އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރީ، ސުކޫކް ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ރަހުނު ކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއް ލީކުވި މައްސަލައިގައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިއަހަރު ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވިއްކަން ހެލްތު މިނިސްޓްރީގެ ނަމުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލް އަޅާފައިވާ ބިން ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކޮށް، އެތަން ރަހުނު ކުރަން އުޅޭ ކަމުގެ ސިޓީއެއް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މީސް މީޑިއާގައި ލީކްވެފައިވެއެވެ. އެކަމާ ގުޅިގެން އޭރު ފިނޭންސް މިނިސްޓްރީން ބުނީ ސުކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނާޝިފް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ވެސް އެ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށެވެ.

މުންދު ވަނީ 16 ނޮވެންބަރު 2020ގައި އޭނާގެ ފޭސްބުކް ޕޭޖުގައި އެ ސިޓީ ޝާއިއުކޮށްފައެވެ. އެ މައްސަލައިގައި މީގެ ކުރިންވެސް އޭނާ ފުލުހަށް ހާޒިރުކޮށްފައިވާ އިރު، މުންދު ތުހުމަތުކުރައްވާ ގޮތުގައި ފުލުހުން މައްސަލަ ބަލަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެދިވަދައިގަތުމަކަށެވެ.

މުންދު ވިދާޅުވީ، އެ ސިޓީ ފޭސްބުކްގައި ޝާއިއުކުރީ ސައްހަކަން ކަަށަވަރުކުރުމަށް މަސައްކަތްކުރުމަށް ފަހުގައި ކަމަށާއި ކޮންމެ ގޮތަކަށް އެ ސިޓީ ލީކުވެފައިވީ ނަމަވެސް، އެއީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުތަކުގެ ދަށުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާއި ވިސްލްބްލޯވާ ގާނޫނެއްވެސް މިހާރު އޮވޭ. އެ ގާނޫނުތަކުގެ ދަށުން، މިއީ އަދި ކޮންމެ މީހަކު ކޮންމެ ގޮތަކަށް ލީކުކުރި ސިޓީއެއް ނަމަވެސް، އެ މައްސަލަ ބަލައި، އެ ލީކު ކުރި މީހަކާ ދޭތެރޭ ފިޔަވަޅު އެޅޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް އޭނާގެ ފޯނު ދިނުމަށްވެސް ފުލުހުން އެދުނު ކަމަށާއި ނަމަވެސް ކޯޓު އަމުރެއް ނެތި ފޯނު ނުދޭނެ ކަމަށެވެ.

މުންދު ފުލުސް އޮފީހަށް ހާޒިރުކުރީ މިއަދު މެންދުރުފަހު 3:00 ގައެވެ.