއް ހޯދީ ސެމީފައި ރެއާލް ސޮސިއެދާދު ކަޓުވާލުމަށްފަހުއެވެ. ފައިނަލް ކުޅޭނީ ސެވިއްޔާގެ ދަނޑުގައެވެ.

ރޭގެ މެޗުގައި ބިލްބާއޯއިން ޖެހި ދެ ގޯލްވެސް ޖެހީ ރައުލް ގާސިއާއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ގާސިއާ ފުރަތަމަ ގޯލް ޖެހީ ތުރޫ ބޯޅައަކަށް ރެއާލްގެ ޑިފެންސް ތެރެއިން ދެމި ގަނެ، ފަސޭހަކަމާއެކު ގޯލަށް ބޯޅަ ވައްދާލައިގެންނެވެ. ހާފް ނިމުމުގެ ކުރިން ބިލްބާއޯއިން ނަތީޖާގެ ފަރަގަ ބޮޑު ކުރިއެވެ. ރެއާލްގެ ލޫކަސް ވަޒްކުއޭޒް އޭރިއާ ތެރެއިން ބިލްބާއޯގެ އިންޑިގޯ މާޓިންއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބު ކޮށްދިނީ ގާސިއާއެވެ.

މެޗު ނިމެން 17 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ރެއާލްއިން ގޯލެއް ޖަހައި ހިތްވަރު އާކުރިއެވެ. ކަރިމް ބެންޒެމާ ޖެހި ގޯލާއެކު ކުރިއަށް ޖެހި ކުޅުން ރަނގަޅު ކުރި ނަމަވެސް އެޓީމަށް ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފަހު ވަގުތުގައި ބެންޒެމާ ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް ރެފްރީ އެ ގޯލް ދީފައެއް ނުވެއެވެ. ވީއޭއާރުން ނިންމީ ބޯޅަ ޖެހިއިރު ބެންޒެމާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ.