މިއަދު ހަވީރު އެކުވެނި ކައިރީގައި އެކްސިޑެންޓެއް ހިނގަން މެދުވެރިވީ، އެކްސިޑެންޓްވި ކާރު، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެމްޓީސީސީ ބަހުގައި ޖެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 18:09 އެހާކަން ހާއިރުއެވެ. އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެކުވެނި ދަނޑު ކައިރި ބޭރުން މަގުން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެގޮސް ބަހުގައި ޖެހިގެން ކަމަށެވެ.
އައިޖީއެމްއެޗް މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ފަރުވާދެމުން ދަނިކޮށް، މީގެ ކުޑަ އިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އަންހެނެކެވެ. އަދި އިތުރު ތިން މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުން ދެންމެ ބުނީ، އެ އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުން ކަމަށެވެ. އެ އެންމެނަށް ވެސް ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ތިން މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ. އަދި އެ ތިން މީހުން އަދިވެސް ހޭ ނާރާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެކްސިޑެންޓްގައި ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުންވެ، ކާރު ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހަށްވެސް ގެއްލުންވެފައިވާއިރު، ބަހުގެ ކުރީކޮޅު އޮތީ ބަނޑިވެފައެވެ. އަދި އަނެއް ކާރަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު