ހެލްތު މިނިސްޓަރުގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ހެލްތު މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހ. ފޭވާ، ސަފިއްޔާ މުހައްމަދު ސައީދު އެވެ.

ސަފިއްޔާ މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ސަފިއްޔާ އަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންގްހަމްއިން މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަސިޓީއިން ބެޗެލާ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ހާސިލުކުރައްވާފަ އެވެ.