މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ޒިޔާރަތްކުރައްވަން މިއަދު ފައްޓަވައިފިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.
ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިނިސްޓަރު ޒިޔާރަތްކުރައްވަމުން ގެންދަވަނީ މި މަސައްކަތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީއާއި، ވަކިން ހާއްސަ ގޮތެއްގައި މިކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމުގައި ސީނިއާ މެނޭޖްމަންޓުގެ ދައުރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
މިނިސްޓަރު މިއަދު ބައްދަލުކުރައްވައިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، އެލައިޑް އިންޝުއަރެންސް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީނިއާ މެނޭޖްމަންޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެވެ. މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެ ފަރާތްތަކުގެ އެއްބާރުލެއްވުން ބޭނުންވާކަން ފާހަގަކުރައްވައި، އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.
މިމަހުގެ ނިޔަލަށް ދައުލަތުގެ 15 އިދާރާ އަދި ކުންފުންޏަކާ އެންޑީއޭ އިން ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު