އެކުވެނި ޓްރެކް

އުސޫލުތަކަކާއެކު އަންނަ އާދީއްތަ ދުވަހު މާލޭ ސިންތެޓިކް ޓްރެކް އާންމުންނަށް ހުޅުވާލަނީ

އަމަލުކުރަން ޖެހޭ އުސޫލުތަކެއް ކަނޑައަޅައި، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް އާންމުންނަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.

މާލޭ ދުވާ ޓްރެކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، އެތަނަކީ އާންމުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ޒަމާނީ ޓްރެކަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވެލި ޓްރެކް ސިންތެޓިކަށް ބަދަލުކޮށް މިހާރު ވަނީ ނިންމާލައިފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ޓްރެކް ގާއިމުކޮށް ނިންމާލީ އެކިއެކި ފަރާތްތަކުގެ އެހީއާއެކުގައެވެ. އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މިނިސްޓަރު މަހުލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި އާންމުން ޓްރެކް ބޭނުންކުރުމަށް ހާއްސަކޮށް ކަނޑައަޅާފައި އުސޫލުތައްވެސް ވަނީ އިއުލާންކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އާންމުންނަށް ޓްރެކް ހުޅުވާލާނީ މިމަހުގެ 17 ވަނަ ދުވަހުގައި ކަމަށާއި އާންމުންނަށް ބޭނުންކުރުމަށް ކަނޑައަޅާފައި ގަޑިއަކީ ހެނދުނު 5:00 އިން 8:00 އަށް އަދި ހަވީރު 6:00 އިން މެންދަމު 12:00 އަށް ކަމަށެވެ. ޓްރެކަށް އެރޭނީ ހަމައެކަނި ދުވާ ބޫޓެއްގައެވެ. ކުރިން ވެލި ޓްރެކްގައި ފުޓުބޯޅަ ބޫޓާއި ޓްރެއިނިން ބޫޓުގައި ދުވި ނަމަވެސް، މިހާރު އޮތް ސިންތެޓިކް ޓްރެކުގައި އެ ބޫޓުތައް ބޭނުން ކުރުން މަނާ ވާނެއެވެ.

ކަސްރަތަށް ބޭނުންކުރާ ބަރު އުފުލުމާއި، ޓަޔަރު ފަދަ ތަކެތި ޓްރެކް ސަރަހައްދުގައި ބޭނުންކުރުންވެސް މަނާވާނެއެވެ. އޭގެ އިތުރުން އާންމުންނަށް ހާއްސަކޮށްފައިވަނީ ވަކި ލޭންތަކެކެވެ. އެންމެ އެތެރޭގެ ތިން ލޭން އެތުލެޓިކްސް އެސޯސިއޭޝަނަށް ހާއްސަކޮށްފައިވާ އިރު، ހަތަރުވަނަ ލޭނުން ހަތްވަނަ ލޭނަށް ބޭނުން ކުރާނީ ދިގު ދުވުންތެރިންނެވެ. އާންމުން ހިނގައި، ޖޮގިން ކުރުމަށް ބޭނުން ކުރާނީ އެންމެ ބޭރު ދެ ލޭނެވެ.

އެއްވެސް ގޮތަކަށް ޓްރެކް ތެރޭގައި ކާ އެއްޗެއް ބޭނުން ކުރުމަކީވެސް މަނާ ކަމެއް ކަމަށް މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. ޓްރެކްގެ މެދުގައިވާ 35 ޔާޑްގެ ކްރިކެޓް ޕިޗް ބޭނުން ނުކުރުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

ސަރުކާރުން 1996 ވަނަ އަހަރު ތަރައްގީކުރި ވެލި ޓްރެކުގައި އާންމުން ކަސްރަތުކުރުމުގެ އިތުރުން ބައެއް އަމިއްލަ އެކަޑަމީތަކާއި ކަސްރަތު ކްލާސްތައް ވެސް ބާއްވައެވެ. އަދި ހުޅުމާލޭގައި 2018 ވަނަ އަހަރު ސިންތެޓިކް ޓްރެކެއް އެޅުމާ ހަމައަށް އެތުލެޓިކްސް މުބާރާތްތަކާއި ޕްރެކްޓިސްތަކަށް އެތަން ބޭނުންކުރިއެވެ. މިހާރު ރަސްމީކޮށް ހުޅުމާލޭ ޓްރެކް އެތުލެޓިކްސްގެ ހަރަކާތްތަކަށް ބޭނުން ކުރަމުން އަންނަ އިރު، މާލޭ ރައްޔިތުން އާންމުކޮށް ކަސްރަތު ފަދަ ބޭނުންތަކަށް އެ ޓްރެކަށް ދިއުން ވަނީ އުނދަގޫ ކަމަކަށެވެ.

އެތައް ދުވަހެއް ވަންދެން މަރާމާތެއް ނެތި އޮތުމަށްފަހު ވެލި ޓްރެކްޓް ސިންތެޓިކް ވެގެން ދިއުމަކީ ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބޭނެ ކަމެކެވެ. ހާއްސަކޮށް އަމިއްލަ ފަރާތްތަކުން ހިންގާ ކްލާސްތަކާއި އެކަޑެމީތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.